ފިނޭންސް މިނިސްޓްރީ

ބިޑު ނުކޮށް އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތް ހަދައިފި

ބިޑަކާ ނުލާ އަމިއްލަ ފަރާތްތަކުން އިސްނަގައިގެން މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް ދައުލަތުގެ މާލިއްޔަތު ގަވާއިދަށް އިސްލާހު ގެނެސްފި އެވެ.

މި އިސްލާހުގައިވާ ގޮތުން ޕްރައިވެޓް ސެކްޓާ އިނީޝިއޭޓެޑް ޕްރޮޕޯޒަލްގެ ގޮތުގައި ސަރުކާރުން ކަނޑައަޅައިފައިވާ ވަކި މަޝްރޫއަކަށް ނުފެތޭ ނަމަވެސް ސަރުކާރުގެ ތަރައްގީގެ އަމާޒުތަކަށް ވާސިލުވުމަށް އެހީތެރިކަން ފޯރުކޮށްދޭފަދަ މަޝްރޫއުތަކަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.

މީގެ އިތުރުން ސަރުކާރުގެ ސްޓްރެޓީޖިކް ޑިވެލޮޕްމަންޓް ޕްލޭނުގައި ބަޔާންކޮށްފައިވާ ކަންތައްތައް އީޖާދީ ގޮތެއްގައި އަދި ފުންދުންތެރި ގޮތެއްގައި ހާސިލުކުރުމަށް މަގުފަހިކޮށްދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނެ އެވެ.

މިގޮތުން މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައަޅަން ވާނީ މަސައްކަތުގެ ބާވަތާއި މަސައްކަތުގެ އަގާއި މަސައްކަތް ހަވާލުކުރާ ފަރާތް ހިމެނޭ ގޮތަށް އެ އޮފީހެއްގެ މާލީ ޒިންމާދާރު ވެރިޔާ އެ ފަރާތަކަށް މަސައްކަތް ހަވާލުކުރަން ނިންމި ސަބަބު ބަޔާންކޮށް ފިނޭންސް މިނިސްޓަރަށް ހުށަހެޅުމުން މިނިސްޓަރުގެ ލަފާގެ މަތިންނެވެ.

މިފަދަ ޕްރޮޕޯޒަލް ހުށަނޭޅޭނެ ހާލަތްތަކެއްވެސް އިސްލާހުގައިވެ އެވެ.

އެގޮތުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ކުރިން އެ ޕްރޮޕޯޒަލްގައި ހިމެނޭ މަޝްރޫއެއް އިއުލާނުކުރަން ސަރުކާރުން ރާވާފައިވުން ނުވަތަ އިއުލާނުކޮށްފައިވުން ހިމެނެ އެވެ. މީގެ އިތުރުން ޕްރޮޕޯޒަލްގައި ހިމެނޭ މަޝްރޫއެއް ސަރުކާރުން އިއުލާނުކޮށް މަޝްރޫއުގެ މަސައްކަތްކުރާނެ ބަޔަކު ހޯދަން އެއްވެސް މަރުހަލާއެއްގައި ފަށައިފައިވާނަމަ ޕްރޮޕޯޒަލް ހުށަނޭޅޭނެ އެވެ.