އަހުމަދު ތޯރިގް

އެފްއޭއެމްގެ ރައީސް ކަމަށް ޓޮމް ވާދަކުރައްވަނީ

ފުޓްބޯލް އެސޯސިއޭޝަން (އެފްއޭއެމް)ގެ ރައީސްގެ މަގާމަށް ވާދަކުރައްވާނެ ކަމަށް ގައުމީ ޓީމުގެ ކުރީގެ ފޯވާޑް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު އިއުލާންކުރައްވައިފި އެވެ.

އެފްއޭއެމްގެ ހިންގުން ވަރަށް ބޮޑަށް ގޯސްވެ އެކަމުގެ ގެއްލުން ދިވެހި ފުޓްބޯޅައަށް ލިބެމުންދާއިރު އެފްއޭއެމްގެ އިންތިހާބު އޮންނާނީ އަންނަ އަހަރު އެވެ.

ގައުމީ ޓީމަށް މޮޅަށް ކުޅެފައިވާ ފޯވާޑް ތޯރިގު މީގެކުރިން 2016 ވަނަ އަހަރުވެސް ކުޑަ ދުވަސްކޮޅަކަށް އެފްއޭއެމްގެ ރައީސް ކަން ކުރެއްވި އެވެ.


އެފްއޭއެމްގެ ރައީސްކަމަށް ވާދަކުރައްވާނެކަން އިއުލާން ކުރަމުން ތޯރިގް ވިދާޅުވީ ފުޓްބޯޅަ މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކްލަބްތަކާއި ފުޓްބޯޅަ އާއިލާގެ އެއްބާރުލުމަށް އޭނާ އެދޭ ކަމަށެވެ.

ތޯރިގު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރިއަށް އޮތް އިންތިހާބުގައި ވާދަކުރެއްވުމަށް ނިންމެވީ ދިވެހި ފުޓްބޯޅަ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތް ކުރުމަށް ކަމަށެވެ. މިމަސައްކަތުގައި ކުލަބްތަކާއި ފުޓްބޯޅަ ކޮމިއުނިޓީގެ އެހީތެރިކަމަށްވެސް އޭނާ ވަނީ އެދިވަޑައިގެންފަ އެވެ.

އެފްއޭއެމްގެ ރައީސްގެ މަގާމުގައި ދެވަނަ ދައުރު ފުރިހަމަ ކުރައްވަމުން ގެންދަވާ ބައްސާމް އަދީލް ޖަލީލްގެ ދައުރު ހަމަވާނީ އަންނަ އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު އެވެ.

އެފްއޭއެމްގެ ރައީސް ކަމަށް ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަނގަޑޭ) ގެނައުމަށްވެސް ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ކެމްޕޭނެއް ހިންގަމުންނެވެ. ނަމަވެސް ދަގަނޑޭ އަދި އެކަމުގައިވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.