މޯލްޑިވިއަން

މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ފުޅަދޫއަށް ފަށައިފި

ގައުމީ އެއާލައިން -- މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތައް ބ. ފުޅަދޫއަށް މިއަދު ފަށައިފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުޅަދޫއަށް ސީޕްލޭން ދަތުރުތައް ކުރަނީ ހަފްތާގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު އެވެ.

މޯލްޑިވިއަން ހިންގާ ކުންފުނި -- އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް އިޔާސް ވިދާޅުވީ މިދަތުރުތަކަކީ ބ. އަތޮޅުގައި ކުރިއަރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރަށް އެހީތެރިވުމުގެ ގޮތުން ކުރިއަށް ގެންދާ ދަތުރުތަކެއް ކަމަށެވެ.

ފުޅަދޫއަށް ކުރާ ދަތުރުތަކަށް އޮންނަ ޑިމާންޑަށް ބެލުމަށްފަހު ފްލައިޓް އިތުރުކުރުމަށްވެސް އައިއޭއެސް އިން ވަނީ ނިންމާފަ އެވެ.

އިޔާސް ވިދާޅުވީ އައިއޭއެެސްގެ މިއިސްނެގުމަކީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ހިތްވަރުދިނުމަށް އެ ކުންފުނިން ކުރާ ހިދުމަތް ދައްކުވައިދޭ ކަމެއް ކަމަށެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަރާތްތަކުގެ ތެރެއިން ސީޕްލޭންގައި ދަތުރުކުރާ ފަރާތްތަކަށް މުޅިން ތަފާތު ތަޖުރިބާއެއް ކުރެވިގެންދާނެ ކަމަށްވެސް ވިދާޅުވި އެވެ.

"މި ޝައުގުވެރި މަންޒިލްގައި ތިބެގެން އަޅުގަނޑުމެންގެ މެހެމާނުންނަށް އަޖައިބު ކުރުވަނިވި ތަޖުރިބާއެއް ކުރަން ފުރުސަތު ދިނުމަކީ ވަރަށް ބޮޑު ފަޚުރެއް،" އިޔާސް ވިދާޅުވި އެވެ.

ފުޅަދޫއާއި އެއްފަޅެއްގައި އޮންނަ ފެހެންދޫ އަދި ގޮއިދޫ އަކީ ގެސްޓްހައުސްގެ ވިޔަފާރި ފުޅާވަމުން އަންނަ ގުދުރަތީ ގޮތުން ރީތި ހިތްގައިމު ވަކި އަތޮޅެކެވެ.