ވާހަކަ

މިލްކުވާނެބާ

( 20 ޑިސެމްބަރ 2023 އާ ގުޅޭ )

"މިޔާ ކޮބާ؟." މޭޒު ކައިރީ އިށީން އިޒީކިއަލް އަހާލި އެވެ. އޭރު ހިލްމީ ވެސް ތައްޔާރު ކުރި ކޮފީތަށި ގެނެސް މޭޒުމަތީ ބަހައްޓަނީ އެވެ.

"ކޮޓަރީގައި." ހިލްމީ ބުންޏެވެ.

"މިތަނަށް އަންނަން ބުނޭ." އިޒީކިއަލް ބުންޏެވެ.

"ލައްބަ." ހިލްމީ މިހެން ބުނުމާއެކު ހަލުވިކޮށް ހިނގައި ގަނެއްޖެ އެވެ.

ހިލްމީއާއެކު ހާމަފެންޑާއަށް މިޔާ ނުކުތެވެ. އެތަނުގައި ހުރި މޭޒުދޮށުގައި އިޒީކިއަލް އިންއިރު މިޔާގެ ހިތް އަވަސްވެލީ ޖެހިލުންވެފައި ހުރި ވަރުންނެވެ. އިޒީކިއަލް އިނީ ދޮރުން ނުކުންނަ މީހުންނަށް ފުރަގަސްދީގެންނެވެ. އެހެންވެ އޭނާއަށް މިޔާ ފެނުނީ މޭޒު ކައިރިއަށް އައިސް ހުއްޓިލުމުންނެވެ.

"އިށީނދޭ." މިޔާއަށް ބަލާލަމުން އިޒީކިއަލް ބުންޏެވެ.

އިޒީކިއަލްގެ ކުރިމައްޗަށް ވާހެން ހުރި ގޮނޑި ހިލްމީ ބޭރަށް ދަމާލުމުން މިޔާ އިށީނެވެ. އެއާއެކު އިޒީކިއަލް ބޮލުން އިޝާރާތްކޮށްލީ ހިލްމީ އަށެވެ. އެ އިޝާރާތް ހިލްމީ ދެނެގަތެވެ. އޭނާ އެ ދެ މީހުންނަށް ފުރުޞަތު ދީފައި އެތަނުން އެއްފަރާތްވެލީ ނުހަނު އަވަހަށެވެ. އިޒީކިއަލް މިވަގުތު އެ އިނީ މިޔާއާ މުހިންމު ވާހަކައެއް ދައްކަން ގަސްދުކޮށްގެންނެވެ. އަދި ހިލްމީ ފޮނުވާލީ އޭނާ ހުރެއްޖެނަމަ މިޔާއަށް ވާހަކަދައްކަން ދަތިވެދާނޭ ހީވާތީ އެވެ.

"ކޮފީތަ، ސައިތަ" ގޮނޑީގައި މިޔާ ހަމަޖެހިއްޖެކަން އެނގުމުން އިޒީކިއަލް އަހާލި އެވެ.

"ކޮފީ ވިތް ކްރީމް އެންޑް ޝުގަރ." އާދަވެފައިވާ ބަސްމަގަކުން މިޔާ ބުނެލި އެވެ.

އަމިއްލަ އަތުން މީހަކަށް ފެންތަށްޓެއްހާ ހިސާބު ވެސް އަޅައިދީފައި ނުވާ އިޒީކިއަލް، އޭނާގެ އަތުން މިޔާއަށް ކޮފީތަށްޓެއް ހަދައި ދިނެވެ. އަދި ސައިބޯން ފަށަން މިޔާގެ ގާތުން އެދުނެވެ. މިޔާގެ ހާސްކަމާއި ޖެހިލުންވުން އެ މޫނާއި ހަރަކާތްތަކުން އިޒީކިއަލްއަށް ފެނެ އެވެ. އޭނާގެ އަމިއްލަ ވާހަކަތައް ފެށުމުގެ ކުރީން ގަސްދުކުރީ މިޔާގެ ނުތަނަވަސްކަން ކުޑަކުރެވޭތޯ އެވެ. އެގޮތުން ހަޤީޤީ މައުޟޫޢުއަށް ދިއުމުގެ ކުރީން ދުރުދުރުން ސުވާލުކުރަން ފެށި އެވެ. މިޔާގެ ދިރިއުޅުމާ ބެހޭ ގޮތުންނެވެ.

