އެމްއޭސީއެލް

އެމްއޭސީއެލްގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ހާއްސަ

އޯޓިޒަމް ކުދިންގެ ހުނަރު ދައްކުވައިދޭ ގޮތަށް ފަރުމާކޮށްގެން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ތައްޔާރުކޮށްފައިވާ 2024 ވަނަ އަހަރުގެ ކަލަންޑަރު އިފްތިތާހުކޮށްފި އެވެ.

މޯލްޑިވްސް އޯޓިޒަމް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިކަލަންޑަރު ނެރެދެއްވީ އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑައިރެކްޓަރު އިބްރާހީމް ތޯހާ އެވެ.

އެމްއޭސީއެލްއާއި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން ގުޅިގެން ތައްޔާރުކުރި މި ކަލަންޑަރުގައި ހިމަނާފައިވަނީ އެ ސެންޓަރުގެ ދަރިވަރުންގެ ކުރެހުންތަކެވެ.

އެމްއޭސީއެލް އިން ބުނީ އަންނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންގެ ހުނަރަށް ހާއްސަކުރި މައިގަނޑު ސަބަބަކީ މިފަދަ ކުދިންނަކީވެސް ތަފާތު ހުނަރުތައް ހުރި ކުދިންކަން މުޖުތަމައަށް އަންގައިދިނުން ކަމަށެވެ. އަދި މިކުދިންނަކީ ތަފާތުތަކާ އެކުވެސް މުޖުތަމައު ބަލައިގަންނަ ބައެއްގެ ގޮތުގައި ހެދުމަށާއި މުޖްތަމައުން އެފަދަ ކުދިންނާ މެދު ދެކޭގޮތް ރަނގަޅު ކުރުން ކަމަށެވެ.

"ހިތްހަމަޖެހުމާއި އުފާވެރިކަން" މި މައުލޫއަށް ކުދިން ކުރަހާފައިވާ ކުރެހުންތަކުގައި އެ ކުދިން އެންމެ އުފާވާ ކަންކަމުގެ ޝުއޫރުތައް ގެނެސްދީފައިވެ އެވެ.

މިރަސްމިއްޔާތުގައި ތޯހާ ވިދާޅުވީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ ދަރިވަރުންގެ ކުރެހުންތައް އެމްއޭސީއެލްގެ އަންނަ އަހަރުގެ ކަލަންޑަރުގައި ހިމެނިގެންދިއުމަކީ އެހެން ހުރިހާ އަހަރުތަކަށް ވުރެ އަންނަ އަހަރުގެ ކަލަންޑަރު ހާއްސަވާ ސަބަބެއް ކަމަށެވެ.

"އަޅުގަނޑުމެންގެ މަގުސަދަކީ އެކުދިންނަށް އެކުދިންގެ ހުނަރާއި ގާބިލްކަން ދައްކާނެ ފުރުސަތު ފަހިކޮށްދިނުން. މުޖުތަމައުން އެކުދިން ބަލައިގަންނަކަން ރަމްޒުކޮށްދިނުން. މިކަމުގައި އަޅުގަނޑުމެންނަށް އެއްބާރުލުން ދެއްވި ކަމަށްޓަކައި މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށް ޝުކުރު ދަންނަވަން،" ތޯހާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ކަލަންޑަރު އޯޓިޒަމް ކުދިންނަށް ހާއްސަކުރުމުގެ އިތުރުން ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން މިފަދަ ކުދިންނަށް ހިތްވަރުދީ ފުރުސަތު ފަހިކޮށްދިނުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ތޯހާ ވިދާޅުވި އެވެ.