ވާހަކަ

މިލްކުވާނެބާ

(17 ޑިސެމްބަރ 2023 އާ ގުޅޭ )

"ނެތް ދާނޭތަނެއް." ރޮވެމުންދިޔަ މިޔާއަށް ބުނެލެވުނެވެ.

އިރުކޮޅަކު ހިމޭނުން އިނުމަށްފަހު އިޒީކިއަލް ގޮވާލީ ހިލްމީ އަށެވެ. އެއާއެކު ހިލްމީ ދެނެގެންފި އެވެ. އޭނާ ކާރު ދުއްވާލި އެވެ. މިޔާ ދެ ލޯ ފުހެލައި އިސްއުފުލާލި އެވެ. ކާރު ދުއްވާލުމުންނެވެ.

"ކޮންތާކަށް މިދަނީ." މިޔާއަށް އަހާލެވުނެވެ.

"ގެއަށް." އިޒީކިއަލް ބުންޏެވެ.

ހައިރާންކަން މިޔާއަށް ލިބުނެވެ. ކާރުގެ ދޮރުފަތުން މަގުމައްޗަށް މިޔާ ބަލަންފެށި އެވެ. ކާރު ދަތުރު ކުރަމުން އައިސް ހުޅުމާލެއަށް ދާން އޮންނަ ބްރިޖަށް އެރި އެވެ. މިޔާ އިނީ ޖެހިލުންވެފަ އެވެ. އޭނާ އެ އިނީ މީގެ ކުރީން ދުވަހަކުވެސް ދުށް މީހަކާއެކުއެއް ނޫނެވެ. އިޒީކިއަލްއަކީ ކޮންކަހަލަގެ މީހެއްކަން ބުނަން އެނގެނީއެއް ނޫނެވެ. އެހެންވިޔަސް އޭނާގެ ކާރުގައި މިޔާ އެ އިނީ އިޒީކިއަލް ގެންދާ ތަނަކަށް ދާން ޤަބޫލުވެގެން އިން ފަދަ އިންނެވެ. ސުވާލުތަކުން ހިތާއި ސިކުނޑި ފުރިފައިވީއިރު ވެސް މިޔާ ބޭނުންވީ އިޒީކިއަލްއަކީ ހިތްހެޔޮ އިންސާނެއްކަން ޤަބޫލުކުރާށެވެ. އޭނާއަށް ޖެހިފައިވާ ހާލު އެނގި ރަހުމުކޮށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލަދޭނެ ފަދަ މީހަކަށް އިޒީކިއަލް ވުމެވެ.

އިޒީކިއަލް ދިރިއުޅޭ އިމާރާތުގެ ޕާކިން ސަރަޙައްދަށް ހިލްމީ ކާރު މަޑު ކުރި އެވެ. އޭނާ ކުރީބައިގައި ފައިބައިގެން އައިސް ފަހަތު ދޮރުފަތް ހުޅުވާލި އެވެ. މިޔާ ފޭބުމަށް ހިލްމީ އެހީތެރިވި އެވެ. އޭރު ކާރުގެ އަނެއްފަރާތުން އިޒީކިއަލް ފައިބައިފި އެވެ.

"ހިލްމީ. އޭނާ ހުންނަން ގެސްޓްރޫމް ތައްޔާރުކޮށްލާ. އަހަރެން މިރޭ ނުކާނަން. އެހެންވީމަ އޭނާ ބޭނުންވާ އެއްޗެއް އޭނާއަށް ގެނެސްދީ." މިޔާއަށް އެހީވަމުން ދިޔަ ހިލްމީއަށް ބަލަން ހުރެ އިޒީކިއަލް ވާހަކަދެއްކި އެވެ. އަދި އޭނާ ބުނަން ބޭނުންވީ އެއްޗެއް ބުނުމަށްފަހު ހިނގައިގަނެއްޖެ އެވެ.

