މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ އެ އިމާރާތްތައް އަލުން ބިނާކުރުމުގެ މަސައްކަތް އަންނަ ފެބުރުއަރީ މަހުގެ ތެރޭގައި ފެށުމަށް ނިންމައިފި އެެވެ.
ސަރުކާރުގެ ފަރާތުން މިކަން ހާމަކުރެއްވީ ކަންގަތި އެވޯޑް ދިނުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.
ރައީސް ވިދާޅުވީ މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުންދާތީ އެކަމަށް ހައްލެއް ހޯދުމުގެ ގޮތުން، އެތަންތަން އަލުން އިމާރާތް ކުރާނީ އެތަނުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް މާލީ އެއްވެސް ތަކުލީފެއް ނުޖައްސައި ކަމަށެވެ.
ރައީސް ވިދާޅުވީ މާލެއާއި ވިލިމާލޭގައި ހުރި މާލޭހިޔާ އަދި ސިނަމާލެ ފްލެޓްތައް ބާވެ ރޫޅެމުން ދިއުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި ފަސޭހަތަކަކާއެކު އެ އިމާރާތްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނަށް ހައްލު ހޯއްދަވައި ދެއްވާނެކަމުގެ ޔަގީންކަން ދެއްވެވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ މިސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ދިވެހި ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އަދި ދިވެހި ރައްޔިތަކުން ރީތި ގެއެއްގައި ހަމަޖެހޭ ދިރިއުޅުމެއް އުޅެމުންދާ ތަން ދެކެން އެމަނިކުފާނު ބޭނުންވާ ކަމުގައިވެސް ވިދާޅުވި އެވެ.
"މި ފަސް އަހަރު ނިމޭއިރު އެއްވެސް ދިވެހި ރައްޔިތަކު ގެދޮރިވެރިކަން ނެތިގެން ހިތާމައާއި ދެރަކަން އުފުލާކަށް ދެނެއް ނުޖެހޭނެ. ކޮންމެ ފަސްއަހަރަކުން އެއް ފަހަރު ސިޔާސީ މީހުންގެ ކަންފަތްބުޑުގައި ސަލާންޖަހާން، ނިކަމެތި ޖިފުޓިތަކެއްގައި ދިވެހި ރައްޔިތުން ބައިތިއްބާފައި މި ތިބިތިބުމަށް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ދާއިމަށް ނިމުން ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން ގެންގުޅުއްވާ ގެދޮރުވެރިކުރުވުމުގެ ސިޔާސަތުތަކާ ގުޅޭ ބައެއް މައުލޫމާތުވެސް ރައީސް ހިއްސާކުރެއްވި އެވެ. އެގޮތުން ރަސްމާލެއާއި ގުޅީފަޅަށް އިތުރުކުރެވޭ ބޮޑު ބިމާއި، ގިރާވަރު ފަޅުން އިތުރަށް ހިއްކައި އިތުރުކުރެވޭ ބޮޑު ބިމާއި މިހާރު އޮތް ހުޅުމާލެއާ އެކު ދިވެހީންގެ ގެދޮރުވެރިކަމުގެ ޒަމާންވީ ހިތްދަތިކަމަށް ދާއިމީ ހައްލެއް ލިބޭނެ ކަމުގައި ވިދާޅުވި އެވެ.