ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ހާއްސަ ޖަލްސާއެއް މާދަމާ ރޭ ބޭއްވުމަށް ނިންމައިފި އެވެ.
ދަރުބާރުގޭގައި ބާއްވާ މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި ސަރުކާރުގެ އިސްވެރިންނާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ އިސް ބޭފުޅުންނާއި ސަރުކާރުން ތާއީދުކުރާ މެންބަރުން ބައިވެރިވާނެ އެވެ.
މިޖަލްސާގައި އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުންތަކެއް ޕީއެންސީއަށް ސޮއި ކުރުމަށް ހަމަޖެހިފައިވެ އެވެ.
އެމްޑީޕީ ދޫކޮށް އެ ޕާޓީގެ ބައެއް މަޖިލިސް މެންބަރުން ޕީއެންސީއަށް ދިއުމަކީ ކައިރި ކަމެއް ކަމަށް އެމްޑީޕީންވެސް ޔަގީންކޮށްދެ އެވެ. އަދި ޕީއެންސީން ވަނީ މާދަމާ ރޭ އެ ޕާޓީއަށް އެމްޑީޕީގެ މެންބަރުންތަކެއް ސޮއި ކުރައްވާކަން ޔަގީންކޮށްދީފަ އެވެ.
އެމްޑީން ވަކިވެވަޑައިގެން ޕީއެންސީއަށް ސޮއި ކުރައްވަނީ ކިތައް މެންބަރުން ކަމެއް އަދި ސާފުވާ ގޮތެއް ނުވި އެވެ. އެކަމަކު ހަތަރެއް ނުވަތަ ފަސް މެންބަރުން ސޮއި ކުރައްވާ ކަމަށް ޕީއެންސީގެ އެކި ބޭފުޅުން ވިދާޅުވެ އެވެ.
އެމްޑީޕީގެ ފަސް މެންބަރުން ޕީއެންސީއަށް ސޮއި ކުރައްވައިފިނަމަ ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބް މަޖިލިސް ތެރެއިން ވަކިކުރުމަށް އެމްޑީޕީއަށް މިހާރު އޮތް ފުރުސަތު އެއްކޮށް ބަންދުވެގެންދާނެ އެވެ.
އެމްޑީޕީގެ މެންބަރުންތަކެއް ޕީއެންސީއަށް ސޮއި ކުރަން ތައްޔާރުވަމުން މިދަނީ ވަޒީރުންނަށް ރުހުން ދިނުން އެމްޑީޕީން ފަސްކުރަމުން ދަނިކޮށެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ޖަލްސާ މާދަމާ ބާއްވާއިރު އެ ޖަލްސާއަށް ވެސް ވަޒީރުންނަށް ރުހުން ދިނުން އެޖެންޑާކޮށްފައެއް ނުވެ އެވެ. އެހެންކަމުން ދެން އެންމެ އަވަހަށްވެސް ވަޒީރުންނަށް ރުހުން ދެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ ދެވަނަ ހަފްތާގެ ތެރޭގައެވެ.
މިހާރު ހިނގަމުންދާ 19 ރައްޔިތުންގެ މަޖިލީހަށް 87 މެންބަރުން އިންތިހާބު ކުރި ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި މަޖިލީހުގެ ހަތް މެންބަރަކު ވަނީ މެންބަރު ކަމުން އިސްތިއުފާ ދެއްވާފަ އެވެ. އެހެންކަމުން މަޖިލީހުގައި މިހާރު ތިއްބެވި 80 މެންބަރުންގެ ތެރެއިން ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވަނީ އެންމެ ހަތަރު މެންބަރުންނެވެ. އެހެންކަމުން އެމްޑީޕީގެ މެންބަރުންތަކެއް ޕީއެންސީއާ ގުޅިވަޑައިގަތުމަކީ ރައީސް މުއިއްޒުގެ ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ބާރެކެވެ.