ދެކުނު ކޮރެއާގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ -- ޑިމޮކްރެޓިކް ޕާޓީގެ ލީޑަރު ލީ ޖޭ މިޔުންގެ ކަރަށް ވަޅިހަރައި ވަރަށް ބޮޑަށް ޒަޚަމްކޮށްލައިފި އެވެ.
މި ހާދިސާ ހިނގީ ދެކުނު ކޮރެއާގެ އަވަށެއް ކަމަށްވާ ބުސާންގައި މިއަދުގެ ވަރަށް ހެނދުނު އޮތް އެއްވުމެއްގައި ރިޕޯޓަރުންނަށް މައުލޫމާތު ދެއްވަން ލީ ޖޭ ހުންނަވަނިކޮށެވެ.
އިންޓަނެޓުގައި ހުރި ވީޑިއޯތަކުން ފެންނަނީ ރިޕޯޓަރުންގެ ބޮޑު އެއްވުމެއްގައި ލީ ޖޭ ވާހަކަދައްކަވަން ހުންނަވަނިކޮށް އޭނާގެ ކުރިމަތީގައި މައިކެއް ކަހަލަ އެއްޗެއް ހިފައިގެން އަދި މޫނުގައި މާސްކެއް އަޅައިގެން ހުރި މީހަކު ކުއްލިކަށް ކުރިއަށް ޖެހި ލީޖޭގެ ކަރަށް ވަޅިހަރާ މަންޒަރެވެ.
ކާކުކަން އަދި ކަށަވަަރުވެފައި ނުވާ މީހަކު ވަޅިހެރުމާ އެކު ލީ ޖޭގެ ސެކިއުރިޓީން ވަނީ ވަޅިހެރި މީހާ އޮބައިގަނެ ބިންމައްޗަށް ވައްޓާލައި ބަނދެފަ އެވެ.
ލީ ޖޭގެ ކަރަށް ލިބުނު ގެއްލުމުގެ ތަފްސީލް އަދި ނުލިބެ އެވެ. އިންޓަނެޓުގައި ހުރި ފޮޓޯތަކުން ފެންނަނީ އޭނާ ކޮންމެވެސް ތަނެއްގައި ބާއްވާފައި އޮންނަ މަންޒަރެވެ. އަދި ވަޅިހެރި ތަނުގައި ފޮތިގަނޑެއް ޖައްސައި އޮބަހައްޓާފައި ހުރި މަންޒަރެވެ.
ބެލެވޭ ގޮތުގައި ފުރާނައަށް ގެއްލުންވާ ވަރަށް ޒަޚަމްވެފައެއް ނުވެ އެވެ. ނަމަވެސް އެ މީހަކު ބޭނުންކުރި ވަޅި އަކީ ޒަހަރުލާފައި އޮތް ވަޅިއެއް ނަމަ ހާލަތު މުޅިން ބަދަލުވާނެ އެވެ.
ދެކުނު ކޮރެއާގެ ނޫސްތަކުން ބުނާ ގޮތުން ލީ ޖޭ ގޮވައިގެން ހޮސްޕިޓަލަށް ދިޔަ އިރުވެސް އޭނާގެ ކަރުން ލޭ އާދެ އެވެ. ނަމަވެސް ލޭގެ ފުން ކޯރެއް އެތަނުގައި ފެންނާކަށް ނެތެވެ. އަދި އޭނާ ހޭހުރި ކަމަށް ހަބަރުތައް ބުނެ އެވެ.
ލީ ޖޭ މިޔުންގް އަކީ ދެކުނު ކޮރެއާގައި މަގުބޫލް ސިޔާސީ ލީޑަރެކެވެ. އެ ގައުމުގައި 2022 ގައި އޮތް ރިޔާސީ އިންތިހާބު ލީ ޖޭ އަށް ގެއްލިވަޑައިގަތީ -- ރައީސްގެ މަގާމުގައި މިހާރު ހުންނެވި ޔޫން ސުކް ޔޯލްއާ ވާދަކުރައްވައި 0.73 ޕަސެންޓުންނެވެ. ހަބަރުތައް ބުނާ ގޮތުން 2027 ގައި އޮންނަ ރިޔާސީ އިންތިހާބުގައި އޭނާ ވާދަކުރައްވާނެ އެވެ.
މި ހާދިސާއާ ގުޅިގެން ރައީސް ޔޫން ސުކް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އިދިކޮޅު ލީޑަރުންނާއި ޕާޓީތަކުގެ މެދުގައި ސިޔާސީ ގޮތުން އޮންނަ ވާދަވެރިކަމަކީ ޖާނަށް ގެއްލުންވާ ވަރުގެ ކަމަކަށް ނުހެދުމަށްވެސް ޔޫން ގޮވާލެއްވި އެވެ.
ޔޫން ސުކް ވިދާޅުވި ގޮތުގައި މި ކަހަލަ ހަމަނުޖެހުންތައް ހިންގާ އެއްވެސް މީހަކަށް ދެކުނު ކޮރެއާގައި ފުރުސަތެއް ނޯންނާނެ އެވެ. އަދި މިފަދަ މީހުންނާ މެދު ގާނޫނު ތަންދޭ އެންމެ ހަރުކަށި އަދަބުން އަދަބު ކަނޑައެޅުމަށް ތަންފީޒީ ބާރުތަކަށް އޭނާ ގޮވާލެއްވި އެވެ.