މާލޭގެ ޒިކުރާ މިސްކިތުގެ ތެރެއަށް ބިސް ޖެހީ ނަފްސާނީ މައްސަލައެއް ހުންނަ މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.
ޒިކުރާ މިސްކިތުގެ ނަމާދު ކުރާ ބައިގެ ތެރެއަށް ބިސްތަކެއް ތަޅާލި މައްސަލަ ފުލުހުންނަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހުގެ ރެ އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލަ ބެލިއިރު އެކަން ކޮށްފައިވަނީ ނަފްސާނީ ބައްޔަށް ފަރުވާ ކުރަމުންދާ މީހެއް ކަމަށް އެނގިފައިވާ ކަމަށެވެ.
މި މީހާއަކީ ބަލި މީހަކަށް ވާތީ އޭނާ ހައްޔަރު ކުރުމުގެ ބަދަލުގައި ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން އޭނާއަށް ފަރުވާ ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.
މާލޭގެ މިސްކިތްތަކުގެ ތެރެއަށް ކުޑަކަމުދިއުމާއި ހަތިމަށް ކުޅުންޖެހުން ފަދަ އަމަލުތައް މީގެކުރިންވެސް ބައެއް މީހުން ކޮށްފައިވެ އެވެ.
ގިނަ ފަހަރު މިފަދަ އަމަލުތައް ހިންގާފައި ހުންނަނީ ނަފްސާނީ ބަލި މީހެއް ކަމަށް ފުލުހުންގެ ރެކޯޑްތަކުން ދައްކަ އެވެ.