މޯލްޑިވްސް ޕޮލިސް ސާވިސް

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ޝުޖާއު އައްޔަންކުރައްވައިފި

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އަލީ ޝުޖާއު އައްޔަންކުރައްވައިފި އެވެ.

ފުލުހުންގެ ވެރިޔަކަށް ޝުޖާއު މިއަދު އައްޔަންކުރައްވާ އޭނާއަށް މަގާމުގެ ލިޔުން ހަވާލިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

ކޮމިޝާނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރުމުގެ ކުރިން ޝުޖާއު ހުންނެވީ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި ސެންޓްރަލް ޕޮލީސިން ކޮމާންޑްގެ އެންމެ އިސްވެރިޔަކަށެވެ.

ޝުޖާއު ފުލުހުންގެ ހިދުމަތާ ގުޅިވަޑައިގަތީ މީގެ 26 އަހަރު ކުރިން ޑިސެމްބަރު، 1997 ވަނަ އަހަރު އެވެ.

ޝުޖާއު އަކީ އިންޑިއާގެ ބެންގަލޫރު ޔުނިވާސިޓީން ޑިގްރީ ފުރިހަމަ ކުރައްވައި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީގައި މެނޭޖުމަންޓު ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި އޭނާ އަކީ އެމެރިކާގެ ޔުނިވަސިޓީ އޮފް ވަޖީނިއާ އެފިލިއޭޓްވާ އެފްބީއައި ނޭޝަނަލް އެކަޑަމީ ސެޝަން 277ގެ އެފްބީއައި ގުރެޖުއޭޓެއްވެސް މެއެވެ.

ފުލުހުންގެ ހިދުމަތުގައި ޝުޖާއު ވަނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑާއި, ސާވިސް ޑިވެލޮޕްމަންޓް ޑިރެކްޓަރޭޓާއި, ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑާއި, އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރޭޓާއި, ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމު އަދާކުރައްވާފަ އެވެ. އަދި ފުލުހުންގެ ކޮލެޖުގެ އިސްވެރިޔާގެ ގޮތުގައިވެސް މަސައްކަތް ކުރެއްވި އެވެ.

ސީޕީގެ މަގާމަށް ބޭފުޅަކު ކަނޑައަޅާ ގޮތް

ފުލުހުންގެ ގާނޫނު ބުނާ ގޮތުން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އައްޔަންކުރެވޭނީ އެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލުމުން ކުރިމަތިލައްވާ ބޭފުޅުންގެ ތެރެއިން އެސިސްޓެންޓް ކޮމިޝަނަރު ރޭންކުން ފެށިގެން މަތީގެ ބޭފުޅެކެވެ.

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ ޝުޖާއުގެ އިތުރުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއީލް ނަވީން އެވެ.

ފުލުހުންގެ ގާނޫނުގައިވާ ގޮތުން ކޮމިޝަނާގެ މަގާމަށް ބޭފުޅަކު އައްޔަންކުރެވޭނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ޕޮލިސް ބޯޑަށް ހުށަހަޅާ ނަންތައް ދިރާސާކުރުމަށްފަހު ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރަށް ހުށަހަޅާ ނަންތަކުގެ ތެރެއިން މިނިސްޓަރު ދެއްވާ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.

ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމުގައި އެންމެ ފަހުން ހުންނެވި މުހައްމަދު ހަމީދު މިދިޔަ މަހުގެ 15 ދުވަހު ފުލުހުންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމާ ގުޅިގެން އެކްޓިން ކޮމިޝަނަރުގެ މަގާމުގެ މަސްއޫލިއްޔަތު މިހާތަނަށް އުފުއްލެއްވީ އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ އެވެ.