މިޔާ ގޮވައިގެން ހިލްމީ އައިސް ވަނީ އިމާރާތުގެ ޕެންޓްހައުސްއަށް ކަން ލިފްޓުގެ ތެރެއިން ވެސް ދެނެގެންފި އެވެ. އިޒީކިއަލްއަކީ ތަނަވަސް ދިރިއުޅުމެއް އުޅޭ ޒުވާނެއްކަން މިޔާގެ ސިކުނޑިއަށް ނަގައިގަންނަން އުނދަގުލެއް ނުވި އެވެ. މިއަދާ ޖެހެންދެން ޚުދު މިޔާ ވެސް އުޅުނީ މުއްސަނދިކަމުގެ ތެރޭގަ އެވެ. އެކަމަކު ބައްޕަގެ މަރާއެކު ހުރިހާ އުފަލަކުން އޭނާ މަހުރޫމް ވެއްޖެ އެވެ. ހިތްދަތިކަމުގެ ޚިޔާލުތައް މިޔާގެ ސިކުނޑިން އެއްފަރާތްވެލީ އިޒީކިއަލްގެ އެޕާޓްމެންޓުގެ ތެރެއަށް ވަދެވި އެތަނުގެ ފުރިހަމަކަން ފެންނަން ފެށުމުންނެވެ.

"މިތާ މަޑުކޮށްލާ. ކޮޓަރި ރެޑީކޮށްލާނަން." ހިލްމީ މިހެން ބުނެ މިޔާއަށް ދެއްކީ ސޯފާ އެވެ.

ކިޔަމަންތެރިކަމާއެކު މިޔާ ސޯފާގައި އިށީނެވެ. ހިލްމީ ލޯ މަތިން ގެއްލުމުން މިޔާ ވަށައިގެން ނަޒަރު ހިންގާލި އެވެ. އެތަނުގައި ގިނަބަޔަކު ދިރިއުޅޭކަމުގެ ހިލަމެއް އޭނާއަށް ނުވި އެވެ. ގެއަށްކަން ދަނީ އިޒީކިއަލް ބުނުމުން މިޔާއަށް ހީކުރެވުނީ ޢާއިލާއަކާ ބައްދަލުވާނޭ ކަމަށެވެ.

"ޢާއިލާއެއް ނެތީ ކަންނޭނގެ. އަހަރެން ގޮތައް މައިންބަފައިން ދުނިޔޭގެ ނެތީކަމަށް ވެދާނެ. އަހަރެން ދާނޭ ތަނެއް ނެތޭ ބުނީމަ ހިޔެއް ނުކުރަން މިގޮތަށް އޭނާ ދިރިއުޅޭތަނަށް ގެނެސްފާނެއޭ. ރަނގަޅު މީހުން ވެސް އުޅޭކަން އޭނާ އެ ބުނެދިނީ." އިޒީކިއަލްއާ މެދު ވިސްނަން މިޔާ އިންދާ ހިލްމީ އެނބުރި އަތުވެއްޖެ އެވެ. އަދި މިޔާއަށް ތައްޔާރު ކުރެވުނު ކޮޓަރިއަށް އޭނާ ގެނެސްދިނެވެ.

"ކޯއްޗެއް ކާން ބޭނުމީ." ހިލްމީ އަހާލި އެވެ.

"އަޅުގަނޑަށް ކޮންމެ އެއްޗެއް ވެސް ކެވޭނެ. އެލާޖިކް ފުޑްއެއް ނެތް." މިޔާ ބުންޏެވެ. ހިލްމީ އެ ކޮޓަރިން ނުކުތީ ކާން ތައްޔާރު ކުރެވުމުން ގޮވާލާނަން ކަމުގައި ބުނެފަ އެވެ. އަދި އެހާތަނަށް އަރާމުކޮށްލަން މިޔާ ގާތު އޭނާ ބުންޏެވެ.

އެނދުގައި ދެ ފައި ދަމާލައިގެން ހެޑްބޯޑުގައި މިޔާ ލެނގިލި އެވެ. މިޔާ އިނީ ބަނޑުހައިވެފަ އެވެ. ހަވީރު ލުހާމްއާއެކު ރެސްޓޯރެންޓަށް ގޮސްފައި ވެސް އޭނާ ގަދައަށް ސައެއް ނުބޮ އެވެ. އިރުއޮއްސުމުގެ ކުރީން ބައްޕައާ ބައްދަލު ކުރާން އެއްބަސްވެފައި އޮތުމުންނެވެ.

"ބައްޕާ." މަޒީދުގެ ހަނދާން އާވުމާއެކު މިޔާއަށް ރޮވިއްޖެ އެވެ.

