މިނިސްޓްރީ އޮފް ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

އާ އަހަރު ފާހަގަކުރަން "ފެސްޓިވަލެއް" ބާއްވަނީ

އާ އަހަރުގެ ފެށުން ފާހަގަކުރުމަށްޓަކައި "ދިވެހީންގެ ރާއްޖެ ފެސްޓިވަލް"ގެ ނަމުގައި ފެސްޓިވަލެއް ބޭއްވުމަށް ޔޫތު މިނިސްޓްރީން ނިންމައިފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވީ އަހަރު ފެށުން ފާހަގަކުރަން މީގެކުރިން ބާއްވަމުން ގެންދިޔަ މިއުޒިކް ޝޯގެ ބަދަލުގައި މިއަހަރު ބާއްވާނީ އެތައް ކަމެއް ހިމެނޭ ފެސްޓިވަލެއް ކަމަށެވެ. ފެސްޓިވަލްގެ ތެރޭގައި މިއުޒިކް ޝޯއާއި ލޭޒާ ޝޯގެ އިތުރުން ދިވެހި ފަންނާނުންގެ ހުށަހެޅުންތަކެއް އަދި ކުޑަކުދިންގެ ހަވީރެއްވެސް އޮންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މާދަމާގެ ޒުވާނުންނަކީ މިއަދުގެ ކުޑަކުދިން ކަމަށްވާތީ ކުޑަކުދިންނަށް އަމާޒުކޮށްގެން ބާއްވާ އާއިލީ ހަވީރު އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ކަމަށެވެ. އަދި އެރޭ އޮންނަ ހަރަކާތުގައި ލޭޒާ ޝޯ އާއި މިއުޒިކް ޝޯއެއް އޮންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

އާ އަހަރު ފާހަގަކުރުމުގެ ގޮތުން ޑިސެމްބަރު 31 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ޖެހުމާއެކު ހަވާއެރުވުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދާނެ ކަމަށާއި އެ ހަރަކާތަށްފަހު މިއުޒިކް ޝޯގެ ބާކީ ބައިވެސް ކުރިއަށް ދާނެ ކަމަށް އަސްވާޑު ވިދާޅުވި އެވެ.

"މި ސަރުކާރުގެ ފުރަތަމަ ފެސްޓިވަލް ހާއްސަވެގެން ދާނީ ދިވެހި ފަންނާނުންނަށް. އެއީ ރައީސް ދިވެހި ފަންނާނުންނަށް ވަރަށް ބޮޑަށް އިސްކަމެއް ދެއްވާތީ،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްވާޑް އިތުރަށް ވިދާޅުވީ ދިވެހިންގެ ރާއްޖެ ފެސްޓިވަލްގެ ހަރަކާތްތަކުގައި އެންމެންނަށްވެސް ބައިވެރިވުމުގެ ފުރުސަަތު އޮންނާނެ ކަމަށެވެ.

"ހުރިހާ ޒުވާނުންނާއި ކުޑަކުދިންނާ ބޮޑެތި މީހުން މި ފެސްޓިވަލްގައި ބައިވެރިވެ އެއްތަނެއްގައި ވަގުތު ހޭދަކުރުމުގެ ފުރުސަތު ފަހިވެގެންދާނެ،" އަސްވާޑު ވިދާޅުވި އެވެ.