ރަޝިއާއާއި ދެކޮޅަށް ޔުކްރޭނުން ކުރަމުން ގެންދާ ހަނގުރާމާގައި ރަޝިއާއަށް ބޮޑެތި ގެއްލުންތަކެއް ދެވިއްޖެ ކަމަށް ޔުކްރޭނުން ބުނި ނަމަވެސް އެއީ ހަގީގަތުގައި އެކަން ހިނގަމުންދާ ގޮތް ނޫން ކަމަށް ޖަރުމަނުގެ ނޫހަކުން ބުނެފި އެވެ.
ބިލްޑް އޮންލައިގައި ބުނެފައިވާ ގޮތުން ޔުކްރޭން ހަނގުރާމަ ކާމިޔާބު ނުވާނެކަން އެ މީހުންނަށް މިހާރުވެސް އެނގެ އެވެ.
ޕޯޑިއަމްތަކަށާއި ޓިވީތަކަށް އަރައި ޔުކްރޭނަށް ކާމިޔާބުވާނެ ކަމަށް އޮފިޝަލުން ދައްކާ ވާހަކަތަކަކީ ސިޔާސީ އުކުޅެކެވެ.
ޔުކްރޭންގައި ބިލްޑްގެ ނޫސްވެރިން ހޭދަކުރި ދެތިން ދުވަހުގެ ތެރޭގައި، އެ ގައުމުގެ ދިފާއީ ވަޒީރާއި ސަރުކާރުގެ އިސް ވެރިންންނާ ބައްދަލުކޮށްފައިވެ އެވެ.
އޮފިޝަލުންގެ ވާހަކަތަކުން ދޭހަވަނީ ބިލްޑް އޮންލައިންގައި ބުނެފައިވާ ގޮތުން އެ މީހުން މާޔޫސްވެފައި ތިބި ވަރެވެ. އަދި ހަބަރުތަކުގައި ޔުކްރޭނަށް މޮޅުވާ ގޮތަށް ލިޔެފައި ހުންނަނީ ދޮގުކަން ކަމަށް ނޫސްވެރިން ބުނެ އެވެ.
ޔުކްރޭނަށް ލިބެމުންދާ ގެއްލުންތަކާ އަޅާބަލާއިރު ރަޝިއާއަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް ބުނުން ގޯސް ނުވާނެ ކަމަށްވެސް ބިލްޑްގައި ވެއެވެ.
އެމެރިކާ އާއި ޔޫރަޕުން ޔުކްރޭނާ މެދު ތަފާތު ގޮތަކަށް ނުވިސްނާނަމަ އަދި ކުރިއަށް އޮތް 2024 ގައި ޔުކްރޭން ހަނގުރާމަ ކުރިއަށް ގެންދަން ބޭނުން ނުވާނަމަ މިއީ ޔުކްރޭން ހަނގުރާމައާ މެދު ގޮތެއް ނިންމަން އެންމެ ރަނގަޅު ވަގުތު ކަމަށްވެސް އެ ނޫހުގައި ބުނެފައި ވެއެވެ.
ޔުކްރޭން ހަނގުރާމަ ފެށުނީއްސުރެ އެ ގައުމަށް ކާމިޔާބު ނުލިބޭ ކަމަށާއި ޔުކްރޭނަށް އެންމެ ރަނގަޅު ގޮތަކަށް ވާނީ ހަނގުރާމަ ހުއްޓާލުން ކަމަށް ގިނަ ބަޔަކު ލަފާދޭ ކަމަށްވެސް ނޫސްވެރިން ބުނެ އެވެ.
އެމެރިކާއާއި ހުޅަނގުގެ ބަސްއެހުމުން ޔުކްރޭނަށް ލިބުނު މޮޅެއް ނެތްކަން ޔުކްރޭންގެ އޮފިޝަލުންވެސް މިހާރު ގަބޫލުކުރައްވާ ކަމަށް ބިލްޑްގައިވެ އެވެ.
ޔުކްރޭން ހަނގުރާ ހުއްޓާލުމުގެ ގޮތުން ރަޝިއާ އާއި އެކު މަޝްވަރާ ނުކުރެވިގެން އުޅެނީވެސް ޔުކްރޭން ސަރުކާރުގެ މައްޗަށް އެމެރިކާ އާއި ޔޫރަޕްގެ ނުފުޒު ގަދަކަމުން ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.
ހަނގުރާމަ ހުއްޓާލުމަށްޓަކައި ކުރެނު މަޝްވަރާތަކުގައި އާރުނުލައި ފޭލިވީ ވެސް އެމެރިކާގެ ސަބަބުން ކަމަށް ޔުކްރޭންގެ އޮފިޝަލުން ގަބޫލުކުރެ އެވެ. އަދި ހަނގުރާމަ ހުއްޓާލުމަކީ ޔުކްރޭނަށް ފައިދާކުރާނެ ކަމެއް ކަމަށްވެސް އެ މީހުން ގަބޫލުކުރެ އެވެ.