މާލެ ސަރަހައްދުގައި ވެހިކަލް ގިނަވާތީ އެ މައްސަލަ ހައްލުކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާއްސަ ކޮމިޓީއެއް އެކުލަވާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއާއި ކަމާ ގުޅޭ އެހެން އިދާރާތައް ހިމެނޭ ގޮތަށް މިދިޔަ ހޯމަ ދުވަހު އުފެއްދި ކޮމިޓީގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ.
ކޮމިޓީގެ މައިގަނޑު މަސައްކަތަކީ ވެހިކަލް ގިނަވާތީ ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ މައްސަލަ ހައްލުކުރުމަށް އެހީތެރިވެ ދިނުމެވެ.
މާލެ ސަރަހައްދުގައި ވެހިކަލް ގިނަވެ ދިމާވަމުންދާ މައްސަލަތައް ހައްލުކުރުމަށްޓަކައި ބޭރުގެ ފަންނީ ބޭފުޅުންނާ ގުޅިގެން ކަމާ ގުޅޭ ދިރާސާއެއް ހެދުމުގެ މަސައްކަތް އަންނަ މަހު ފެށުމަށްވެސް ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.
މާލޭ ސަރަހައްދުގައި ދުއްވޭނެ އެއްގަމު އުނޅަދު ފަހަރުގެ އަދަދު ކަނޑައެޅުމުގެ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލޭގެ މޭޔަރަކަށް ހުންނެވި ދުވަސްވަރު ކުރެއްވި އެވެ. ނަމަވެސް އޭރު އެކަމާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ.
މާލޭގައި ވެހިކަލް ގިނަވެ ދިމާވާ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާ ކަމަށް ކޮންމެ ސަރުކާރަކުންވެސް ބުނެ އެވެ. ނަމަވެސް މައްސަލަ ހައްލު ނުވެ އަހަރުން އަހަރަށް މައްސަލަ ދަނީ ގޯސްވަމުންނެވެ.