އެއް ވާހަކައިން އަނެއް ވާހަކައަށް ކުރި ފަޅަމުން ގޮސް މިޔާއަށް ޖެހިފައިވާ ހާލަތު އޭނާގެ ދުލުން ކިޔާދީފި އެވެ. ވިޔަފާރިވެރިޔާ މަޒީދާ ދުވަހަކުވެސް ބައްދަލުވެފައި ނެތަސް އެ ނަމަކީ އިޒީކިއަލްއަށް އާ ނަމެއް ނޫނެވެ. މިޔާގެ ވާހަކަތަކުން މިވަގުތު އޭނާ އެ އިނީ އެއްވެސް ގޮތެއް ނެތި ވަރަށް ނިކަމެތި ހާލެއް ޖެހިފައިކަން އިޒީކިއަލްއަށް ޔަގީންކޮށްދިނެވެ. އިޒީކިއަލްގެ ސިކުނޑީގައި ހިނގަމުންދިޔަ ޚިޔާލުތައް ހާމަކުރާން އޭނާ ގަސްދުކުރީ ދެނެވެ.

"އަހަރެންގެ އެހީތެރިކަން ލިބިދާނެ. އެކަމަކު އަހަރެންގެ ވެސް ފުއްދަން އެދޭ އެދުމެއް އެބައޮތް. ފުރަތަމަ ބުނެބަލަ... ކައިވެންޏެއް ކުރުމާމެދު ކޮބާ މިޔާގެ ޚިޔާލަކީ؟." އިޒީކިއަލް އަހާލިއެވެ. ފަރުވާތެރިކަމާއެކު މިޔާއަށް ނަޒަރު ހުއްޓާލައިގެން އިނދެ އެވެ.

"މެރީކުރަން..." މިޔާ މަޑުމަޑުން ބުނެލި އެވެ. ކައިވެނީގެ މައުޟޫޢު ފުންވިސްނުމެއްގެ ތެރެއަށް މިޔާ ގަންބާލީ އެވެ. އޭނާ ހަޔާތުގެ ކުރިމަގު ރޭވީ ހުރިހާކަމެއްގައި ލުހާމް ބައިވެރިކޮށްގެންނެވެ. މިހާރު ކިޔަވަމުންދާ ޑިގުރީ ކޯސް ނިމުމުން ލުހާމްއާ ކައިވެނި ކުރާން މިޔާ ހުރީ އުންމީދުކޮށްގެންނެވެ. ބައްޕައާއި ލުހާމްއާ ދެމެދު ގާތް ގުޅުމެއް އުފައްދަން މިޔާ މަސައްކަތް ފެށީ އެ ވިސްނުމުގަ އެވެ. އެހާ ފޮނި އުންމީދާއެކު ދިރިއުޅުމުގެ މުސްތަޤްބަލް ރޭވިއިރު އެ ރޭވުންތައް މިއަދު ބޭކާރުވެއްޖެ އެވެ. ދުށް ހުވަފެންތައް ސައިބޯނި ބޮތްކަކަށްވެ ފަޅައިގެން ހިނގަންޖެ އެވެ. މިއަދު އަމިއްލަ ނަފްސާއި ޖާނުފިޔަވައި މިޔާގެ އެކައްޗެއް ވެސް ނެތެވެ. ހެޔޮއެދޭނޭ އެކަކު ވެސް ނެތީ އެވެ.

"ކައިވެނީގެ ހުށަހެޅުމެއް އަތުވެއްޖެނަމަ ޤަބޫލު ކުރާނަންތަ؟." މިޔާ ހުއްޓުން އަރާފައި އިންނަން ފެށުމުން އިޒީކިއަލް އިތުރު ސުވާލެއް ކުރި އެވެ.

