ދުނިޔެ

ރަޝިއާގެ ރިޔާސީ އިންތިހާބުގައި ވާދަކުރަން 30 ފޯމެއް

ރަޝިއާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ މަސައްކަތް އެ ގައުމުގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ފަށާފަ އެވެ.

ރަޝިއާގެ ސެންޓްރަލް އިލެކްޝަން ކޮމިޝަނުން ބުނި ގޮތުން ރިޔާސީ އިންތިހާބު އޮންނާނީ އަންނަ އަހަރުގެ މާޗު 15 އިން 17 އަށެވެ.

ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެންޑިޑޭޓަކަށް ވުމަށް 30 މީހަކު ފޯމު ހުށަހަޅާފައިވާ ކަމަށްވެސް ސެންޓްރަލް އިލެކްޝަނުން ބުންޏެވެ.

ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް އަޣުލަބިއްޔަތު ނުލިބިއްޖެނަމަ ދެވަނަ ބުރެއް ތިން ހަފުތާ ފަހުން -- މެއި މަހު އޮންނާނެ އެވެ.

އިންތިހާބުގައި ކުރި ހޯދާ ކެންޑިޑޭޓަކު ރައީސްގެ މަގާމަށް އިސްކުރައްވައި ހުވައިކުރެއްވުން އޮންނާނީ މެއި 7، 2024 ގައެވެ.

ސެންޓްރަލް އިލެކްޝަން ކޮމިޝަންގެ ޗެއާމަން އެއްލާ ޕަމްފިލޯފާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތީ ވާދަވެރި އިންތިހާބަަކަށް ވާނެ އެވެ. ހަމަގައިމުވެސް އެކަކަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިއާގައި އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެ ގައުމުގެ މިހާރުގެ ރައީސް ލަޑިމިއާ ޕޫޓިން ވާދަކުރައްވާނެ ކަމަށް ރިޔާސީ ގަނޑުވަރު -- ކްރެމްލިން އިން ވެސް ވަނީ ބުނެފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޕޫޓިންއަށް އިންތިހާބު ފަސޭހަކުރުމަށްޓަކައި އިދާރީ ދާއިރާތަކަށް ބަދަލުތަކެއް ގެންނާނެ އެވެ. މިއީ ސީދާ ޕޫޓިންގެ އަމުރަށް ކުރައްވާ ކަމެއްކަން ސާފު ނުވި ނަމަވެސް އިންތިހާބާ ގުޅުން ހުރި އިދާރާތަކުގެ ވެރިންގެ ގޮތުގައި ތިއްބެވީ ޕޫޓިންއަށް ތާއީދުކުރައްވާ މީހުންނެވެ.

ރަޝިއާއާއި ޔުކްރޭނާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ރައީސް ޕޫޓިންގެ ތާއީދު ގިނަ ބައެއްގެ ކުރިމަތީގައި ދަށްވުމަކީ ހަބަރުތައް ބުނާ ގޮތުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް ރަޝިއާ މިހާރު އޮތް ހާލަތުން އަރައިގަނެ އިގުތިސާދީ ގޮތުން ބާރުގަދަ ގައުމަކަށް ހެދުމަކީ ޕޫޓިން ނޫން އެހެން މީހަކަށް ފަސޭހަ ކަމަކަށް ނުވާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ރަޝިއާއަށް ދަތިކުރުމަށް އެމެރިކާއާއި ހުޅަނގުން ކުރަމުން ގެންދާ އެއްވެސް ކަމެއްގެ ސަބަބުން ރަޝިއާ އިނދަނުޖެހި އޮތީ ވެސް ޕޫޓިންގެ ރޭވުންތެރިކަމުގެ ސަބަބުން ކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ރަޝިއާ ހަނގުރާމައިން މިންޖުވެ އިގުތިސާދީ ވަރުގަދަ ބާރަކަށް ހެދުމަށް އެ ގައުމުގެ ވެރިކަން ޕޫޓިންއަށް ހަވާލުކުރަން ރަޝިއާގެ ކިތަންމެ ބަޔަކު އެދޭ ކަމަށްވެސް ހަބަރުތައް ބުނެ އެވެ.