ދުނިޔެ

ޑްރޯން ގެއްލުނީތަ؟ ވައިޓް ހައުސް ތެރެއިން އޭގެ އެއްޗެއް ފެނިއްޖެ!

އަހަރެމެންގެ ތެރެއިން ވެސް ވަރަށް ގިނަ މީހުންގެ އަތުން ވަނީ ޑްރޯން ގެއްލިފަ އެެވެ. ފޮޓޯ އާއި ވީޑިއޯ ނެގުމަށް އެތައް ސަތޭކަ ފޫޓު މައްޗަށް އަރުވައިގެން އުޅެނިކޮށް ކޮންމެވެސް ކަމެއް ވެގެން ޑްރޯން ގެއްލޭ ފަހަރު މަދުން ނަމަވެސް އާދެ އެވެ. އެކަމަކު ރާއްޖެ އިން އުދުއްސާލާ ޑްރޯންއެއް އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްއާ ހަމައަކަށް ނުދާނެތާ އެވެ. އެކަމަކު އެތަނުން ޑްރޯންއެއް ފެނި އޭގެ ވެރިޔަކު ނުވެގެން އެމެރިކާގެ ސީކްރެޓް ސާވިސް ވަރަށް ބިރުން އެބަ އުޅެ އެވެ.

އޮފިޝަލަކާ ހަވާލާދީ ސީއެންއެން އިން ބުނި ގޮތުގައި ވައިޓް ހައުސްގެ ގޯތި ތެރެއަށް ވަނީ ހޯމަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ޑްރޯން އެއް ވެއްޓިފަ އެވެ. އަދި އެ ޑްރޯންގެ ވެރިމީހާ ކަމަށް ޝައްކު ކުރެވޭ މީހަކާ ދަނީ ސުވާލު ވެސް ކުރަމުންނެވެ. ޑްރޯން ހަވާލުކުރަން ވެގެން މީހުން ހޯދަނީއެއް ނޫނެވެ. އެ ޑްރޯންގެ ވެރިޔަކު އަތުޖެހިއްޖެ ނަމަ އެ މީހަކަށް ދެން އަލުން ޑްރޯންއެއް ދުއްވާލަން ލިބޭނެހެން ހިއެއް ނުވެ އެވެ.

ސީއެންއެން އިން ބުނީ އެއީ ދެ ފޫޓް ފުޅާ މިނުގެ ޑްރޯންއެއް ކަމަށާއި އެއީ އާންމުކޮށް ގެންގުޅޭ ފާޑުގެ ހަތަރު ބުރަފަތި ލީ ޑްރޯންއެއް ކަމަށެވެ. މި ޑްރޯން ފެނުނީ ވައިޓް ހައުސްގެ ގޯތި ތެރެއިން ވަރަށް ތިރިން އުދުހެނިކޮށް ކަމަށާއި އިރުކޮޅަކުން އޭތި ވެއްޓުމުން ސީކްރެޓް ސާވިސްގެ އޮފިސަރަކު އޭތި އަތުލައިގަތީ އެވެ.

"އާންމުކޮށް ވިއްކަން ހުންނަ ކަހަލަ ޑްރޯންއެއް ވަނީ ވައިޓް ހައުސްގެ ގޯތި ތެރެއިން ފެނިފައި. މިއީ ކާކު ދުއްވި އެއްޗެއްތޯ އަދި މިއީ ކޮން ބޭނުމެއްގައި ކުރި ކަމެއްތޯ މި ދަނީ ބަލަމުން. އިތުރު މައުލޫމާތު ލިބުމުން ބަޔާނަކުން އެކަން ހާމަކުރާނަން،" ސީކްރެޓް ސާވިސްގެ ތަރުޖަމާނު ބްރިއަން ލީރީ ސީއެންއެން އަށް ވިދާޅުވެފައިވެ އެވެ.