ޚިޔާލުތައް އެއްފަރާތްކޮށްލާ ފަރުވާތެރި ބެލުމަކުން އިޒީކިއަލްއަށް މިޔާ ސަމާލުކަން ދިނެވެ. އޭނާއަށް އިޒީކިއަލްގެ ސޫރައަށް އެހާ ފަރުވާތެރިކަމާއެކު ބަލާލާނޭ ފުރުޞަތެއް ލިބުނީ ވެސް އަދިކިރިޔާ އެވެ. އިޒީކިއަލްގެ ފުށުން ފާޅުވާ ކޮންމެ ކަމެއްގައި ފިރިހެންވަންތަކަން އެކުލެވިފައި ވިއެވެ. ޔަގީނުން ވެސް ރީތި ސިފަތަކެއް ލިބިފައިވާ ޒުވާނެއްކަން މިޔާއަށް ފާހަގަވި އެވެ.

"ކައިވެނި... މި ދެންނެވީ އަޅުގަނޑު އަތުގައި އެކައްޗެއް ވެސް ނެތޭ." މިޔާ އިސް އޮބާލި އެވެ.

"އަހަރެން މިޔާއާ ކައިވެނި ކުރަން ބޭނުން. މިޔާގެ ހާލަތު ވެސް އެނގި ހުރެ މިބުނީ. އަހަރެންގެ އަނތްބެއްގެ ގޮތުގައި ހުރިހާ ދުވަހަކު މިޔާ ހުންނާނީ އަހަރެންގެ ބެލުމުގެ ދަށުގައި. އެއްވެސް ކަމަކަށް މިޔާއަށް ދައްޗެއް ނުވާނެ." އިޒީކިއަލް ބުންޏެވެ. އޭނާގެ ވާހަކަތައް އިވިފައި ދެ ލޯ ބޮޑުކޮށްލައިގެން މިޔާ ބަލަން އިނީ ޤަބޫލު ނުކުރެވިފައި އިން ހެނެވެ.

އެތައް ސުވާލެއް މިޔާގެ ހިތާއި ސިކުނޑީގައި އެއްފަހަރާ އުފެދިގެން އައެވެ. އިޒީކިއަލް ފަދަ ޒުވާނަކަށް އިންނާނޭ ކުއްޖަކު ނުވެއެއް ނުހުންނާނެކަން މިޔާއަށް ޔަގީންވެ އެވެ. އޭނާގެ ނަޒަރުގައި އިޒީކިއަލްއަކީ ފުރިހަމަ ޒުވާނެކެވެ. ރީތި ސިފައަކާއެކު ޒުވާންކަމާއި ތަނަވަސްކަން އޭނާއަށް ލިބިފައިވެ އެވެ. މިޔާއާ ވާހަކަދައްކަނީ މަޑުމައިތިރިކަމާއެކީ އެވެ. ވާހަކަދައްކާއިރު ބަސްތައް އަމުނަމުންދަނީ ވިސްނައިގެންކަން ދޭހަވެ އެވެ. ބުނަން ބޭނުންވާ ބަހެއް ނޫނީ ނުބުނެ އެވެ. މާބޮޑު އަސަރުތަކެއް އެ މޫނުން ފާޅުނުވިޔަސް މިޔާއާ މެދު އިޒީކިއަލް ބަހެއްޓި ގާތްކަން އޭނާ ހިތްހެޔޮ މީހެއްގެ ގޮތުގައި ސިފަކޮށްދީފި އެވެ.

"ކީއްވެ އަޅުގަނޑު؟." މިޔާ ވިސްނަވިސްނާފައި އަހާލި އެވެ.

"ކައިވެންޏެއް ކުރަން ގަސްދުކޮށްގެން ހުއްޓާ މިޔާއާ ބައްދަލުވީ. އަހަރެންނަށް މިޔާގެ ފުށުން އުނިކަމެއް ނުފެނޭ. އަނެއްކާ އަހަރެންގެ ކަމުނުދާ ކަމެއް ހުރީތަ؟... އިތުބާރު ނުކުރެވެނީ ދޯ. ހާސްނުވޭ. އަހަރެން މިޔާއަށް ޚަރަދު ކުރާނަން. ބުނީމެންނު އެއްވެސް ކަމަކަށް މިޔާއަށް ދައްޗެއް ނުވާނޭ. މިޔާއަކަށް ނުޖެހޭނެ ގޭތެރޭގެ އެއްވެސް ކަމެއް ކުރާކަށް. މިޔާ އިންނާނީ އަހަރެންގެ ޚިދުމަތަށް ހުސްވެގެން." އިޒީކިއަލް ބުންޏެވެ.

