އަންނަ އަހަރުގެ ތެރޭގައި 12 އާއި 15އާ ދެމެދުގެ އަދަދަކަށް އާ ރިސޯޓުތައް މާކެޓަށް ނެރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމުގައި ޓޫރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެ އެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައިސަލް ވިދާޅުވީ އަމާޒާ އެއްގޮތަށް ރިސޯޓްތައް ހުޅުވިއްޖެނަމަ އަންނަ އަހަރު މާކެޓަށް 1،000 އަށް ވުރެ ގިނަ އެނދުވެސް މުޅިން އަލަށް އިތުރުވެގެންދާނެ ކަމަށެވެ.
ފައިސަލް ވިދާޅުވީ ވަޒީރުކަމަ ހަވާލުވެވަޑައިގެން ފަތުރުވެރިކަމުގެ ދާއިރާގައި ހުރި މައްސަލަތައް ބެއްލެވިއިރު އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ފާހަގަކުރެވުނީ ރިސޯޓް ހެދުމަށް ދޫކޮށްފައިވާ އެތައް ރަށެއް ނުހެދި އެތައް އަހަރެއް ހޭދަވެގެން ގޮސްފައިވާ މައްސަލަ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ރިސޯޓް ތަރައްގީކުރަން ދޫކޮށްފައިވާ 63 ރަށެއް ނުހެދި އެތައް އަހަރެއް ވެފައިވާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އެކި ރަށްރަށް ނުހެދި ހުރީ އެކި ސަބަބުތައް މެދުވެރިވެގެން ކަމަށާއި އެހެންވެ މިރަށްތައް ވީހާވެސް އަވަހަށް މާކެޓަށް ގެނައުމަށްޓަކައި ގާނޫނާއި ގަވައިދުތަކުގެ ތެރެއިން ހޯދައިދެވޭނެ ހައްލުތަކަކީ ކޮބައިތޯ ބެލުމަށް ބަންޑާރަނައިބާ މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށްވެސް ވިދާޅުވި އެވެ.
"ބައެއް ރަށްރަށް އެބަހުރި 20 އަހަރު 10 އަހަރު 15 އަހަރު އެރަށްތައް މާކެޓަށް ނުނިކުމެ. އަޅުގަނޑުމެން ފުރަތަމަ ކަމަކަށް ޓޫރިޒަމް މިނިސްޓްރީން މިކުރާ މަސައްކަތަކީ އެރަށްތައް އައިޑެންޓިފައިކޮށް އެރަށްތަކުގެ ވެރިންނާ އެކީ ވަރަށް ގާތް އެކުވެރި މާހައުލެއްގައި މަޝްވަރާކުރެވިގެން ހައްލުތަކަކީ ކޮބައިތޯ ބެލުން،" ފައިސަލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ނުނިމި ދިގުލައިގެން ގޮސްފައިވާ ރަށްތަކުގެ ތެރެއިން 50 ޕަސަންޓް ރަށުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މިފަސް އަހަރުގެ ތެރޭގައި ނިންމާ މާކެޓަށް ނެރުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެ އަމާޒު ހާސިލްކުރެވޭނެ ކަމުގެ އުއްމީދު ބޮޑު ކަމަށްވެސް ވިދާޅުވި އެވެ.
ފައިސަލް އިތުރަށް ވިދާޅުވީ ރާއްޖެއަށް އާންމުކޮށް ފަތުރުވެރިކަން އަންނަ މަންޒިލްތަކުގެ އިތުރުން އާ މާކެޓްތައް ހޯދުމަށްވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ. އެކަމުގައި އާ ގޮތްތައް ބޭނުންކުރައްވާނެ ކަމަށާއި އަދި ރާއްޖޭގެ ޒަމާންވީ މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދެމެހެއްޓެނިވި ގޮތަކަށް ފަތުރުވެރިންގެ ނަންބަރުތައް ހިފެހެއްޓުމަށް މުހިއްމު މަސައްކަތްތަކެއް ރޭވެމުންދާ ކަމަށްވެސް ވިދާޅުވި އެވެ.