މަދިރީގެ ސަބަބުން ޖެހޭ ބަލިތައް ރާއްޖޭގައި ގިނަވަމުންދާތީ "މަދިރިން ރައްކާ"ގެ ނަމުގައި ގައުމީ ފެންވަރުގެ ހަރަކާތެއް މާދަމާ ފެށުމަށް ނިންމައިފި އެވެ.
މިހަރަކާތް ރަސްމީކޮށް އިފްތިތާހުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:30 ގައި ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހަދާފައިވާ ރިވެލި ޕާކް ސަރަަހައްދު ގައެވެ.
މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީ އެންވަޔަރަންމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ. އާބަންކޯ، ހެލްތު މިނިސްޓްރީ އަދި އެޗްޕީ ގުޅިގެން ކުރިއަށް ގެންދާ މިހަރަކާތުގައި އާއްމުންނަށްވެސް ބައިވެރިވެވޭނެ އެވެ.
މި ހަރަކާތުގެ ދަށުން އާބަންކޯގެ މުވައްޒަފުން އިސްނަގައިގެން ހުޅުމާލެ ސާފުކުރުމަށްވެސް ހަމަޖެހިފައިވެ އެވެ. ހުޅުމާލެ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނީ 15 ޓީމަކަށް ބަހާލައިގެން ހުޅުމާލެ ފުރަތަމަ ފިޔަވަހި އަދި ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅޭ ސަރަހައްދުތައްވެސް ހިމެނޭ ގޮތަށެވެ.
މަދިރިންޖެހޭ ބައްޔެއް ކަމަށްވާ ފައިލޭރިއާގެ ކޭސްތަކެއް މާލެ ސަރަހައްދުންވެސް ފެނިފައިވާތީ އެ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި މިމަހުގެ ތެރޭގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން 60 ޓަނުގެ ކުނި މީގެކުރިންވެސް ނަގައި ސާފުކޮށްފައިވެ އެވެ. އަދި ފައިލޭރިއާ ފެތުރުން ހުއްޓުވުމަށް މަސައްކަތް ކުރުމަށް ހާއްސަ ޓާސްކްފޯހެއްވެސް އާބަންކޯ އިން ވަނީ އެކުލަވާލާފަ އެވެ.
މީގެ އިތުރުން މިކޯޕަރޭޝަންގެ އިންސްޕެކްޝަން ޓީމުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ބަލައި މަދިރި އާލާވާ ފަދަ 200 އަށް ވުރެ ގިނަ ތަންތަން ފާހަގަކޮށް އެ ތަންތަނަށް ކެމިކަލް އެޅުމުގެ މަސައްކަތާއި ހުޅުމާލޭގެ އެކި ސަރަހައްދަށް މަދިރި ދުން ޖެހުމުގެ މަސައްކަތްވެސް ކުރިއަށް އެބަދެ އެވެ. އަދި ރައްޔިތުން ހޭލުންތެރިކުރުވުމުގެ ތަފާތު ހަރަކާތްތައްވެސް އާބަންކޯ އިން ކުރިއަށް އެބަގެންދެ އެވެ.
މި ހަރަކާތުގެ ދަށުން ހުޅުމާލޭގެ އިތުރުން ގުޅީފަޅު އަދި ތިލަފުށީގައިވެސް ސާފުކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެ އެވެ.
އެހެންކަމުން ވީހާވެސް ގިނަ މީހުން މާދަމާގެ ސާފުކުރުމުގެ ހަރަކާތުގައި ބައިވެރިވުމަށް އާބަންކޯ އިން އެދެ އެވެ.