"އެކަމަކު..." މިޔާ ބުނަން އުޅުނު އެއްޗެއް ހުއްޓާލީ އިޒީކިއަލް ކަނާއަތްތިލަ އުފުލާލި ގޮތުންނެވެ.

"ލޯބީގެ ގޮތުން މީހަކާ ގުޅިގެން އުޅެނީތަ؟. މިޔާއަށް އަޅާލާނޭ އެކަކުވެސް ނެތޭ ބުނީމަ އަހަރެން ނިންމީ އެފަދަ ގުޅުމެއް މިޔާގެ ނެތްކަން. ގޯސްކޮށްތަ މި ނިންމުނީ." އިޒީކިއަލް އަހާލި އެވެ.

"އެކަހަލަ ގުޅުމެއްނެތް." މިޔާ މަޑުމަޑުން ބުނެލި އެވެ. ލުހާމްގެ ވާހަކަ އިޒީކިއަލްއަށް ކިޔައިދޭން އޭނާ ބޭނުންނުވީ އެވެ.

"އެހެންވިއްޔާ ކޮބާ މައްސަލައަކީ؟." އިޒީކިއަލް ސުވާލު ކޮށްލި އެވެ.

"ވިސްނާލަން... ވަގުތުކޮޅެއް ބޭނުން." ކުއްލިއަކަށް ދޭނޭ ޖަވާބެއް ނޭނގޭތީ މިޔާ ބުންޏެވެ. އެއާއެކު އިޒީކިއަލް ބޯޖަހާލާފައި ވާހަކަދެއްކި އެވެ.

"އެއް ދުވަސް ދީފިން. އެވަރު އަހަރެންނަށް ދެވޭނީ. މިޔާ ތިއިނީ މީހެއްގެ އެހީތެރިކަމަށް ބޭނުންވެފައި. އަހަރެން މި ހުރީ ކައިވެންޏެއް ކުރަން ބޭނުންވެފައި. އަހަރެން އެދެނީ މިޔާއާ ކައިވެނި ކުރަން. އުންމީދަކީ މިޔާގެ ފަރާތުން މިކަމަށް ރުހުމެއް ލިބުން." އިޒީކިއަލް ބުންޏެވެ. ބަހެއް ނުބުނެ މިޔާ ބޯޖަހާލީ އެވެ.

އުމުރުން އެކާވީސް އަހަރުގައި ކައިވެންޏެއް ކުރާނަމެކޭ މިޔާގެ ވިސްނުމަކު ނެތެވެ. ނަމަވެސް ހާލަތު މިވަނީ ބަދަލުވެފަ އެވެ. މިޔާ ހާލުގައި ޖެހުނު ވަގުތު އިޒީކިއަލްއާ ބައްދަލުވުމަކީ ރަނގަޅަކަށް ވީކަމެއް ކަމުގައި އޭނާގެ ސިކުނޑި ވިސްނައިދޭން ފެށި އެވެ.

އިޒީކިއަލް ދައްކަން ބޭނުންވީ ވާހަކަ ދެއްކުމަށްފަހު އޭނާ މޭޒު ދޮށުން ތެދުވީ އެވެ. މިޔާ ކައިރީ ރަނގަޅަށް ސައިބޯން ބުނެފައި އޭނާ ގޭތެރެއަށް ވަދެގެން ދިޔަ އެވެ. އެ ދިމާއަށް ބަލަން މިޔާ އިނީ އެވެ.

