މިނިސްޓްރީ އޮފް ހެލްތު

ފައިލޭރިއާ ފެތުރުމުގެ ފުރުސަތެއް ނެތް: މިނިސްޓަރު

ރާއްޖެއިން ފައިލޭރިއާ ޖެހިފައި ތިބި ބިދޭސީންތަކެއް ފެނުނު ނަމަވެސް ބަލި ފެތުރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

އަވަސް އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ ފައިލޭރިއާ ޖެހިފައި ތިބި 32 މީހުންނަކީވެސް ބިދޭސީން ކަމަށެވެ. މީގެތެރެއިން 30 މީހުންނަކީ އިންޑިއާ މީހުންނެވެ. އަނެއް ދެ މީހުންނަކީ ބަންގްލަދޭޝް މީހުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އިންޑިއާއަށް ނިސްބަތްވާ 30 މީހުންގެ ތެރެއިން 27 މީހުންނަކީ ބިހާރު އަދި އުއްތަޕްރަދޭޝްގެ މީހުން ކަމަށެވެ. މިއީ އިންޑިއާގައި ފައިލޭރިއާ އެންމެ ބޮޑަށް ފެތުރޭ ދެ ސަރަހައްދެވެ.

"މި ދެ ސަރަހައްދުން ރާއްޖެ އަންނަ ބިދޭސީ މަސައްކަތްތެރިން އިތުރުވެފައިވަނީ އެމީހުން ލިބޭ އަގު ކުޑަވުމުން ކަމަށް ބެލެވޭ. އެކަމަކު ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ވަކިން ބޮޑަށް މި ދެ ސަރަހައްދަށް ސަމާލުވާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. ޚަލީލް ވިދާޅުވީ ފައިލޭރިއާ އަކީ އެހާ ފަސޭހައިން ފެތުރިގެންދާ ބައްޔަކަށް ނުވާތީ މިބަލި ފެތުރުމުގެ ބިރެއް ނެތް ކަމަށެވެ. އެކަމަކުވެސް ރައްކާތެރިވުމުގެ ގޮތުން ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމުގައި ވިދާޅުވި އެވެ.

"ހަގީގަތުގައި ވަކި ކަހަލަ މަދިރިއަކުން އަދި ރޭގަނޑު ނިކުމެ އުޅޭ މަދިރިއަކުން މިބަލި މިޖެހެނީ. އަދި އެވެސް ވަރަށް ގިނަ ފަހަރު ބައިޓްކޮށްގެން. އެހެންކަމުން މިވަގުތަށް ނުރައްކަލެއް އޮތް ކަމަކަށް ނުފެނޭ. އެހެންވިޔަސް ރައްޔިތުންގެ އާންމު ސިއްހަތު އެންމެ ހިދުކޮޅަކަށްވެސް ސަރުކާރުން ކޮމްޕްރޮމައިޒް ނުކުރާނެ،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފައިލޭރިއާގެ ކޭސްތަކެއް ރާއްޖެ އެތެރެވެފައިވަނީ ބިދޭސީންނަށް ވޯކްޕާމިޓް ދޫކުރުމުގެ ކުރިން މެޑިކަލް ހެދުމަށް އޮންނަ އުސޫލަށް 2020 ވަނަ އަހަރުގެ ތެރޭގައި ގެނައި ބަދަލުތަކަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެކަން ހައްލުކޮށް އުސޫލުތައް ހަރުދަނާކުރުމަށް ސަރުކާރުން މިހާރު ފިޔަވަޅުތަކެއް އަޅާފައިވާތީ ފައިލޭރިއާގެ ބަލި ހުރި މީހަކު ރާއްޖެ އެތެރެވުމުގެ ފުރުސަތު މިހާރު ކުޑަކަމަށްވެސް ވިދާޅުވި އެވެ.

"ބިދޭސީ މަސައްކަތްތެރިން ރާއްޖެ އެތެރެވުމަށްފަހު މިހާރު މިގެނައި ބަދަލުގެ ދަށުން މެޑިކަލް ހަދަން އެބަޖެހޭ 15 ދުވަސް ތެރޭގައި. މިމުއްދަތުގައި މެޑިކަލް ހަދާފައިި ވޯކްޕާމިޓް ދޫކުރާއިރު އެނގޭނެ އެމީހާގެ ސިއްހީ ހާލަތު. ނުރައްކާތެރި ބަލިތައް ހުރި މީހަކަށް ވޯޓުޕާމިޓެއް ދުލެއް ނުކުރާނެ،" ހަލީލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ފައިލޭރިއާ ޖެހިފައިވާ ބިދޭސީންތަކެއް މާލެ ސަރަހައްދާއި ކުޅުދުއްފުށިން ފެނުމާ ގުޅިގެން 150 ދިވެއްސަކުވެސް ހިމެނޭހެން 683 މީހުން ފައިލޭރިއާ އަށް ޓެސްޓް ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ދިވެއްސަކު ބައްޔަށް ޕޮޒިޓިވް ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ. ފައިލޭރިއާގެ ބަލި މީހުންނަށް ދޭންޖެހޭ ބޭސްތައް ރާއްޖޭގައި ހުރިކަން ވެސް މިނިސްޓަރު ޔަގީންކޮށްދެއްވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ފައިލޭރިއާ އަކީ ރާއްޖެއިން ނައްތާލާފައިވާ ބައްޔެއް ކަމަށް ޑަބްލިއުއެޗްއޯ އިން ކަނޑައަޅާފައި ވަނިކޮށް ފައިލޭރިއާ ޖެހިފައިވާ ބަޔަކު ރާއްޖެއިން ފެނުމަކީ އެ ނަޒަރުން ކަންބޮޑުވާ މައްސަލައެއް ކަމަށެވެ.