ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް ޑޮލަރު ލިމިޓް 1،200 އަށް ބޮޑުކުރަނީ

ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑެބިޓް އަދި ކްރެޑިޓް ކާޑު ބޭނުންކޮށްގެން ޑޮލަރު ނެގޭ މިންވަރު 1،200 ޑޮލަރަށް އިތުރުކުރަން ނިންމައިފި އެވެ.

ދަރިވަރުންނަށް ބީއެމްއެލް ޑެބިޓް އަދި ކްރެޑިޓް ކާޑުން ޑޮލަރު ނެގޭ މިންވަރު އިތުރުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ފިނޭންސް މިނިސްޓްރީން ހުށަހެޅި ކަރުދާހަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވެވި ލަފައަށް ބެއްލެވުމަށްފަހު އެވެ.

ރާއްޖެއިން ބޭރުގައި ކިޔަވާ ކުދިންނަށް މިހާރު ޑޮލަރު ލިމިޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 750 ޑޮލަރެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް ވިދާޅުވީ ޑޮލަރު ލިމިޓް އޮތުމުން ދަރިވަރުންނަށް މިހާރު ދަތިތައް ދިމާވާ ކަމަށެވެ.

"އެކެއް ފެބްރުއަރީން ފެށިގެން ކޮންމެ ކިޔަވާ ކުއްޖަކަށްވެސް އެ ކުއްޖެއްގެ ކާޑުން 1،200 އެމެރިކާ ޑޮލަރަށް އިތުރުކުރަން ކެބިނެޓުން ނިންމަވައިފި،" ނާޒިމު ވިދާޅުވި އެވެ.

މިގޮތުން ބީއެމްއެލްގެ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ލިމިޓު މަތިކުރުމަށް ބޭނުންވާ ބޭރު ފައިސާ ހޯދައި މަރުކަޒީ ބޭންކް -- މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ އިންޓަވެންޝަން ސިޔާސަތުގެ ތެރެއިން ބީއެމްއެލްއަށް ބޭރު ފައިސާ ފޯރުކޮށްދީގެން ބީއެމްއެލްއަށް މިކަން ތަންފީޒުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވެ އެވެ.

ޑޮލަރު ލިމިޓް މަތިކުރުމަށް ނިންމުމާ ގުޅިގެން ނިންމަންޖެހޭ އިދާރީ އަދި ޓެކްނިކަލް މަސައްކަތްތައް ފިނޭންސް މިނިސްޓްރީ އާއި ބީއެމްއެލް އަދި އެމްއެމްއޭ ގުޅިގެން ކުރިއަށް ގެންދިއުމަށްވެސް ކެބިނެޓުން ނިންމާފައިވާ ކަމަށް ނާޒިމު ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ތުރުކީވިލާތަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓްތަކުން ފައިސާ ނެގޭ އަދަދު މަދުކަން ދިވެހިން ފާހަގަކުރި އެވެ.

މިބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ ބޭންކް އޮފް މޯލްޑިވްސް އިން މިހާރު ކަނޑައަޅާފައިވާ މިންގަނޑަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ކެބިނެޓްގެ ނިންމުމަށް ބަލާއިރު ޑޮލަރު ލިމިޓް އިތުރުކުރަން ނިންމާފައިވަނީ ހަމައެކަނި ރާއްޖެއިން ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް އެކަންޏެވެ.