އިރުއޮއްސުނު އިރު ގޭތެރެއިން މިޔާއަށް އިޒީކިއަލްއެއް ނުފެނެ އެވެ. ގޭގައި އުޅޭކަމެއް، ނޫޅޭކަމެއް ވެސް ނޭނގެ އެވެ. މިޔާގެ ފޯނު ނިވިފައި އޮތުމުން ޗާޖަރެއް ހޯދުމަށް ހިލްމީގެ ކައިރިޔަށް އައެވެ. އޭނާ މިޔާގެ ފޯނު ޗާޖުކުރެވޭނޭ ގޮތް ހަމަޖައްސައި ދިނެވެ. ހިލްމީ ކައިރިން އިޒީކިއަލްއާ ބެހޭ ގޮތުން ކަމެއް އޮޅުންފިލާތޯ މިޔާ މަސައްކަތް ފެށި އެވެ. އެކަމަކު ހިލްމީ ވަރަށް ހުސިޔާރެވެ. އިޒީކިއަލްގެ ޒާތީ ދިރިއުޅުމާ ބެހޭ އެއްވެސް ކަމެއް އޭނާ ޚިއްޞާއެއް ނުކުރި އެވެ.

ކޮޓަރީގައި ފޯނު ޗާޖަށް ޖަހައިގެން މިޔާ އިނެވެ. ރޭގަނޑުގެ ކެއުމުގެ ވަގުތަށް ހިލްމީ އައިސް ގޮވާނޭކަން އެނގޭތީ އެވެ. ނަމަވެސް ކޮޓަރީގައި ޓަކި ޖެހި އަޑު އިވުނީ މިޔާ ހީކުރި ގަޑިއަށް ވުރެ އަވަހަށެވެ. ހައިރާންކަމުގައި ހުރެ މިޔާ އައިސް ދޮރު ހުޅުވާލި އެވެ. ދޮރުމަތީ ހުރީ ހިލްމީ އެވެ. އޭނާގެ އަތުގައި ކަރުދާސް ކޮތަޅުގެ ދެ ކޮތަޅު އޮތެވެ.

"މީ ސަރ ދެއްވި އެއްޗެހި. ކާން ގޮވާލަން ވާއިރަށް ތައްޔާރުވެގެން ހުންނަން އެދުނީ." ކޮތަޅުތައް މިޔާއަށް ދިއްކޮށްލަމުން ހިލްމީ ބުންޏެވެ.

މިޔާ ކޮތަޅުތަކުގައި ހިފުމުން ހިލްމީ އިތުރަށް މަޑެއް ނުކުރި އެވެ. އެހެންވެ މިޔާ ވެސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލި އެވެ. އަދި ކޮތަޅުތައް ގެނެސް އެނދުމަތީ ބަހައްޓާލި އެވެ. އޭގައި ހުރީ ކޮންއެއްޗެއްތޯ ބަލަން ފެށި އެވެ. އެއް ކޮތަޅުގައި އޮތީ ދެ ހެދުމެވެ. ރަތްކުލައިގެ ހެދުމަކާއި ނޫކުލައިގެ ހެދުމެކެވެ. ހެދުންތަކުގެ ތެރޭގައި މަޝްހޫރު ބްރޭންޑެއްގެ އަންހެން ސެންޓުފުޅިއެއް ވެސް އޮތެވެ. އެއާއެކު ރީތިވާން ބޭނުންކުރާ އިތުރު ސަމާނު ވެސް ހުއްޓެވެ. އަނެއްކޮތަޅުގައި އޮތީ ރީތި ފައިވާނަކާއި ފޮށްޓެކެވެ. އެ ފޮށި ކޮތަޅުން ނަގައި ހުޅުވާލި ހިނދު މިޔާގެ މޫނު ރަތްވެގެން އައެވެ. އޭނާ ލަދުގަތީ އެވެ. ފިރިހެނެއްގެ ފަރާތުން އެފަދަ އެއްޗެއް ލިބުނީމަ އެވެ. އެހެންވިޔަސް މިޔާއަށް އެ ފޮށީގައި ހުރި އެއްޗެހި ނިކަން ރީތި ވެއްޖެ އެވެ. އެއީ ހެދުމުގެ އެތެރެއިން އަންހެނަކަށް ބޭނުންވާނޭ އަންނައުނުގެ ސެޓެކެވެ.

