މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހުންނަށް ފަރުވާ ދިނުމަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހަދައި ހިންގުމަށް އަމިއްލަ ފަރާތްތަކަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.
ސަރުކާރުން މިވަގުތު ތިން ރިހިބިލިޓޭޝަން ހިންގަމުން ދަނީ ކ. މާފުށީގައި އާއި ހުޅުމާލޭގެ އިތުރުން މާލޭގައެވެ. މީގެއިތުރުން ނ. ވެލިދޫ، ކ. ކާށިދޫ އަދި ލ. އަތޮޅުގައި މިފަދަ ސެންޓަރުތަކެއް އެޅުމަށްވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.
ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ފުރުސަތު ދިނުމަށް ސަރުކާރުން ނިންމީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީން ވަޒީރުންގެ މަޖިލީހަށް ހުށަހެޅި ކަރުދާހަކަށް ވަޒީރުން މަޝްވަރާ ކުރެއްވުމަށްފަހު ދެއްވި ލަފާފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.
ވަޒީރުންގެ މަޖިލީހުގެ ނިންމުންތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމަށް އަމިއްލަ ފަރާތްތަކަށް ފުރުސަތު ދިނުމަށް މިދިޔަ އާދިއްތަ ދުވަހު އޮތް ކެބިނެޓް ބައްދަލުވުމުގައި ނިންމަވާފައިވާ ކަމަށެެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރަން ހޯމް ލޭންޑް މިނިސްޓްރީން ހުށަހެޅި ގޮތަށް އަމިއްލަ ފަރާތްތަކަށް ރިހެބިލިޓޭޝަން ސެންޓަރުތައް ހިންގުމުގެ ފުރުސަތު ދޭން އާދީއްތަ ދުވަހު ސަރުކާރުން ނިންމާފައިވަ ކަމަށެވެ.
"[ވަޒީރުންގެ މަޖިލީހުން ނިންމެވީ] ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭ ގޮތަށް [މިފަދަ ތަންތަން] ހިންގަން،" ނާޒިމު ވިދާޅުވި އެވެ.
ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު 8،000 މީހުންނާ ގާތްކުރާނެ ކަމަށް ތަފާސްހިސާބުތަކުން ދައްކާއިރު މިއީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމެއް ކަމަށް މިސަރުކާރުން ގަބޫލުކުރާތީ ނެޝަނަލް ޑްރަގު އެޖެންސީ (އެންޑީއޭ) ވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. ނިމިދިޔަ ސަރުކާރުގައި އެންޑީއޭ ކުރިން ހިންގަމުން ގެންދިޔައީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.