މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ: މެޓް އޮފީސް

ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހި ވައިގަދަވާނެ ކަމަށް ލަފާކޮށް ސަމާލުވުމަށް އިލްތިމާސްކޮށްފި އެވެ.

މޫސުން ގޯސްވުމާ ގުޅިގެން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އޮފީހުން ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށެވެ.

މެޓް އޮފީހުން ބުނީ މި ސަރަހައްދުތަކަށް މިއަދު ހަވީރު 05:00 ޖެހުމާ ހަމައަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.

މެޓް އޮފީހުން ވަނީ ހއ. އަތޮޅުން ފެށިގެން ވ. އަތޮޅަށް ވައިޓް އެލާޓްވެސް ނެރެފަ އެވެ. އަދި މި ސަރަހައްދުތަކަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވެސް ބުންޏެވެ.

މި ސަރަހައްދަށް ވައިޓް އެލާޓް ނެރެފައިވަނީ މިއަދު މެންދުރުފަހު 2:00 އިން ފެށިގެން މިރޭ 08:00 އަށެވެ.

އައްޑޫ ސިޓީ ކައިރިއަށް އިންޑިއާ ކަނޑުން ރާއްޖެއަށް ހަތަރު ބިން ހެލުމެއްގެ އަސަރުވެސް ރެއާއި މިއަދު ފަތިހު ކޮށްފައިވެ އެވެ. އެންމެ ބާރުގަދައީ އައްޑޫ ސީޓީއާ 900 އެއްހާ ކިލޯމީޓަރު ދުރަށް އައި ބިންހެލުން ކަމަށް މެޓް އޮފީހުން ބުނެފައިވެ އެވެ.