"އިޒީކިއަލް ގަނެފައިތަ؟. ކިހިނެއް އޭނާ އަހަރެންގެ ސައިޒު ދިމާކުރީ." ލިބުނު އެއްޗިއްސާ މެދު އުފާވެފައި ހުރެ މިޔާ އަމިއްލަ ނަފްސާ ވާހަކަދެއްކި އެވެ. އިޒީކިއަލް މިކޮށްދިން ކަންތައް މިޔާއަށް ވަރަށް ކަމުގޮސްފި އެވެ. އޭނާއަށް އިޒީކިއަލް ހިތްހެޔޮ މީހަކަށްވުމުގެ އިތުރުން އަވަހަށް ކަންކަން ނަގައިގަންނަ އޯގާތެރި މީހަކަށް ވެސް ވެއްޖެ އެވެ. މިޔާއަށް އޭނާ އެ ގެނެސްދިނީ މިވަގުތައް އޭނާ ބޭނުންވެފައި ހުރި އެއްޗިއްސެވެ.

"އޭނާއާ މެރީ ނުކުރަންވީ ސަބަބެއްނެތް. މޭބީ މީ އަހަރެންނަށް އެންމެ ރަނގަޅު ގޮތް ކަންނޭނގެ. އިޒީކިއަލް ވަރަށް ހެންޑްސަމް. އޭނާ ކޮށްދޭ ކަންކަން ވެސް ވަރަށް ލޯބި... އަހަރެންނަށް ރަނގަޅު ދިރިއުޅުމެއް ދެވިދާނެ ކަހަލަ މީހެއް އެއީ. އޭނާއަށް އަހަންނަށްވުރެ މާ ރީތި ފުރިހަމަ ކުދީން ވާނެ. އެކަމަކު އޭނާ ބޭނުމީ އަހަރެންނާ މެރީކުރަން. ދިމާވި ހުރިހާ ހިތްދަތިކަމެއްގެ ބަދަލު ކަންނޭނގެ ލިބެން މިއުޅެނީ. މި ކައިވެނިން އަހަރެންނަށް އުފާވެރި ހަޔާތެއް ލިބިދާނެ. ލުހާމްއަށްވުރެ ހުރިހާ ގޮތަކަށް ބެލިޔަސް އިޒީކިއަލް ޕާފެކްޓް. އައި ތިންކް އައި ވިލް އެކްސެޕްޓް ހިޒް ޕްރޮޕޯސަލް." ރަތްކުލައިގެ ހެދުން ގައިގާ ޖައްސާލައިގެން ރީތިވާ މޭޒުގެ ލޯގަނޑު ކުރިމަތީ ހުރެ މިޔާ ވާހަކަދައްކަމުން ދިޔައީ ހިނިތުންވެ ހުރެ އެވެ.

ހިލްމީ އައިސް ގޮވަން ވާއިރަށް ތައްޔާރުވެގެން ހުންނަން މިޔާ އަވަސްވެލި އެވެ. އެއް ދުވަސް މިޔާ ވިސްނަން އިޒީކިއަލް ދީފައި ވީ ނަމަވެސް މިޔާގެ ވިސްނުން އިޒީކިއަލްގެ ކޮޅަށް އެކީ ބުރަވެއްޖެ އެވެ. ދިރިއުޅުން ރަނގަޅުވާން އޮތް މަގެއް ޚިޔާރުކުރާން މިޔާ ބޭނުމީ އެވެ. ހަމަޖެހުމެއް ލިބޭން އޮތް މަގަކީ އިޒީކިއަލްކަން މިޔާއަށް ޤަބޫލު ކުރެވެނީ އެވެ.

ހިލްމީއާއެކު މަޑު ހިނގުމެއްގައި މިޔާ އައެވެ. ކާމޭޒުދޮށުގައި އިން އިޒީކިއަލް އިސްއުފުލާ ބަލާލުމާއެކު އޭނާއަށް މިޔާއާ ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ރަތްކުލައިގެ ހެދުން މިޔާގެ ގަޔަށް ހެޔޮވަރުވެފައި އެ ކުލަ މިޔާއާ ނުހަނު ގުޅެ އެވެ. ތަފާތު ޖަޒުބާތެއްގެ އޮއެވަރު ހިތުގައި ހިނގައިގަތް ހިނދު އިޒީކިއަލްއަށް ހިންދިރުވާލެވުނެވެ.

(ނުނިމޭ)