ސިވިލް ކޯޓް

ބޭރުގެ ޔޮޓެއް ރާއްޖެއިން ފުރުން މަނާކޮށްފި

ދިވެހި ކުންފުންޏެއް ކަމަށްވާ ސީލް މޯލްޑިވްސް ޔޮޓް ސަޕޯޓް ޕްރައިވެޓް ލިމިޓެޑަށް ދައްކަންޖެހޭ ފައިސާ ނުދައްކާތީ މާޝަލް އައިލެންޑްސްގައި ރަޖިސްޓްރީކޮށްފައިވާ ބޭރުގެ ޔޮޓެއް ރާއްޖެއިން ފުރުން މަނާކޮށްފި އެވެ.

ބީއެސް ސްޓާ ޝިޕިން އިންކް ކުންފުނިން އޮޕަރޭޓް ކުރާ "ކަޓީނާ"ގެ ނަން ދީފައިވާ ޔޮޓް ރާއްޖެއިން ފުރުން މަނާކުރީ އިއްޔެ ސިވިލް ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

ސީލް މޯލްޑިވްސް އިން ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ ޑިސެމްބަރު 7، 2021 އިން ފެށިގެން މާޗް 21، 2022 އަށް ކަޓީނާ އެ ކުންފުނީގެ އެޖެންޓް ކަމުގައި ރާއްޖެ އައިސް ހޯދާފައިވާ ހިދުމަތްތަކަށް ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

އެހެންވެ ސީލް މޯލްޑިވްސް އިން ކޯޓުގައި އެދިފައިވަނީ ކަޓީނާ އިން ނުދައްކާ ހުރި ފައިސާއާއި އިންވޮއިސްގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހި ނުދައްކާ އޮތް 180،301.35 ޑޮލަރު ނުދައްކަނީސް ކަޓީނާ ފުރުން މަނާކޮށްދިނުމަށެވެ.

ސިވިލް ކޯޓުގެ އިސް ގާޒީ މަރިޔަމް ވަހީދު ނެރުއްވި އަމުރުގައިވަނީ ސީލް މޯލްޑިވްސް އިން ކުރާ ދައުވާ އާއި ގުޅިގެން ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު މައްސަލަ ކޯޓުން ނުނިންމަނީސް ކަޓީނާ ރާއްޖެއިން ފުރައިގެން ގޮސްފިނަމަ ސީލް މޯލްޑިވްސްއަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އެހެންވެ ކޯޓުން ވަކި އެއްޗެއް އަންގަންދެން ކަޓީނާ ފުރުން މަނާކުރުމަށް އެ ޔޮޓް އޮޕަރޭޓް ކުރާ ކުންފުނި -- ބީއެސް ސްޓާ ޝިޕިން އިންކްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

ބީއެސް ސްޓާ ޝިޕިން އިންކްގެ ޣައިރު ހާޒިރުގައި ނިންމާފައިވާ މިމައްސަލައިގެ އަމުރުގައި ކޯޓުން ވަކި ގޮތެއް ނާންގަނީސް ކަޓީނާއަށް ފުރައިގެން ދެވޭނީ ދައްކަންޖެހޭ ފައިސާ ކޯޓުގައި ބެހެއްޓުމަށްފަހު ކަމަށްވެސް ކަނޑައަޅާފައިވެ އެވެ.

ކަޓީނާ މިވަގުތު ރާއްޖެ އައިސް އޮތީ އެހެން އެޖެންޓެއްގެ އެހީތެރިކަމާ އެކު އެވެ.