ސަރުކާރުން ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދު ހާމަކުރުން ލާޒިމުކުރަން ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ދެކޮޅަށް މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު އިއްޔެ ވޯޓު ދެއްވައިފި އެވެ.
ސިޔާސީ މަގާމުތަކަށް އައްޔަންކޮށްފައިވާ މީހުންގެ އަދަދާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރައިގެ ގޮތުގައި ހޭދަކުރަމުންދާ އަދަދު ހާމަކުރުމަށް ސަރުކާރަށް ލާޒިމުކުރަން ގޮވާލާ މަޖިލީހުގެ އިއްޔެގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހެޅީ އިދިކޮޅު އެމްޑީޕީ އިންނެވެ.
މި ކުއްލި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަހުމަދު ނަސީމު އެވެ.
މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 56 މެންބަރުން ވޯޓު ދެއްވިއިރު ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި ހިމެނޭ އަޒާން ވަނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސަރުކާރުގެ އެކިއެކި މައުލޫމާތު ހޯދަން ވަރަށް ބޮޑަށް ވަކާލާތުކުރައްވާފަ އެވެ.
އެ ގޮތުން ދިވެހި ސަރުކާރުން ބޭރު ގައުމުތަކާއެކު ހަދާފައިވާ އެއްބަސްވުންތަކުގެ ތަފުސީލު ހޯދުމަށް މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނުގެ ދަށުން އަޒާން ހުށަހެޅުއްވި އެވެ. އެފަދަ ބައެއް މައުލޫމާތު ހާމަކުރަން އޭރު ސަރުކާރުން ދެކޮޅު ހެދުމުން އަޒާން ވަނީ އެ މައްސަލަ ކޯޓަށްވެސް ހުށަހަޅާފަ އެވެ.
ސިޔާސީ މަގާމުތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުއްލި މައްސަލައާ ދެކޮޅަށް އަޒާން ވޯޓު ދެއްވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އަޒާނަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.