ވާހަކަ

މިލްކުވާނެބާ

( 24 ޑިސެމްބަރ 2023 އާ ގުޅޭ )

ހިލްމީއާއެކު މަޑު ހިނގުމެއްގައި މިޔާ އައެވެ. ކާމޭޒުދޮށުގައި އިން އިޒީކިއަލް އިސްއުފުލާ ބަލާލުމާއެކު އޭނާއަށް މިޔާއާ ނަޒަރު ވަކިކޮށެއް ނުލެވުނެވެ. ރަތްކުލައިގެ ހެދުން މިޔާގެ ގަޔަށް ހެޔޮވަރުވެފައި އެ ކުލަ މިޔާއާ ނުހަނު ގުޅެ އެވެ. ތަފާތު ޖަޒުބާތެއްގެ އޮއެވަރު ހިތުގައި ހިނގައިގަތް ހިނދު އިޒީކިއަލްއަށް ހިންދިރުވާލެވުނެވެ.

މިޔާގެ ނަޒަރު އިޒީކިއަލްއާ އަމާޒުވެލި އެވެ. މަސްތުކަމުގެ ކަޅު ހިޔަންޏެއްގެ ދިހުން އެ ކަޅިރަވައިން ފާޅުވެލި ކަހަލަ އެވެ. މިޔާގެ ހަށިގަނޑަށް ހަރުކަށިކަމެއް ވެރިވީ ކަނދުރާމަތިން ލޯލިތައް ކޮޅަށް ޖެހުމުންނެވެ. މިޔާގެ ދަންފުޅި ބައްޓަން ހެދުމުން ފާޅުވާން ހުރިއިރު އެ ހަށިގަނޑުގައި އިޒީކިއަލްގެ ނަޒަރު ބީހޭ ފަދަ އެވެ. ބޭއިޚްތިޔާރުގައި މިޔާއަށް އިސްޖަހާލެވުނީ ލަދުވެތިކަމުގެ ހޫނުކަން ދެ ކޯތާފަތަށް އިޙްސާސް ކުރެވިގެންނެވެ. އެ ދޮން މޫނަށް މަޑު ޖަންބުކުލައެއް ވެރިފައި ވިއެވެ. މަޑުމަޑުން އައިސް ހަތަރު މީހުންގެ ޖާގަ ހުރި ކާމޭޒު ދޮށުން، އިޒީކިއަލްގެ ކަނާއަތް ފަރާތަށް ހުރި ގޮނޑީގައި މިޔާ އިށީނެވެ. ހިލްމީ މިފަހަރު ވެސް އެ ދެ ޒުވާނުންނަށް ވަގުތު ދީފައި ހިނގައިގަތީ ދުރަށެވެ. އޭނާ ދަމުން ގޭތެރޭގައިވީ އަލިކަން ފަނޑުކޮށްލި އެވެ. އެއާއެކު އޮރެންޖާއި ރަންކުލައެއް މުޅި ތަނަށް ވެރިވެއްޖެ އެވެ. އަދި ކާމޭޒުމަތީ ދިއްލާފައި ހުރި އުއްބައްތީގެ ހުޅުކޮޅުން މޭޒުމަތި ހުޅުދާންވެލި ފަދަ އެވެ. ކުއްލިއަކަށް މުޅި މާޙައުލު ބަދަލުވެލި ކަހަލަ އެވެ.

