ސަރުކާރުން އިސްވެ ބާއްވާ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމް ފަރާތުން، އެޕާޓީގެ ޕީޖީ ގްރޫޕް ލީޑަރު އަހުމަދު ނިހާން ހުސެން މަނިކު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުﷲ ބައިވެރިވުމަށް ނިންމައިފި އެވެ.
މި ނިންމުމާއި ގުޅިގެން އަވަސް އަށް މައުލޫމާތު ދެއްވަމުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ އެޕާޓީ އިން ރޭ ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ޕީޕީއެމް ފަރާތުން ބައިވެރިވާނެ ބޭފުޅެއް ކަނޑައަޅަން ކައުންސިލް ފަރާތުން ނަންތަކެއް ހުށަހަޅާފައިވާނެ ކަމަށެވެ.
"ކައުންސިލުން ނިހާން އާއި އަބްދުއްރަހީމްގެ ނަން ހުށަހެޅި. ދެން ވޮޓެއް ނަގައި މެމްބަރުންގެ އިއްތިފާގުން ހޮވުމުން އެދެބޭފުޅުން ޕާޓީތަކާއި އެކު މަޝްވަރާގައި ބައިވެރި ވުމަށް ކައުންސިލުން ވަނީ ނިންމާފައި،" ތޮލާލް ވިދާޅުވި އެވެ.
މަޝްވަރާތަކުގައި ބައިވެރިވުމަށް ޕީޕީއެމް ފަރާތުން މެމްބަރުން ހަމަޖައްސާފައިވާ އިރު ސަރުކާރުން ބައިވެރި ވަނީ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ، ޑިފެންސް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު ޒުހޫރެވެ. މިނިސްޓަރު ޝައިނީ އިއްޔެ ވިދާޅުވެފައި ވަނީ ސިޔާސީ ޕާޓީތަކާއެކު ބާއްވާ މަޝްވަރާ ބައްދަލުވުންތަކުގެ ފުރަތަމަ ޖަލްސާ އަންނަ މެއި މަހުގެ ދެވަނަ ދުވަހު ބާއްވާނެ ކަމަށެވެ.
އެހެން ނަމަވެސް އިދިކޮޅު މައި ދެ ޕާޓީ، އެމްޑީޕީ އަދި އަދާލަތު ޕާޓީ އިން މި މަޝްވަރާތަކުގައި ބައިވެރިވާން ދެކޮޅު ހަދައެވެ. އެދެޕާޓީ އިން ބުނާ ގޮތުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީން މަޝްވަރާތަކުގައި ބައިވެރިވާނީ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެހެންވެސް ސިޔާސީ ކުށްވެރިން މިނިވަން ކުރުމުން ކަމަށެވެ.