ދުނިޔެ

އިމްރާން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ޖަލު ބަންދުގައި ހުންނެވި ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

އިމްރާން ޚާން، 71،ގެ މައްޗަށް އުފުލާފައި އޮތް ދައުވާ އަކީ ދައުލަތުގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރައްވައި އަމިއްލަ ފައިދާއަށް އެ މައުލޫމާތުގެ ބޭނުން ހިއްޕެވުމެވެ. ނަމަވެސް ޕާކިސްތާންގެ ސްޕްރީމް ކޯޓުން އިމްރާންގެ މައްޗަށް މިއަދު އިއްވި ހުކުމުގައި އޭނާ އަކީ ކުށެއް ނެތް މީހެއް ކަމަށް ކަނޑައަޅައި އޭނާ ދޫކޮށްލަން އޮތީ އަމުރުކޮށްފަ އެވެ.

ދައުލަތުގެ ސިއްރު މައުލޫމާތު ލީކުކުރެއްވުމާ ގުޅިގެން އިމްރާގެ މައްޗަށް އޮތް ދައުވާއިން ބަރީއްޔަވެ ވަޑައިގެންނެވި ނަމަވެސް އޭނާ ޖަލުން ދޫކޮށްލާނެކަން އަދި މުޅިން ސާފެއް ނުވެ އެވެ. އެހެނީ މި ކުށުގެ އިތުރުން އިމްރާންގެ މައްޗަށް އިތުރު އެހެން ދައުވާތަކެއް ދައުލަތުން އުފުޅާފައި އޮތުމެވެ.

އިމްރާންގެ އިތުރުން މި މައްސަލާގައި ތުހުމަތުކުރެވޭ ޕާކިސްތާންގެ ކުރީގެ ހާރިޖީ ވަޒީރު ޝާހް މަހްމޫދު ގުރައިޝީވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ.

ދައުލަތުގެ ސިއްރު މައުލޫމާތުތަކެއް އިމްރާން ޚާން ލީކުކުރެއްވި ކަމަށް ތުހުމަތުކޮށް ކޯޓަށް ހުށަހެޅި މައްސަލާގައި ބުނެފައި އޮތީ އިސްލާމްއަބާދާއި ވޮޝިންގްޓަނާ ދެމެދު ބަދަލުކުރި ރަސްމީ ސިޓީއެއްގައި ހުރި މައުލޫމާތުން އިމްރާން ނާޖާއިޒު ފައިދާ ނެންގެވި ކަމަށެވެ.

މި ސިޓީއަށް ރިއާޔަތްކުރައްވައި އިމްރާން ވަނީ އެއްވުންތަކުގައި ވާހަކަދައްކަވާފަ އެވެ.

އިމްރާން ވިދާޅުވި ގޮތުގައި އޭނާ ބޮޑުވަޒީރުގެ މަގާމުން ދުރުކުރީ އެމެރިކާ އަޑީގައި އޮވެގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގަ އެވެ.

ގައުމުގެ އިސްވެރިންނަށް ފުރުސަތުތައް ތަނަސްވަސްކޮށްދޭނެ ކަމަށް އެމެރިކާގެ އޮފިޝަލުން ވިދާޅުވެފައިވާ ކަމަށް އިމްރާން އެއިރު ތުހުމަތުކުރެއްވި އެވެ.

އިމްރާން ޚާންގެ މައްޗަށް އިތުބާރު ނެތް ކަމަށް ޕާކިސްތާންގެ ގާނޫނު ހަދާ މަޖިލީހުން ކަނޑައަޅައި އޭނާ މަގާމުން ދުރުކުރި ނަމަވެސް ޕާކިސްތާންގެ ރައްޔިތުންގެ މެދުގައި އިމްރާނަކީ މަގުބޫލު ލީޑަރެކެވެ.

އިމްރާން ޚާން ޕާކިސްތާންގެ ސިޔާސީ މައިދާނުން ފޭކުރުމުގައި އެ ގައުމުގެ އިދިކޮޅު ލީޑަރުން ސިއްރު އޮޕަރޭޝަންތަކެއް ވަނީ ހިންގަވާފަ އެވެ.