ރާއްޖޭގައި އެއްގަމު އުޅަނދުތަކުގައި ބޭނުންކުރާ 1400 އެއްހާ ޑޮމެއިންތަކުގެ ތެރެއިން 700 އެއްހާ ޑޮމެއިން ނަންބަރުތަކަކީ ސައްހަ ނަންބަރުތަކެއް ނޫން ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
އާންމު ރައްޔިތުން ބޭނުންވާ ސުވާލުތަކަށް ވަޒީރުން ޖަވާބު ދެއްވުމަށް ކުރިއަށް ގެންދާ "އަހާ" ސިލްސިލާގެ ރޭގެ ޕްރޮގްރާމުގައި މިނިސްޓަރު އަމީން ވިދާޅުވީ ޑޮމެއިން ނަންބަރުތައް ދޫކުރުން ހުއްޓިފައި އޮތީ އެކަން ހުއްޓާލުމަށް މިދިޔަ ސަރުކާރުގައި ރައީސް އޮފީހުން ޓްރާންސްޕޯޓް މިނިސްޓްރީއަށް އެގޮތަށް ދެ ފަހަރަށް ސިޓީއަކުން އެންގުމުން ކަމަށެވެ.
"އޭރު އެގޮތަށް އެންގީވެސް އެކަމުގައި ގޯސްތަކެއް ހުރުމުން ކަމަށް އަޅުގަނޑަށް ގަބޫލުކުރެވޭ،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑޮމެއިން ނަންބަރުތައް ބޭނުންކުރާ މީހުންގެ ތެރޭގައި ތިން ބައެއް އުޅޭ ކަމަށެވެ. އެއީ ވަރަށް ކުރިންސުރެ ގާނޫނީ އިމުގެ ތެރެއިން ރަނގަޅަށް ޑޮމެއިން ނަންބަރު ހޯދާފައިވާ މީހުންނާއި ގާނޫނު ލާޒިމު ކުރާ އުސޫލުން ބޭރުން ޑޮމެއިން ގެންގުޅޭ މީހުންނާއި އަދި ޑޮމެއިން ނަންބަރު އަމިއްލައަށް ޖަހައިގެން އުޅޭ މީހުން ކަމަށެވެ.
"މިހާރު އަޅުގަނޑުމެންނަށް އެނގޭ ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި 1400 އެއްހާ ޑޮމެއިން އެބައުޅޭ ރިކޯޑްސްތަކަށް ބަލާއިރު. އޭގެތެރެއިން ރަނގަޅު ޑޮމެއިންގެ ގޮތުގައި އޮތީ 50 ޕަސަންޓް. އަނެއް 50 ޕަސަންޓް ރަނގަޅު ނޫން ޑޮމެއިން،" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ ޑޮމެއިން މައްސަލަ ހައްލުކުރުމަށްޓަކައި ގާނޫނީ އިމުން ބޭރުގައި ހުރި ނަންބަރުތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށް ކުރިއަށް އޮތް 20 އަކަށް ދުވަހުގެ ތެރޭގައި ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެ ފުރުސަތު ހުޅުވާލުމުން ކަމާ ގުޅޭ ލިޔުންތަކާ އެކު މިނިސްޓްރީއަށް އައުމުން ޑޮމެއިން ނަންބަރުތަކުގެ މައްސަލަތައް ހައްލުކޮށްދެެއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"އެގޮތަށް ހަދަންޖެހޭ ސަބަބަކީ ފެންނަން ހުރި އެވިޑެންސްތަކާއެކީގައި އަޅުގަނޑުމެންނަށް އެބަ އެނގޭ ދެވަނަ ފަރާތަކަށް ނުވަތަ ތިންވަނަ ފަރާތަކަށް ގޮސްފައި މިހިރީ ހަމައެކަނި އާންމު ރައްޔިތުންގެ ގޯސް އޮވެގެން ނޫންކަން،" އަމީން ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޑޮމެއިން ނަންބަރުތަކުގެ މައްސަލަތައް ގޯސްވީ ހަމައެކަނި އެ ނަންބަރު ގެންގުޅޭ މީހުންގެ މައްސަލައަކުން ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެކަން ގޯސްވީ ޓްރާންސްޕޯޓް މިނިސްޓްރީގައި އެކަމުގައި އުޅުނު ބަޔަކު އެކަމުގައި ބޭނުންކުރާ ސިސްޓަމް ނަހަމަ ގޮތުގައި ބޭނުންކޮށްގެން ހަދާފައިވާ ބޮޑެތި ގޯސްތަކެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވި އެވެ.