އަހުމަދު ތޯރިގް

އެފްއޭއެމްގެ ރައީސް ކަމަށް ވާދަކުރެއްވުމަށް ޓޮމް ފޯމު ހުށަހަޅުއްވައިފި

Dec 27, 2023

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު މިއަދު ފޯމު ހުށަހަޅުއްވައިފި އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމަށް ވާދަކުރެއްވުމަށް ތޯރިގު ފޯމު ހުށަހެޅުއްވީ ޓީސީ ސްޕޯޓްސް އާއި މާޒިޔާ އަދި ވެލެންސިއާގެ ނޮމިނޭޝަންއާއެކު އެވެ.

އެފްއޭއެމްގެ އިންތިހާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 31 ވަނަ ދުވަހު އެވެ.

އެ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތު މިއަދު މެންދުރުފަހު 1:00 އަށް ހަމަވާނެ އެވެ.

މި އިންތިހާބު ބޭއްވުމަށް ނިންމާފައިވާއިރު އެފްއޭއެމް ހިންގާ ކޮމިޓީގެ ބައެއް މެންބަރުން ވަނީ އިސްތިއުފާދީފަ އެވެ.

މީގެ އިތުރުން އެފްއޭއެމްގެ ކޮރަޕްޝަންގެ މައްސަލަތައް ފުލުހުން ތަހުގީގުކުރަމުންދާއިރު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ފުރުން މަނާކޮށް އޭނާގެ ޕާސްޕޯޓް ވަނީ ހުއްޓުވާފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވަނީ ބައްސާމަށް ދައުވާކުރާނެ ކަމަށް ބުނެފަ އެވެ.