ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް

ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވަންޖެހޭ: ހުސައިން

ރައްޔިތުން ބާރުވެރިކޮށް، އެމީހުންގެ ބައިވެރިވުމާއެކު ގައުމުގެ މިސްރާބު ބައްޓަންކުރުމަށްޓަކައި ހުރިހާ އެންމެންވެސް ބަހާއި އަމަލުން ޑިމޮކްރަސީގެ ރޫހަށް ތަބާވުމަށް ނައިބް ރައީސް ހުސައިން މުހައްމަދު ލަތީފް ގޮވާލައްވައިފި އެވެ.

މޮންޓަނޭގްރޯގެ ތިންވަނަ ކޮންގްރެސް އޮފް ޑިމޮކްރެޓިކް މޮންޓަނޭގްރޯގައި ވާހަކަފުޅު ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ޑިމޮކްރެޓިކް މޮންޓެނޭގްރޯ އަކީ އުމުރުން ހަގު ޕާޓީއެއް ކަމަށެވެ. ނަމަވެސް ކުރު މުއްދަތެއްގެ ތެރޭގައި އެ ޕާޓީން ގިނަ ކުރިއެރުންތަކެއް ހާސިލުކޮށްފައިވާ ކަމަށް ނައިބް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ޑިމޮކްރަސީ ކުރިއަރުވައި ޑިމޮކްރަސީގެ ރޫހް އާލާކުރުމަށް އެޕާޓީގެ ލީޑާޝިޕުން ކުރަމުންގެންދާ މަސައްކަތްތަކަށް ނައިބް ރައީސްގެ ވާހަކަފުޅުގައި ވަނީ ތައުރީފްވެސް ކުރައްވާފަ އެވެ. ޑިމޮކްރަސީއަކީ މުޖުތަމައެއްގެ ދުޅަހެޔޮކަން ކަށަވަރުކޮށްދޭ މައިބަދައިގެ ގޮތުގައި ސިފަކުރައްވާ ނައިބް ރައީސް ވިދާޅުވީ މޮކްރަސީއާ ނުލައި މުޖުތަމައުގައި އިންސާފާއި ހަމަހަމަކަމާއި އުފާ ފާގަތިކަން ނޯންނާނެ ކަމަށެވެ.

ނައިބް ރައީސް ވިދާޅުވީ ރާއްޖެއަކީ ވަރަށް ހަގު ޑިމޮކްރަސީއެއް ކަމާއި ގިނަ ޕާޓީތަކުގެ މައްޗަށް އެކުލެވޭ އިންތިހާބެއް ރާއްޖޭގައި ފުރަތަމަ ބާއްވާފައިވަނީ ވެސް 2008 ވަނަ އަހަރު ކަމަށެވެ. ރާއްޖެއާއި މޮންޓަނޭގްރޯ އަކީ އެއް ގައުމުން އަނެއް ގައުމުގެ ޑިމޮކްރަސީގެ ތަޖުރިބާތައް ހިއްސާކުރެވިދާނެ ދެ ގައުމު ކަމުގައިވެސް ވިދާޅުވި އެވެ.

ހުސައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރިކޮށް ގައުމު ކުރިއަށް ގޮސްދިނުމަށް ރައްޔިތުން އެމަނިކުފާނާ މަތިކުރައްވާފައިވާ ޒިންމާއާއި އެކުގައި ކަމަށެވެ.

"އެހެންވެ ސަރުކާރު އޮތީ ރެޔާއި ދުވާލު ހުއްޓުމެއްނެތި ރައްޔިތުންނަށް ވެފައިވާ އެ ވައުދުތައް ފުއްދައިދެއްވުމުގެ މަސައްކަތްކުރުމަށް ތައްޔާރަށް،" ނައިބް ރައީސް ވިދާޅުވި އެވެ.

ނައިބް ރައީސް ހުސައިން ރަސްމީ ދަތުރުފުޅެއްގައި މޮންޓެނޭގްރޯއަށް ވަޑައިގެންނެވީ އެ ގައުމުގެ ޑެޕިއުޓީ ޕްރައިމް މިނިސްޓާ ފޯ ސެކިއުރިޓީ، އިންޓާނަލް ޕޮލިސީ، ޔޫރަޕިއަން އެންޑް ފޮރިން އެފެއާޒް އަދި ޑިމޮކްރެޓިކް މޮންޓަނޭގްރޯގެ ރައީސް އެލެކްސާ ބެޗިޗްގެ ދައުވަތަކަށެވެ.