ރައްޔިތުންގެ މަޖިލީހުން ވަޒީރުންނަށް ރުހުން ދިނުން ލަސްވާތީ މޯލްޑިވްސް ޑިވޮލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ)އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވަޒީރުންނަށް ރުހުން ދިނުމަކީ މަޖިލީހުން ކުރަންޖެހޭ ކަމަކަށްވާއިރު އެކަން ނުކޮށް ލަސްކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ވަޒީރުންނަކީ ދައުލަތް ހިންގުމުގެ އާންމު ސިޔާސަތުތައް ކަނޑައެޅުމުގައި ރައީސަށް މަޝްވަރާ ދިނުމާއި އެހީތެރިވެދިނުމާއި ގާނޫނުއަސާސީއާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒުކޮށް، ކަންކަން ހިނގައި ނުހިނގާ ގޮތް ބެލުމުގެ ޒިންމާ އޮތް ބޭފުޅުން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެހެންކަމުން ވަޒީރުންނަށް ރުހުން ނުދީ ލަސްކުރުމަކީ ރައްޔިތުން އިންތިހާއަށް ކަންބޮޑުވަމުންދާ މައްސަލައެއް ކަމަށްވެސް ބަޔާނުގައިވެ އެވެ.
ދ. މީދޫ ދާއިރާގެ މެންބަރު އަހްމަދު ސިޔާމުގެ ޕާޓީން އިތުރަށް ބުނީ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރު ނިންމާ މެންބަރުން ޗުއްޓީއަށް ވަޑައިގަތުމުގެ ކުރިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ނިންމުމަށް މަޖިލީހުގައި އެދިފައިވާނެ ކަމަށެވެ.
"ސަރުކާރު ހިންގަން ދަތިވާ ގޮތަށް ދައުލަތުގެ އެއްވެސް ބާރަކުން ވިޔަސް ވުޒާރާއަކުން ވިޔަސް މަސައްކަތް ކުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫން ކަމުގައި މި ޕާޓީން ދެކެ،" ބަޔާނުގައިވެ އެވެ.