މުހައްމަދު ޝަހީބު

"މުސާރަ ބޮޑުކުރަން ނިންމީ މަޝްވަރާނުކޮށް، ބޭނުމަކީ ނަފުރަތު އުފެއްދުން"

ދައުލަތުގެ އެންމެ އިސްވެރިންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ މަޝްވަރާނުކޮށް ކަމަށާއި ބޭނުމަކީ ރައްޔިތުންގެ ހިތްތަކުގައި ނަފުރަތު އުފެއްދުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.

ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ޝަހީބު މިހެން ވިދާޅުވީ ދައުލަތުގެ އެންމެ އިސްވެރިން ހިމެނޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރަތައްވެސް ބޮޑުކުރަން މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ފާސްކޮށްފައި ވަނިކޮށެވެ.

ޝަހީބު ވިދާޅުވި ގޮތުގައި ރައީސުލްޖުމްހޫރިއްޔާއާ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު އަދި ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް ކޮމިޓީން ނިންމީ ރައީސްގެ އެދިވަޑައިގަތުމަކާ ގުޅިގެން ނޫނެވެ. އަދި އެއީ ރައީސް ތާއީދުކުރައްވާ ނިންމުމެއް ނޫން ކަމަށްވެސް ޝަހީބު ވިދާޅުވި އެވެ.

"ސަރުކާރުގެ އެންމެ އިސް މަސްއޫލުވެރީންގެ މަޝްވަރާއެއްވެސް ހޯއްދެވުމަކާނުލައި މިފަދަ ހައްސާސް ނިންމުމެއް އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް އޮތް ކޮމެޓީއަކުން މި ދަނޑިވަޅު ނިންމެވީ ސަރުކާރާމެދު ރައްޔިތުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށްކަމުގައި ދެކެން،" ޝަހީބު ވިދާޅުވި އެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ވަނީ މަޖިލީހުގެ މެންބަރުންގެ މުސާރަ އެއްލައްކަ ރުފިޔާއަށް ބޮޑުކުރުމަށް ފާސްކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުން މުސާރަތައް ކަނޑައަޅާ މަގާމުތަކުގެ މުސާރަތައް މުރާޖައާ ކުރުމަށް މާލިއްޔަތު ކޮމިޓީން ބޭއްވި ނުރަސްމީ ބައްދަލުވުންތަކަށްފަހު މުސާރަތަކަށް ގެންނަ ބަދަލުތަކުގެ ކަރުދާސް މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމެއްގެ ގޮތުގައި ހުށަހެޅުއްވީ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބް އަބްދުﷲ އެވެ. މިހުށަހެޅުމަށް ތާއީދުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ އެވެ.

މުސާރަތަކަށް ގެންނަ ބަދަލުތައް ހިމެނޭ ކަރުދާހުގައި ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މަޖިލީހުގެ ބޭފުޅުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކާއި މޭޔަރުންނާއި ކައުންސިލަރުންގެ މުސާރަތައް ބޮޑުކުރުމަށްވެސް ހިމަނާފައިވެ އެވެ.