އެމްޑީޕީ

އެންޓި ޑިފެކްޝަން ގާނޫނެއްގެ މަސައްކަތް އެމްޑީޕީން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީ ބަދަލުކުރުން ހުއްޓުވާ -- އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ ވެރިކަންތައް ބަދަލުވާއިރު ރައްޔިތުންގެ މަޖިލީހުންވެސް އެކަން ފެންނަ ކަމަށާއި ޕާޓީން މަޖިލީހަށް ހޮވޭ އަދަދަށް މެންބަރުން ހިފެހެއްޓިފައިނުވާ ކަމަށެވެ.

"އެއް ވަރަކަށް، އެއް މިންވަރަކަށް ރައްޔިތުންގެ މަޖިލީހުގައި ހޮވޭ އަދަދުތައް ހިފެހެއްޓިފައިނެތް އެއްވެސް ބަޔަކަށް،" ނިޔާޒު ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ 13 މެންބަރަކު ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފައިވާއިރު ނިޔާޒު ވިދާޅުވީ އެންޓި ޑިފެކްޝަން ގާނޫނު އެކުލަވާލަނީ އެމްޑީޕީން މެންބަރުން ވަކިވާތީ ނޫން ކަމަށެވެ.

"މި 13 މެންބަރުން ދިޔައީމަ ނުވަތަ ޕާޓީން އެއްބަޔަކު އަނެއް ބަޔަކަށް ދާތީ ވިސްނާ ވިސްނުމެއް ނޫން. މުސްތަގުބަލުގައި މަޖިލިސް އިސްލާހުކުރުމަށްކުރާ މަސައްކަތެއްގެ ގޮތުގައި އަޅުގަނޑުމެންނާ ރައްޓެހި ޕާޓީތަކާއި ގުޅިގެން އެ މަޝްވަރާތައް ކުރަމުން އެބަ ގެންދަން،" ނިޔާޒު ވިދާޅުވި އެވެ.

ނިޔާޒު ވިދާޅުވީ ޕާޓީގެ އަސާސްތަކާއި ރައްޔިތުން އިންތިހާބު ކުރި ދާއިރާގައި ދެމިތިބުމަށް މަސައްކަތްކުރާ މެންބަރުން އެމްޑީޕީގައި ތިބޭ ކަމަށެވެ.

ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް ކެމްޕޭންގައިވެސް އެމްޑީޕީން ވަނީ އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލާނެ ކަމަށް ބުނެފަ އެވެ.