ކުއްލި މަރަކުން ބައްޕަ މަރުވީއިރު އެއީ ކިހިނެއް ހިނގި ކަމެއްކަން ވެސް މިޔާއަކަށް ނޭނގެއެވެ. އެކަމާ ވެސް އޭނާގެ ޟަމީރާއި ސިކުނޑި ސުވާލު އުފައްދަ އެވެ. ބައްޕައަށް ވީގޮތެއް އޭނާއަށް އެނގެން ޖެހޭނެކަން ޤަބޫލުކުރެވެ އެވެ.

"ހުރިހާ ކަމެއްގެ ފަހަތުގައި ހުރީ ދޮންތައޭ މިހާރު ހީވޭ. ބައްޕަގެ ހުރި ހަމައެކަނި ދަރިއަކީ އަހަރެން. ބައްޕައަށް ކަމެއްވުމުން އެންމެ ކައިރީގައި ހުންނަން ޖެހޭނެ މީހަކީ ވެސް އަހަރެން." މިޔާގެ ހިތް ޖަޒުބާތުތަކުން ފުރެމުން އައެވެ.

އެރޭ މިޔާ ނިދަން ވަންއިރު ވެސް ގޭތެރެއިން އިޒީކިއަލްއެއް ނުފެނުނެވެ. ހަމައެއާއެކު މިޔާއަށް އެރޭ ނިދުން ފަސޭހައެއް ނުވި އެވެ. ދެއަތަށް ފުރޮޅި އޭނާއަށް ޖެހިފައިވާ ހާލާމެދު ވިސްނާ ފިކުރު ކުރުން ނޫންކަމެއް ނުކުރެވެ އެވެ. ދޭތެރެއަކުން ރޯލާފައި ހުއްޓާލަ އެވެ. މާދަމާއަށް އިރު އެރުމުން އޭނާއަށް އޮތީ ކޮންގޮތެއް ކަމެއް މިޔާއަކަށް ނޭނގެ އެވެ. ޚިޔާލުތަކުން ސިކުނޑި ފިއްތަމުން ދަނިކޮށް ހަށިގަނޑުގެ ވަރުބަލިކަން ކުރި ހޯދި އެވެ. މިޔާއަށް ދެ ލޯ މަރާލެވުނެވެ.

* * * * *

މިޔާއަށް ހޭލެވުނީ ހެނދުނު ނުވައެއް ޖަހާ ދިޔަ ފަހުންނެވެ. މޫނު ދޮވެލަން ފާޚާނާއަށް މިޔާ ވަންއިރު ބޭނުންވާނޭ ހުރިހާ އެއްޗެއް އެތަނުގައި ހުރިތަން ފެނުނެވެ. މޫނު ދޮންނަ ތަށި ހަރުކޮށްފައިވާ މާބަލް ހިލަމަތީ ކަވަރުން ނުނައްޓާ އޮތް ދަތްއުނގުޅާ ބުރުހަކާއި ބޭސްފުޅި އޮތެވެ. އެހެންވެ މިޔާ އަވަސްވެލީ ދަތްއުނގުޅާލުމަށެވެ. ރޭ ހަތަރުދަމު އޭނާ އެ ހުރީ ސަހަރާއަށް ދާން ލައިގެން ހުރި އަތްދިގު ކުރުތާއާއި ޖިންސުގަ އެވެ. ދަތްއުނގުޅަން ހުރެ މަޑުމަޑުން ކަނާއަތް ހިއްލާލައި އޭނާ ގައިން ވަސްބަލާލި އެވެ. ނުބައިވަހެއް ނުދިވީ ނަމަވެސް މިޔާ ބޭނުންވީ ފެންވަރާލުމަށެވެ. ފެންމާގަނޑު ދަށުގައި ހުރި މިޔާއަށް ރޮވެންފެށުނެވެ. އޭނާ އުޅެމުން އައި ދިރިއުޅުމާއި މިއަދު ޖެހިފައިވާ ހާލު ހިތަށް އަރާފަ އެވެ. އެއް ހެދުމެއް ލައިގެން މިހާ ގިނައިރު އޭނާ އުޅެފައެއް ނެތެވެ. އެހެންޏާ ނިދާގަޑީގައި އޭނާ އެނދަށް އަރާނީ ވެސް ގައިދޮވެ މޫނާއި ހަތަރެސްފައިގައި އެތައް ކުރީމަކާއި ސިރަމްތަކެއް އުނގުޅައިގެންނެވެ. ހަންގަނޑު އޮމާންކަމާއެކު ރީތިކޮށް ބެހެއްޓުމަށް އެ ހަންގަނޑަށް ބޭނުންވާ އެތައް ފަރުވާއެއް ދެ އެވެ. އިސްތަށިގަނޑު ދޮވެ ސާފުކުރުމަށް ވަކި ބްރޭންޑެއް ބޭނުންކުރާއިރު ހަށިގަނޑުގައި ލައި ސައިބޯނި ވަކި ބްރޭންޑަކުން ހޯދައި އެކަންކަމަށް މިޔާ ބޮޑު ޚަރަދެއް ކުރެ އެވެ. ފައިސާއަށް ދުވަހަކު ވެސް ދަތިވެފައި ނެތެވެ. އޭނާއަށް ރޮވެނީ އެހެންވެ އެވެ. މިހާރު ޖެހިފައި ހުރި ދަތި ހާލު އިޙްސާސް ކުރެވޭތީ އެވެ. ދަތި އުނދަގޫ ދިރިއުޅުމަކީ އޭނާ ހޭނިފައިވާ ކަމެއްނޫނެވެ.

