ހަބަރު

ޕާޕާ އާއި އަދީބުގެ ދެ ބޮޑީ ގާޑްގެ ބަންދަށް 15 ދުވަސް ޖަހައިފި

"ފިނިފެންމާ" ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި އިއްޔެ ހައްޔަރުކުރި މާލޭ އޭރިޔާގެ ކޮމާންޑަރު، އަހުމަދު ފަޔާޒު (ޕާޕާ) އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ދެ ބޮޑީގާޑުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މީގެ ކުރިން އެސްޕީޖީ އާއި ބަޑި ގުދަން ވެސް ބަލަހައްޓަން ހުންނެވި، ފަޔާޒު މިިދޔަ އޮކްޓޯބަރު މަހުން ފެށިގެން، ހުރީ ސިފައިން ގޭގައި ބަންދުގަ އެވެ. އިއްޔެ އޭނާ ދޫކޮށްލުމާއެކު ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ޕާޕާ ހައްޔަރުކޮށްފަ އެވެ. އޭނާގެ އިތުރުން އަދީބުގެ ބޮޑީގާޑުން ކަމަށްވާ ކޯޕްރަލް އަހްމަދު އާމިރާއި ސާޖެންޓް އަހްމަދު ރިކާޒް ވެސް ހައްޔަރުކުރީ އިއްޔެ އެވެ.

ފުލުހުންގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ފިނިފެންމާ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާއާއި ގުޅިގެން އިއްޔެ ހައްޔަރު ކުރި ތިން މީހުންގެ ބަނދަށް ވެސް 15 ދުވަހުގެ މުއްދަތެއް ޖަހައިފަވާ ކަމަށެވެ.

ރައީސްއަށް އަމާޒުކޮށް ރިޔާސީ ލޯންޗައް ދިން ހަމަލާއާއި ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެހެން ބައެއްގެ މައްޗަށް ދައުވާ ކުރަން ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފަ އެވެ. އަދި އަދީބާއި ދެކޮޅަށް ވެސް ސާބިތުވާ ވަރަށް ހެކިހުރި ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވަނީ ވިދާޅުވެފަ އެވެ.