ޑރ. މުހައްމަދު މުއިއްޒު

ކުންފުނިތަކުގެ ބިލް: ރައީސް ތަސްދީގު ކުރެއްވި ފުރަތަމަ ބިލް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ކުންފުނީގެ ބިލް މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މިއީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ތަސްދީގު ކުރެއްވި ފުރަތަމަ ބިލެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުންފުނީގެ ބިލް މަޖިލީހުން ފާސްކުރީ މިމަހުގެ ފަސްވަނަ ދުވަހު އެވެ.

މިއަދާ ހަމައަށް އަމަލުކުރަމުން ދިޔަ ކުންފުންޏާ ބެހޭ ގާނޫނަކީ މީގެ 26 އަހަރު ކުރިން -- ޖުލައި 1، 1997 އިން ފެށިގެން އަމަލުކުރަމުން ދިޔަ ގާނޫނެކެވެ.

ކުންފުނީގެ އާ ގާނޫނަކީ ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި، ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭގޮތުން ރާއްޖޭގައި އަމަލުކުރެވޭނެ އެނޫންވެސް އުސޫލުތަކާއި އިޖުރާއަތުތައް ތަފްސީލްކޮށް ހިމަނާފައިވާ ޒަމާނީ ގާނޫނެކެވެ.

ގާނޫނުގެ މަގުސަދުތަކުގެ ތެރޭގައި ވިޔަފާރި ޝަޚްސެއްގެ ގޮތުގައި ކުންފުނި އުފައްދައި، ކުންފުނި ރަޖިސްޓަރީކުރުމާއި، ކުންފުނި ހިންގުމާއި، ކުންފުނި އުވާލުމުގެ ހަމަތަކާއި، އެކަމުގައި އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރުން ހިމެނެ އެވެ. އަދި ކުންފުނި ރަޖިސްޓަރީކުރުމާއި، ހިންގުމާއި، އުވާލުމުގެ ކަންކަން ފަސޭހަ ގޮތެއްގައި ކުރެވޭނެ އިލްތިޒާމުތައް ކަނޑައެޅުމާއި، އިގްތިސާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ކުރާ އެކިއެކި މުއާމަލާތްތަކަށް ހާމަކަމާއި ޔަގީންކަން ކަށަވަރުކޮށްދިނުމުގެ ބޭނުމުގައި ކުންފުނިތަކުގެ ދަފްތަރު އެކުލަވާލުމާއި، ބެލެހެއްޓުމާއި، އާންމުކުރުމާބެހޭ އުސޫލުތައް ކަނޑައެޅުން ވެސް ހިމެނެ އެވެ.

މިގާނޫނުގެ ދަށުން ޕްރައިވެޓް ކުންފުންޏާއި، ޕަބްލިކް ކުންފުންޏާއި، ސަރުކާރުގެ ކުންފުންޏާއި، ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދޭނެ ގޮތްތައް ބަޔާންކޮށްފައިވެ އެވެ. އަދި ބޭރުގެ ކުންފުނި ރީ ރަޖިސްޓްރީ ކުރުން މި ގާނޫނުގެ ދަށުން ލާޒިމުކޮށް، ރީ ރަޖިސްޓްރީ ކުރާނެ ގޮތްތަށްވެސް ބަޔާންކޮށްފައިވެ އެވެ.

ކުންފުނީގެ ގާނޫނު މިއަދު ތަސްދީގު ކުރެއްވި ނަމަވެސް މި ގާނޫނަށް އަމަލުކުރަން ފަށާނީ ކުރިއަށް އޮތް ޖެނުއަރީ އެއްވަނަ ދުވަހު އެވެ.