ފެންވަރައިގެން ނުކުމެ ރީތިވާން ކުރާނޭ މާބޮޑުކަމެއް މިޔާއަކަށް ނެތެވެ. ގައިގާ ހާކާލާނޭ ލޯޝަންކޮޅެއްހާ ހިސާބު ވެސް ނެތެވެ. ކުރީން ލައިގެން ހުރި ހެދުން ލުމަށްފަހު ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީ މަޑުކޮށްލި އެވެ. މޭޒުމަތީ އޮތް ބުރުސް ނަގައި ބަލާލި އެވެ. މީހަކު ބޭނުންކޮށްފައިވާހެން ހިޔެއް ނުވެ އެވެ. އެހެންވިޔަސް އެއާމެދު މިޔާ ގަޔާނުވެ އިނދެ ބުރުހުން އިސްތަށިގަނޑު އޮމާންކޮށްލި އެވެ. އަދި ކޮޓަރިން ނުކުތެވެ. ހިލްމީ އިނީ ސިޓިންރޫމުގަ އެވެ. މިޔާ ފެންނަ އިރަށް ނާސްތާ ކުރާން އައުމަށް އޭނާ އެދިއްޖެ އެވެ.

"މީ... އިޒީ... އިޒީކިއަލް އެބައުޅޭތަ؟." ނުކެރިފައި އިނދެ މިޔާ ވާހަކަދެއްކި އެވެ. އިޒީކިއަލް އެހާ ފަސޭހައިން އޭނާއަށް އެހީތެރިވީ ކީއްވެބާއޭ މިޔާ ހިތަށް އަރަ އެވެ. އަދި އޭނާއާ ވާހަކަދައްކައިގެން އޭނާގެ ފަރާތުން މިޔާއަށް އެހީތެރިކަމެއް ލިބިދާނެތޯ ބަލަން ބޭނުންވެ އެވެ.

"އޮފީހަށް ދުރުވީ. މިޔާއަށް ބޭނުންވާ ކަމެއް އޮތްނަމަ ކޮށްދޭން ބުނެފައި ދުރުވީ." ހިލްމީ ޖަވާބު ދިނެވެ.

ހިމޭންކަމުގައި އިނދެ ސައިބޮއެގެން މިޔާ މޭޒުދޮށުން ތެދުވި އެވެ. ޚިޔާލުތަކަށް ގެއްލި ހުރެ އޭނާ އައިސް މަޑުކޮށްލީ ބެލްކަނީގަ އެވެ. ރެއިލިންގައި ދެ އަތް އަޅުވާލަމުން މިޔާގެ ނަޒަރު ދުރަށް ހުއްޓާލި އެވެ. އޭނާގެ ކޮންމެ ހަރަކާތަކަށް ހިލްމީ ބަލަން ހުރި ކަމެއް މިޔާ ނުދެނަ ހުއްޓެވެ. ރޭގައި ތަދުވާވަރުން ފައި ނޭޅިގެން އުޅުނުއިރު މިޔާގެ ހަނދާނުގައި އެކަމެއް ނެތެވެ.