"ވާއޮ!... ގޭގައި ކޭންޑްލް ލައިޓް ޑިނާއެއް... ހައު ރޮމޭންޓިކް." ތަނަށް ވެރިވި ފަނޑު އަލިކަމާއި ކާމޭޒުމައްޗަށް ނަޒަރު ހިންގާލި މިޔާގެ ހިތް ކިޔާލި އެވެ. އެފަދަ ލޯބިވެތި ޢަމަލެއްގެ އުފާވެރިކަން މިޔާއަށް ލުހާމްގެ ފަރާތުން ލިބިފައެއް ނެތެވެ. ދެ ލޯބިވެރީން އެކުގައި ކަމެއް ކުރަންޏާ އެކަމެއް ރާވަނީ މިޔާ އެވެ. ހަދިޔާއެއްގެ ގޮތުގައި ލުހާމްގެ އަތުން ލިބޭނީ ފިނިފެންމަލެއް ނޫނީ ޗޮކުލެޓެކެވެ. މިޔާއަށް އެވަރުން ފުދެ އެވެ. އެޕާޓްމެންޓެއްގައި އެކަނި އުޅޭ އިރު ވެސް ލުހާމް އޭނާއަށް އެފަދަ ޚާއްޞަ ގޮތަކަށް ދަޢުވަތެއް ދީފައެއް ނުވެ އެވެ. ނަމަވެސް އިޒީކިއަލްއާ ބައްދަލުވެ މިވީ ސައުވީސް ގަޑިއިރު ތެރޭ މިޔާގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. މިޔާގެ ހިތް އެދޭވަރާ ގާތަށް ވެސް ލުހާމަށް އޭނާއަށް ލޯބި ދެވިފައިނެތްކަމުގެ އިޙްސާސް މާބޮޑަށް ކުރެވެންފެށި އެވެ. އޭރު ލޯބިން ގުޅިގެން އުޅުން އިރު ކަމެއް މަދުވާ ކަމުގެ އިޙްސާސް ކުރެވިފައެއް ނެތެވެ. އަދި ލުހާމްގެ ހުރިހާ ކަމެއް މިޔާއަށް ކަމުދެ އެވެ. ލިބެމުންދިޔައީ ލޯބީގެ މަދު މިންވަރަކަށް ވިޔަސް މިޔާގެ ހިތުގައި އެ ލޯތްބަށް ޝުކުރުވެރިކަން ވިއެވެ. ޤަބޫލުކުރެވުނީ އުމުރުއެކީ ހަޔާތް ވޭތި ކުރާނެ ބައިވެރިޔާއަކީ ލުހާމް ކަމެވެ. އެކަމަކު މިޔާއަށް ނޭނގުނީ ކިތަންމެ ފުރިހަމައަށް މުސްތަޤްބަލް ތަދުބީރު ކުރީ ނަމަވެސް ތަޤްދީރުގެ ގަލަމަކަށް އިންސާނާއަށް ބާރެއް ނުފޯރުވޭނެ ކަމެވެ.
ޚިޔާލުތަކުގައި ބަނދެވި އިނދެ ނިކަން ސިއްރުސިއްރުން އިޒީކިއަލްއަށް މިޔާ ބަލާލި އެވެ. "މެރޫން" ކުލައިގެ އަތްދިގު ގަމީސް އިޒީކިއަލްއާ ނުހަނު ގުޅެ އެވެ. އުޅަންބޮއްޓާ ހަމައަށް އަތްކުރި އޮޅާލާފައި އޮތްއިރު އޭނާގެ ވަރުގަދަ ދެ އަތުގައި ފުއްޕާލާފައިވާ ނާރުތައް ފާޅުވެ އެވެ. މިޔާގެ ހިތުގައި ތަފާތު ވިންދެއް ޖަހާލި ފަދަ އެވެ.

"އުމުރުގެ ތަފާތުތަ މިފެންނަނީ... ހީ އިޒް މޯ މެޗުއަރ. އުމުރު މަތިވުމަކީ އަންހެން ކުދީންނަށް އަޅާލައި ޓޭކް ކެއާ ކުރާނީ ކިހިނެއްކަން އެމީހުންނަށް އެނގޭ ސަބަބުތަ؟." ހިތާއި ސިކުނޑީގައި ހިނގަމުންދިޔަ ޝުޢޫރުތަކުގެ ތެރެއިން މިޔާގެ ހިތުގެ އަޑު ގަދަވެލި އެވެ. އެ ހިތް އިޒީކިއަލްއަށް ތަޢުރީފު ކުރާން އެދޭ ކަހަލަ އެވެ.

