އދގެ ސެކިއުރިޓީ ކައުންސިލުން ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދީ ފަލަސްތީން ރައްޔިތުންގެ ހައްގުތަކާ ގުޅޭގޮތުން އދ އިން އިއްޔެ ނެރުނު ގަރާރުގެ މައްޗަށް ބިނާކޮށް ހުރިހާ އަދާވާތްތެރި ކަމެއް ވަގުތުން ނިމުމަކަށް ގެނައުމަށްޓަކައި ހަރުދަނާ ފިޔަވަޅުތައް އެޅުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ގޮވާލައްވައިފި އެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އދގެ ސެކިއުރިޓީ ކައުންސިލުން ޣައްޒާގެ ރައްޔިތުންނަށް އިތުރު އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބަލައިގަތުމަށް ނިންމި ގަރާރަކީ ރަނގަޅު މިސްރާބަށް ދިއުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"މި ނިންމުން ނިންމި ކަމުގައިވިޔަސް ވައިގެ ހަމަލާތަކުގެ ތެރެއިން އެކަށީގެންވާ ގޮތުގައި އެހީތެރިކަން ފޯރުކޮށްނުދެވޭނެ،" ރައީސް ވިދާޅުވި އެވެ.
އެހެންކަމުން މިސަބަބުތަކަށްޓަކައި އދގެ ސެކިއުރިޓީ ކައުންސިލުން ނެރުނު ގަރާރަށް އެންމެ އެކަށޭނަ ގޮތުގައި އަމަލުކުރުމަށް ރާއްޖެއިން ބާރުއަޅާފައިވާ ކަމުގައިވެސް ރައީސް ވިދާޅުވި އެވެ.
އިޒްރޭލުން މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީންގެ 19،000 މީހަކު މަރުވެފައިވާ ކަމަށް ވަނީ ޔަގީންކުރެވިފަ އެވެ.