މިސްކިތް

މިސްކިތްތައް އަޅާ ކުންފުނިތަކަށް 22 މިލިއަން ރުފިޔާ ދީފި

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މިސްކިތްތައް އަޅަމުންދާ ކުންފުނިތަކަށް ނުދީ ހުރި ފައިސާގެ ތެރެއިން 22 މިލިއަން ރުފިޔާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 20 ކުންފުންޏަކަށް ފައިސާ ނުދީ އޮތް ކަމަށެވެ.

ރައީސް މުއިއްޒުގެ އަމާޒަކީ ވީއެންމެ އަވަހަށް ހުރިހައި ކުންފުނިތަކުގެ ބިލްތަކަށް ފައިސާ ދީ ހުއްޓިފައިވާ މިސްކިތްތަކުގެ މަޝްރޫއުތައް އަވަހަށް ނިންމުން ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

މިސްކިތްތައް އަޅަމުންދާ ބައެއް ކުންފުނިތަކަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ހުރުމުން ބައެއް މިސްކިތްތަކުގެ މަސައްކަތް ހުރީ ހުއްޓިފަ އެވެ.

އިސްލާމިކް މިނިސްޓްރީން ވަނީ މިސްކިތްތައް އަޅާ ކުންފުނިތަކުގެ ވެރިންނާ ބައްދަލުކޮށް ކުންފުނިތަކަށް ހުރި ދަތިތައްވެސް ބަލާފަ އެވެ.