"ޔޫ ލުކް ގޯޖަސް." އިޒީކިއަލް ކަރުކެހިލާފައި ބުނެލި އެވެ. އަދި ނިކަން އަވަހަށް މިޔާއާ އަމާޒުވެލި ނަޒަރު މޭޒު މައްޗަށް ހުއްޓާލައިފި އެވެ.

"ތޭންކްސް." ނިކަން ހިމަ އަޑަކުން މިޔާ ބުނެލީ ލަދުން އިސްޖެހިފައި އިނދެ އެވެ.

އިޒީކިއަލްގެ އިޝާރާތާއެކު ކެއުމަށް އިންސާފު ކުރާން ދެ ޒުވާނުން ފެށި އެވެ. ކާމޭޒުމަތިން ފެންނަމުން ދިޔައީ ސިއްޙަތަށް ފައިދާ ކުރާނޭ ބާވަތްތައް ބޭނުންކޮށްގެން ތައްޔާރު ކުރެވިފައި ހުރި ތަށިތަކެވެ. ފެނާއި ޖޫސް ހުރީ ތަށިތަކަށް އަޅައި ބުއިމަށް ތައްޔާރު ކުރެވިފަ އެވެ. ހިމޭންކަމުގައި ތިބެ ދެ ޒުވާނުން ރޭގަނޑުގެ ކެއުން ނިންމާލި އެވެ. އިޒީކިއަލް ވާހަކައެއް ނުދައްކާތީ މިޔާއަށް އިސްވެ ވާހަކައެއް ދައްކާކަށް ނުކެރުނެވެ.

"ބޭރަށް ނުކުމެލާނަންތަ؟. ޓެރެސްއަށް." މޭޒު ދޮށުން ތެދުވުމުގެ ކުރީން އިޒީކިއަލް އަހާލި އެވެ. ޖަވާބެއްގެ ގޮތުން މިޔާ ހަމައެކަނި ބޯޖަހާލީ އެވެ.

ހާމަފެންޑާގެ ރެއިލިން ކައިރީ އިޒީކިއަލް މަޑުކޮށްލި އެވެ. ދެ އަތްތިލަ ފަޓުލޫނުގެ އަރިމަތީ ޖީބަށް ޖަހާލައިގެން ހުރެ އެވެ. ނުކެރިފައި ހުރި ފަދައިން މިޔާ އައިސް ރެއިލިންގްގައި ހިފަހައްޓާލައި ބޭރަށް ބަލާލި އެވެ. ލުއި ވައިރޯޅީގެ އަސަރު ފަޒާގައި ވިއެވެ. މިޔާގެ ފަށުވިކޮޅެއްހާ ފަން އިސްތަށިގަނޑާ ވައިރޯޅި ސަމާސާ ކުރާން ފެށުމުން އެއްފަރާތުން ގެނެސް އިސްތަށިގަނޑުގައި ހިފަހައްޓާލި އެވެ. ހަމަ އެހިނދު މިޔާގެ ގާތަށް އިޒީކިއަލް އަޅާލި ފިޔަވަޅާއެކު އޭނާ ހުއްޓުން އެރި އެވެ. އިޒީކިއަލްގެ ދަތްދޮޅިއާ ހަމައަށް މިޔާގެ ބޯ އަރާއިރު، އިޒީކިއަލްއާ ނަޒަރު ސީދާކޮށްލުމަށް މިޔާއަށް ހުރެވުނީ ތަންކޮޅެއް ބޮޑަށް އިސް އުފުލާލައިގެންނެވެ. އޭނާގެ ނޭފަތުގައި އިޒީކިއަލްގެ ޖަހާފައި ހުރި ސެންޓުގެ ވަސް ޖެހުނެވެ. ސިކުނޑިއަށް އަރާމުކަމެއް ގެނުވާ ހަށިގަނޑަށް ހިމޭންކަމެއް ވެރިކުރުވާ ފަދަ ފިރިހެންވަންތަ މީރު ވަހެކެވެ. އެތެރެއަށް ދަމާލި ނޭވާ މިޔާއަށް ހިފަހައްޓާލެވުނެވެ.

