ރައީސް އޮފީސް

މަސްވެރިކަމުގެ އުފެއްދުންތައް ޕްރޮމޯޓްކޮށް އެކްސްޕޯޓްކުރުމަށް ހާއްސަ ކުންފުންޏެއް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް މާކެޓިން އެންޑް ޕްރޮމޯޝަން ލިމިޓެޑް" މިއަދު އުފައްދަވައިފި އެވެ.

މިކުންފުންޏަކީ ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ސަރުކާރުގެ 100 ޕަސަންޓް ހިއްސާ އެކުލެވިގެންވާ ގޮތަށް އުފެއްދެވި ކުންފުންޏެކެވެ.

ކުންފުނީގެ ގާނޫނުގެ 15 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ދަށުން މި ކުންފުނި އުފެއްދެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރަކުން މިއަދު ވަނީ މިކަން އިއުލާންކުރައްވާފަ އެވެ.

މި ކުންފުނި އުފެއްދެވުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތު އިތުރަށް ފުޅާކޮށް މުޖުތަމައަށް އެ ސިނާއަތުން ލިބިދޭ މަންފާ އިތުރުކުރުމަށްޓަކައި އެކުއާކަލްޗަ އާއި މެރިކަލްޗަ ފަދަ ކަނޑުފަޅުގެ އެންމެހާ ވަސީލަތްތަކުން އުފައްދާ އުފެއްދުންތައް ހިމެނޭ ގޮތުން، ރާއްޖޭގައި ކުރާ މަސްވެރިކަމުން އުފައްދާ އުފެއްދުންތައް ބައިނަލްއަގްވާމީ ބާޒާރުގައި އިޝްތިހާރުކޮށް ޕްރޮމޯޓްކުރުން ހިމެނެ އެވެ. އަދި އޭގެ ވިޔަފާރިން ލިބޭ މަންފާ އިތުރު ކުރުމަށްޓަކައި ރާއްޖޭގެ މަސްވެރިކަމަށް ހާއްސަ ބްރޭންޑެއް ތައާރަފުކޮށް، ގައުމީ ބާޒާރާއި ބައިނަލްއަގްވާމީ ބާޒާރަށް ނެރުމާއި، ފެންވަރު ރަނގަޅު އަދި މަތީ އަގު ލިބޭ ތަފާތު ބާޒާރުތަކުގައި ރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކަށް ހިއްސާ ހޯދުންވެސް ހިމެނެ އެވެ.