"ވަޒީފާއަކަށް ނުގޮސް ދެން ލާރިއެއް ނުލިބޭނެ. ވަޒީފާއެއް ވެސް ހޯދަން މިޖެހުނީ. ހުންނާނޭ ތަނެއް ހަމަޖެހޭނެނަމަ. އާމިލްބެ ބުނި ގޮތުން ބައްޕަގެ އެއްވެސް އެއްޗެއް އަހަރެންނަކަށް ނުލިބޭނެ. އެކަމަކު އެއީ ކިހިނެއް؟. ކޮންއިރަކު ބައްޕަ ހުރިހާ އެއްޗެއް ދޮންތައަށް ދިނީ. އަހަރެން އުޅެ ބޮޑުވި ގެ ވެސް ދޮންތަގެ އެއްޗަކަށް ވާންވީ ކީއްވެ؟. އަހަރެންގެ މުސްތަޤުބަލާމެދު ބައްޕަ ނުވިސްނީތި... ވިސްނިނަމަ ދޮންތައަށް ހުރިހާ އެއްޗެއް ނުދިނީސް." ރެއިލިންގައި އަޅުވާލެވިފައިވާ އަތްމަތީ މިޔާ ގުދުވެލައި ބޯ އަޅާލި އެވެ.

ހަވީރު ހަތަރެއް ޖަހަން ކައިރިވެފައި ވަނިކޮށް އިޒީކިއަލް ގެއަށް އައެވެ. އޭނާ ކޮޓަރިއަށް އައިސް ވަނީ ހިލްމީ ކައިރީ ހަވީރު ސައި ޕެންޓްހައުސްގެ ހާމަފެންޑާއަށް ނެރެން ބުނެފަ އެވެ. ކޮޓަރިއަށް ވަން ގޮތަށް އިޒީކިއަލް އޮފީސް ހެދުން ބާލަން ފެށި އެވެ. އަދި އޭނާ ފާޚާނާއަށް ވަދެފައި ނުކުތީ ފެންވަރާލައިގެންނެވެ. އޮފީހުގައި ހޭދަކުރި ހުރިހާ ވަގުތެއްގައި އޭނާގެ ސިކުނޑީގައި ވީ މިޔާ އެވެ. އެ އަންހެންކުއްޖާއާ ވާހަކަދައްކާނޭ ގޮތަކާމެދު އޭނާ ވިސްނީ އެވެ. ދައްކަން އޮތީ އާދައިގެ ވާހަކައެއް ނޫންވީމަ އެވެ. އަދި އޭނާގެ ވާހަކަތަކަށް އެ އަންހެންކުއްޖާ ދޭނޭ ރައްދެއް ވެސް ނޭނގޭތީ އެވެ.

ހާމަފެންޑާގައި ހުރި މޭޒު މައްޗަށް އިޒީކިއަލް އެދުނު ފަދައިން ހިލްމީ ސައި ނެގިއެވެ. އިޒީކިއަލްއަށް ކަމުދާނީ ހޫނުކަމުން ދުން އަރައަރާ ހުންނަ ކޮފީކަން ހިލްމީއަށް އެނގެ އެވެ. އެހެންވެ އާދައިގެ މަތިން ހިލްމީ އިންތިޒާރުގައި ހުރީ އިޒީކިއަލް އަންނާނޭ އިރަކަށެވެ. ވަގުތުން ކޮފީތަށްޓެއް ހަދައިގެން ގެނެސްދޭން ވެގެންނެވެ.

"މިޔާ ކޮބާ؟." މޭޒު ކައިރީ އިށީން އިޒީކިއަލް އަހާލި އެވެ. އޭރު ހިލްމީ ވެސް ތައްޔާރު ކުރި ކޮފީތަށި ގެނެސް މޭޒުމަތީ ބަހައްޓަނީ އެވެ.

"ކޮޓަރީގައި." ހިލްމީ ބުންޏެވެ.

"މިތަނަށް އަންނަން ބުނޭ." އިޒީކިއަލް ބުންޏެވެ.

"ލައްބަ." ހިލްމީ މިހެން ބުނުމާއެކު ހަލުވިކޮށް ހިނގައި ގަނެއްޖެ އެވެ.

(ނުނިމޭ)