"އަބަދުވެސް މިހާ ފަންތަ؟." މިޔާގެ ކަނާތު ލޯ ކައިރިން އުނދަގޫ ކުރަމުން ދިޔަ އިސްތަށިކޮޅު ކަންފަތް ކައިރިޔަށް ލައްވާލަ ދެމުން އިޒީކިއަލް އަހާލި އެވެ.

"ހޫމް. ބައްޕަގެ ފަރާތުން ވާރުތަކޮށްފައި." މިޔާ ބުނެލީ މަޒީދުގެ ހަނދާން ކުރަމުންނެވެ. ލޯބިވާ ބައްޕައާ ވަކިވާން ޖެހުމުގެ ހިތާމަ އެހިތުގައި ތަޒާކަމާއެކު ވެއެވެ. އިޒީކިއަލްގެ ސުވާލާއެކު އެ ހަނދާންތައް ސިކުނޑީ ތެރޭ ތިލަވެގެން އައީ އެވެ.

"ވާހަކައެއް އަހާލަންތަ؟." އިރުކޮޅެއްގެ ހިމޭންކަމަށްފަހު މިޔާ ވާހަކަދެއްކި އެވެ.

"އަހާލަބާ." މިޔާގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި އިޒީކިއަލް ބުންޏެވެ. އޭރު ވެސް އޭނާ ހުރީ މިޔާގެ ގާތަށް އަޅާލި ފިޔަވަޅުމަތީ އެ ގާތްކަމުގައި ހުއްޓިލައިގެންނެވެ.

"ކިހާތާކު މެރީ ކުރަން ބޭނުންވަނީ." މިޔާ އަހާލި އެވެ.

"ވަރަށް އަވަހަށް. މިޔާ ޤަބޫލުވިހާ އަވަހަށް އަހަރެން ހުރިހާ ކަމެއް ހަމަޖައްސާނަން." އިޒީކިއަލް ބުންޏެވެ. މިފަހަރު ޖެހިލުންވުމުގެ ބަދަލުގައި މިޔާގެ ތުންފަތުން ލުއި ހިނިތުންވުމެއް ފާޅުވެލީ އެވެ.

"އަޅުގަނޑު ޤަބޫލު." މިޔާގެ އަޑު މަޑުވެލި އެވެ. އިޒީކިއަލްއާ ނަޒަރު ސީދާކޮށްލައިގެން ހުންނާކަށް ވެސް އޭނާއަކަށް ނުކެރުނެވެ. ނަމަވެސް އިސް އޮބާލި ހިނދު އޭނާގެ ދަތްދޮޅީގައި އިޒީކިއަލް ހިފަހައްޓާލުމާއެކު މޫނު އުފުލާލި އެވެ. ބޭނުންނުވިޔަސް މިޔާގެ ނަޒަރު އިޒީކިއަލްއާ ސީދާވެގެން ދިޔަ އެވެ.

"އަދި އެއްފަހަރު. ވަރަށް ޔަގީންކަމާއެކު ބުނެބަލަ." އިޒީކިއަލްގެ އަޑުގައި މިފަހަރު ހިތް އަވަސްވުން އެކުލެވިފައި ވިއެވެ.

"ޤަބޫލު." މިޔާ ބުންޏެވެ.

