ޑރ. މުހައްމަދު މުއިއްޒު

ރަސްމާލެ ތަރައްގީކުރަނީ ބަޖެޓުން ހަރަދުކުރާ ގޮތަކަށް ނޫން: ރައީސް

މިސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދާ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ --ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދަނީ ދިވެހި ދައުލަތުގެ ބަޖެޓުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭ ގޮތަށް ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެންމެ ރަނގަޅަށް މަސައްކަތް ކުރާ ކައުންސިލްތަކަށް ދެމުންދާ ކަންގަތި އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި އެމަނިކުފާނު ބައްދަލުކުރެއްވި މީހުންގެ ތެރެއިން އެންމެ ގިނަ ބަޔަކު ދެއްކީ ބޯހިޔާވަހިކަމާ ގުޅޭ މައްސަލަތައް ކަމަށެވެ.

އެހެންކަމުން ބޯހިޔާވަހިކަމުގެ މައްސަލައިގައި އެއްވެސް ދިވެއްސަކު ކަރުނަ އަޅަން ނުޖެހޭނެ ޒަމާނެއް ގެނެސްދިނުމަކީ މަގުސަދެއް ކަމުގައި ރައީސް ވިދާޅުވި އެވެ. ފުށިދިއްގަރުފަޅު ހިއްކަނީ އެ މަގުސަދު ހާސިލްކުރަންކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެތަން ތަރައްގީކުރާނީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކުރެވޭ ހާއްސަ ޝަހަރެއްގެ ގޮތުގައި ކަމަށެވެ.

ފުށިދިއްގަރުފަޅު ހިއްކުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓުގައި 400 މިލިއަން ރުފިޔާ ސަރުކާރުން ހިމެނި އެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުން ވަނީ އެ ފައިސާ ބަޖެޓުގައި ހިމެނޭ އެހެން ކަންކަމަށް ހަރަދުކުރުމަށް ނިންމާފަ އެވެ.

މިކަމަށް އިޝާރާތް ކުރައްވާ ރައީސް ވަނީ ރައްޔިތުންގެ މަސްލަހަތު ހުރި މިފަދަ މުހިއްމު މަޝްރޫއެއްގެ ބަޖެޓު މަޖިލީހުން އުނިކޮށްލުމުން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އެކަމަކު ރައްޔިތުން ކަންބޮޑުވެވަޑައިނުގަތުމަށްވެސް ރައީސް އެދިވަޑައިގެންނެވި އެވެ. ފުށިދިއްގަރު ފަޅުގައި ތަރައްގީކުރާ "ރަސްމާލެ" އަކީ ވިންދު ހުރި ސިޓީއަކަށް ވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

"ރާސްމާލެ މި ބިނާކުރަނީ ތިމާވެއްޓާ ރައްޓެހި ޒަމާނީ ޑިޖިޓަލް ސްމާޓް ސިޓީއެއްގެ ގޮތުގައި. އެހެންވީމަ މި ފެށެނީ ދިވެހީންގެ ރަންވެހިކަމުގެ މުޅިން އައު ރަން ޒަމާނެއް. މިއީ މުޅިން އެހެން ފެންވަރެއް،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންގެ ވިންދާއި އިހްސާސް އެނގިވަޑައިގެން ކަމަށެވެ. އެހެންވެ ރަސްފަންނު މަޝްރޫއު މަސައްކަތް މިހާރު ކުރިއަށް ގެންދާ ގޮތަށް ގެންގޮސް މުޅި މަޝްރޫއު ނިންމާލާނެ ކަމުގައި ވިދާޅުވި އެވެ. އަދި ރައީސްގެ މިފަސް އަހަރު ނިމޭއިރު ގެދޮރު ނެތިގެން އެއްވެސް ރައްޔިތަކު ހިތާމަކުރަން ނުޖެހޭނެ ކަމުގައި ވިދާޅުވި އެވެ.

"ކޮންމެ ފަސް އަހަރަކުން އެއްފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބައިފައި މި ތިބި ތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ދާއިމަށް ނިމުމެއް ގެނެސްދޭނަން" ރައީސް ވިދާޅުވި އެވެ.

ކައުންސިލަރުންނަށް ރައީސް އިލްތިމާސް ކުރެއްވީ ރައްޔިތުންނަށް ގައުމަށް އެންމެ ފައިދާ ހުރި ގޮތަށް ބުރަކޮށް މަސައްކަތް ކުރުމަށެވެ.