ޔުކްރޭންގެ ރައީސް ވޮލޮޑިމިއާ ޒެލެންސްކީ އެ އުޅުއްވަނީ ރަޝިއާ އާއި އެކު ސުލްހަވެވަޑައިގަތުމަށް ލަދުފުޅުން ކަމަށް ރަޝިއާގެ ހާރިޖީ ވަޒީރު ސަރުގޭ ލަވްރޯފް ވިދާޅުވެއްޖެ އެވެ.
ރަޝިއާގެ ތާސް ނޫހަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ލަވްރޯފް ވިދާޅުވީ ސުލްހަ އަކީ ޔުކްރޭންގެ ވެރިންނަށް މިހާރު ލަދު ބަހެއް ކަމަށެވެ.
ލަވްރޯވް ވިދާޅުވި ގޮތުގައި ޒެލެންސްކީ ދެކެވަޑައިގަންނަވަނީ ސުލްހަވުމަކީ ބޮޑުބަޑިއާއި މިސައިލުން ހޯދާ އެއްޗެއް ކަމަށެވެ. ސުލްހަވުމަށް ވުރެ ހަނގުރާމަ ދެންމުން ޒެލެންސްކީއަށް މުހިންމު ކަމަށްވެސް ވިދާޅުވި އެވެ.
ޒެލެންސްކީ އެ ހުންނެވީ ރަޝިއާގައި މިހާރު އޮތް ސަރުކާރާ އެކު ސުލްހަ ގާއިމުކުރެއްވުމަށް ދެކޮޅުހައްދަވައި ހުވައިކުރައްވައިގެން ކަމަށް ލަވްރޯފް ވިދާޅުވި އެވެ. މުޅި ގައުމުގެ އުމްރާނީ ތަރައްގީ ސުންނާފަތިވެ މާލީ ގޮތުން އިނދަޖެހޭ އިރުވެސް ރަޝިއާ އާއި އެކު ސުލްހަނުވުމަކީ ޒެލެންސްކީ ދެކެވަޑައިގަންނަވާ ގޮތުގައި ފަހުރެެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން އެމެރިކާއާއި ހުޅަނގުގެ ނަޒަރިއްޔާ ރަޝިއާ ޔުކްރޭން ހަނގުރާމަ އިން ކައްސާލައިގެން ގޮސްފައިވާ ކަމަށެވެ. މިހެން ކަންވުމުން ރަޝިއާއަށް ޕްރެޝަރު ދަށްވި ކަމަށްވެސް ވިދާޅުވި އެވެ.
ލަވްރޯފް ވިދާޅުވީ ޔުކްރޭނަށް މަދަދުވެރިވުމަށް ހުވައިކޮށްގެން ތިބި ބަޔަކަށް -- ނިމުމެއް ނެތް ގޮތުގައި ޔުކްރޭނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދަތި އުނދަގޫ ކަމަކަށް ވެއްޖެ ކަމަށެވެ.
އޭނާ ވިދާޅުވީ ރަޝިއާ ބަލިކުރުމުގެ ރޫހު ހުޅަނގުގައި އޮތްލެއް ވަރުގަދަކަމުން -- ކިތަންމެ ދަތި އުނދަގުލެއްގައި ނަމަވެސް ޔުކްރޭނަށް އެހީވުމަކީ ހުޅަނގަށް އޮތް ވާޖިބެއް ކަމަށެވެ.
ރަޝިއާ އާއި ދެކޮޅަށް ހުޅަނގުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އެ މީހުންނަށް ޖެހުނު ތަކުލީފް ވަކިން ބޮޑު ކަމަށް ލަވްރޯފް ވިދާޅުވި އެވެ. ހުޅަނގުން އުއްމީދު ކުރި ހާލަތު ރަޝިއާއަށް މެދުވެރި ނުވި ކަމަށްވެސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔުކްރޭން މެދުވެރިކޮށް ރަޝިއާ ބަލިކުރަން ހުޅަނގުން ހެދި ހިސާބުވެސް ދިމާނުވި ކަމަށެވެ. ރަޝިއާ - ޔުކްރޭން ހަނގުރާމަ ދިގުދެމިގެން ދިޔަ ވަރަކަށް ހުޅަނގަށް އޮތް ވޭން ގަދަވަމުން ދާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަންނަ ފިނި މޫސުމަކީ ރަޝިއާއާއި ނުލައި ހުޅަނގަށް ފިނިގަދަ މޫސުމަކަށް ވާނެ ކަމުގައިވެސް ލަވްރޯފް ވިދާޅުވި އެވެ.