ފުރަތަމަ ފަހަރަށް އިޒީކިއަލްގެ މޫނުން ހިނިތުންވުމެއް ފާޅުވި އެވެ. އެ ހިނިތުންވުން ޖާދޫއެއް ފަދަ އެވެ. މިޔާގެ ހިތް އެ ހިނިތުންވުން ގައިދުކުރީ ފަޅި ސުކުންތެއްގެ ތެރޭ އެވެ. އިޒީކިއަލްގެ މޫނު އުޖާލާވެ މުޅީން ތަފާތު މީހެއް ސިފަވެގެން ދިޔަ ކަހަލަ އެވެ. ވަގުތުކޮޅަކަށް އޭނާގެ ފުށުން އަބަދުމެ ފެންނަ ސީރިއަސްކަން ނެތިދިޔަ އެވެ.

"ތެންކިޔު." އިޒީކިއަލް ނިކަން އަވަހަށް ބުނެލި އެވެ.

މިޔާ ހިސާބަކަށް ހައިރާންވި އެވެ. އޭނާއާ އިންނަން އިޒީކިއަލް ބޭނުންވެފައި ހުރި ވަރު ފެނިފަ އެވެ. ފުރަތަމަ ނަޒަރުން އިޒީކިއަލްއަށް މިޔާ އެހާ ވެސް ކަމުދިޔައީ ބާއޭ ޚުދު އަމިއްލަ ހިތާ މިޔާ ސުވާލުކޮށްލި އެވެ. އޭނާ ވިސްނުމުގައި ވަނިކޮށް އިޒީކިއަލް ވާހަކަދައްކަން ފެށި އެވެ.

"އެބަހުރި މިޔާ ކައިރީ ދައްކަން ބޭނުންވާ ވާހަކަތަކެއް. މިޔާ ޤަބޫލުވީމަ ދައްކަން މަޑުކޮށްލީ... އަހަރެން ގަސްދުކޮށްފައިވާނީ ކޯޓުގައި ކައިވެނި ކުރަން. ޕާޓީއެއް ނުބާއްވާނަން. އަދި އަހަރެންނާއެކީ މިޔާ ދިރިއުޅޭނީ މާފުށީގައި ހުންނަ އަހަރެންގެ ވިލާގައި. އެކޮޅަށް ދިއުމުގެ ކުރީން ބައެއް ކަހަލަ މެޑިކަލް ޓެސްޓްތައް ހަދާލަން އަހަރެން ބޭނުން. ހަށިގަނޑުގެ ދުޅަހެޔޮކަން އެނގޭނީ އޭރުން. މައްސަލައެއް ހުރީ ވިއްޔާ ކުރީބައިގައި އެކަމަށް އެކަށީގެންވާ ފަރުވާއެއް ފަށަން ވިޔަސް އެނގޭނީ އޭރުން." އިޒީކިއަލް އެދޭ ގޮތް އިއްވާލި އެވެ.

މިޔާއަށް ކަމުނުދިޔައީ ކޯޓުގައި ކައިވެނި ކުރާ ވާހަކަ އެކަންޏެވެ. އޭނާ ދެކެމުން އައީ ހުވަފެނަކަށް ބޮޑު ވަލީމާއެއް ބޭއްވުން ވެއެވެ. ރީތި އަގުބޮޑު ކައިވެނި ހެދުމުގައި އެހާމެ ފުރިހަމަ ޙަފުލާއެއްގައި ކައިވެނި ކުރެވެން މިޔާ ބޭނުމެވެ. ނަމަވެސް އިޒީކިއަލްގެ ނިންމުމާ ދެކޮޅުވާކަށް ނުކެރުނެވެ.

"މާދަމާގެ ވަގުތެއްގައި ހިލްމީ ފޯމު ގެނައިމަ މިޔާ ސޮއިކޮށްލާތި. އޭނާ އެހެން ހުރިހާކަމެއް ނިންމާނެ." އިޒީކިއަލް ބުންޏެވެ. ވަގުތުން ހުރިހާކަމެއް ނިންމާލަން އިޒީކިއަލް ބޭނުންވެފައި ހުރި ކަހަލަ އެވެ.

(ނުނިމޭ)