ގއ. ނިލަންދޫ

ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ސާވޭކުރަން ހަވާލުކޮށްފި

ފ. ނިލަންދޫގައި އެއާޕޯޓެއް އެޅުމަށްޓަކައި ސާވޭތައް ހެދުމާއި އީއައިއޭ ހެދުން އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

މިމަޝްރޫއުގައި ސޮއިކުރުމަށްފަހު މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ނިލަންދޫގައި އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފެށޭނީ އަދި މިމަޝްރޫއަށް ސަރުކާރުން ކުރަންޖެހޭ ހަރަދު އެނގޭނީ އެމްޓީސީސީއާ ހަވާލުކުރި ސާވޭއާއި އީއައިއޭގެ މަސައްކަތް ނިމުމުން ކަމަށެވެ.

"ބޭނުން ވާނީ ކިހާ ވަރެއްގެ ވެއްޔެއްތޯ ކިހާ ވަރެއްގެ ޝޯ ޕްރޮޓަކްޝަނެއްތޯ އެނގޭނީ ދިރާސާތައް ނިމުމުން،" މުއްތަލިބް ވިދާޅުވި އެވެ.

ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް ބޭނުންވާ ބިން ހިއްކުމަށް މިއަހަރުގެ ބަޖެޓްގައި ފައިސާ ވަނީ ހިމަނާފަ އެވެ.

ފ. މަގޫދޫގައި އެއާޕޯޓެއްގެ މަސައްކަތް ކުރިއަށް ދަނިކޮށް ފ. ނިލަންދޫގައި އެއާޕޯޓެއް އަޅަނީ ކީއްވެގެންތޯ ނޫސްވެރިޔަކު ދެންނެވުމުން މިނިސްޓަރު މުއްތަލިބް ވިދާޅުވީ އެއާޕޯޓް އަޅާނެ ތަންތަން ކަނޑައަޅަނީ އެ މިނިސްޓްރީން ކަމަށް ނުވާތީ އެކަމުގައި އެއްޗެއް ދަންނަވަން ދަތި ކަމަށެވެ.

"މިއަހަރު ބަޖެޓްގައި ހިމެނިފައި އޮތް މަޝްރޫއެއް މަޝްރޫއަކީ. އަދި ކުރީގެ ސަރުކާރުތަކުންވެސް އެކި ގޮތްގޮތަށް ޕްލޭން ކޮށްފައި އޮތް މަޝްރޫއެއް މަޝްރޫއަކީވެސް،" ނިލަންދޫ އެއާޕޯޓް މަޝްރޫއާ ގުޅޭ މުއްތަލިބް ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ އެއާޕޯޓް އަޅާނެ ތަންތަން ސަރުކާރުގެ ކަމާ ގުޅޭ އިދާރާތަކުން ކަނޑައަޅަނީ ޓޫރިޒަމް ތަރައްގީވެގެން އަންނަ ގޮތަށް ބެލުމަށްފަހު ރަށްރަށުގެ ރައްޔިތުންނާވެސް މަޝްވަރާ ކުރެވިގެން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ ނިންމީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ. މިމަޝްރޫއަށް ބޭނުންވާ ފައިސާ 2018 އަދި 2019 އަހަރުގެ ބަޖެޓުގައި ވެސް ހިމެނި އެވެ. ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ނިލަންދޫގައި އެއާޕޯޓެއް އެޅުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި އިސްކަން ދެއްވީ ފ. މަގޫދޫގައި އެއާޕޯޓެއް އެޅުމަށެވެ. މިމަޝްރޫއުގެ މަސައްކަތްވެސް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ. މަގޫދޫ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުން ނިންމުމަށްފަހު އެއާޕޯޓް އެޅުމުގެ އަމަލީ މަސައްކަތުގައި ކުރަންޖެހޭ މަސައްކަތްތައްވެސް މަގޫދޫގައި ކުރިއަށް އެބަދެ އެވެ.