ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު ދަރިވަރުން ހޮވައިފި

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްކޮލާޝިޕް ފަންޑުގެ ދަށުން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބޭ ދަރިވަރުންގެ ނަންތައް އިއުލާންކޮށްފި އެވެ.

މިއީ ދަރިވަރުން ހޯދާފައިވާ ތައުލީމީ ނަތީޖާއަށް ބަލައި ރާއްޖޭން ބޭރުން މަތީ ތައުލީމު ހާސިލްކުރުމަށް ހުރިހާ ހަރަދެއް ބޭންކުން ހަމަޖައްސައިދޭ ސްކޮލާޝިޕެކެވެ.

މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ދުނިޔޭގެ އެންމެ މަތީ 200 ޔުނިވަސިޓީގެ ތެރެއިން ޔުނިވަސިޓީއަކުން ބޭންކިންގެ އެންޑް ފައިނޭންސްގެ ރޮނގުން ބޭނުންވާ ކޮންމެ އަންޑަ ގްރެޖުއޭޓް ޕްރޮގްރާމެއް ފުރިހަމަކުރެވޭނެ އެވެ.

މި ސްކޮލާޝިޕް ޕްރޮގްރާމް ހުޅުވާލެވުނީ ތައުލީމީ ގޮތުން މަތީ ނަތީޖާ ހޯދާފައިވާ، ދިވެހިރާއްޖޭގެ ބޭންކިން އަދި މާލީ ދާއިރާ ހަރުދަނާކޮށް ތަރައްގީކުރުމުގެ ޝައުގުވެރިކަން ހުރި ދަރިވަރުންނަށެވެ.

މި ސްކޮލާޝިޕް ލިބޭ ދަރިވަރުންނަށް ބޭންކިން އެންޑް ފައިނޭންސް އިން ފެށިގެން ފައިނޭންޝަލް ޓެކްނޮލޮޖީ، ރިސްކް މެނޭޖްމަންޓް ނުވަތަ ފައިނޭންޝަލް ރިޕޯޓިން އާއި އެނަލެޓިކްސް ފަދަ ބޭންކިންއާ ގުޅުންހުރި ދާއިރާތަކުގެ ތެރެއިން ގިނަ ދާއިރާތަކެއް ހިމެނޭހެން ތައުލީމް ހާސިލްކުރުމަށް އެ ދަރިވަރަކު ބޭނުންވާ ދާއިރާއެއް ހިޔާރުކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

ބީއެމްއެލްގެ ސްކޮލާޝިޕް ލިބުނު ދަރިވަރުން

  • އާމިނަތު އަލްޔާ ޝާވިން
  • މުހައްމަދު ސާޖިއު އިސްމާއީލް
  • މުހައްމަދު އައިކު އަލީ

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު ކާލް ސްޓުމްކަ ވަނީ މިއަހަރުގެ ސްކޮލާޝިޕް ލިބޭ ދަރިވަރުންގެ ގޮތުގައި ހޮވާފައިވާ ތައުލީމީ، ގާބިލް ދަރިވަރުންނަށް ވަރަށް ބޮޑަށް މަރުހަބާ ދަންނަވާފަ އެވެ.

"މި ދަރިވަރުންނަކީ ތައުލީމީ ރޮނގުން ފާހަގަކޮށްލެވޭ ކާމިޔާބީ ހޯދާފައިވާ، ލީޑަޝިޕް ހުނަރުތައް ހުރި، ކުރިމަގުގައި ހެޔޮ ބަދަލު ދައްކުވައިދެވޭނެ ފަދަ ދަރިވަރުން. މުޖުތަމައުގެ ލާބައަށް ހާއްސަ ސަމާލުކަމެއްދޭ މިފަދަ ޒުވާނުންގެ ތައުލީމީ ހަޔާތް ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ދިވެހި ގައުމުގެ މުސްތަގްބަލަށްޓަކައި މި ބޭންކަށް ކުރެވޭ ވަރަށް މުހިންމު އިންވެސްޓެއް،" ސްޓުމްކަ ވިދާޅުވި އެވެ.

ބީއެމްއެލް ސްކޮލާޝިޕް ފަންޑު މިދިޔަ އަހަރު ލިބުނު ތިން ދަރިވަރުން އަންނަނީ ޔޫކޭ އަދި އޮސްޓްރޭލިއާގައި މަތީ ތައުލީމު ހާސިލުކުރަމުންނެވެ.