ހުޅުމާލެ

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް ސިޓީ ކައުންސިލް ދަށަށް ބަދަލުކުރަން އެއްބަސްވެއްޖެ

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ކަމާ ގުޅޭ އިދާރާތަކުން އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު އޮތް ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އެވެ. އާބަންކޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝް އެވެ.

ހުޅުމާލޭގެ މުނިސިޕަލް ހިދުމަތްތައް މާލެ ސިޓީ ކައުންސިލްގެ ދަށަށް ބަދަލުކުރުމަށް ނިންމާ ސަރުކާރުން އެކަން އިއުލާން ކުރީ މިދިޔަ މަހުގެ 31 ވަނަ ދުވަހު އެވެ.

މިއެއްބަސްވުމުގެ ދަށުން މިއަދުން ފެށިގެން އެއްމަސް ދުވަސް ފަހުން ހުޅުމާލޭގައި މުނިސިޕަލް ހުރިހާ ހިދުމަތެއް ދޭން ފަށާނީ މާލެ ސިޓީ ކައުންސިލުންނެވެ.

މީގެއިތުރުން އާބަންކޯގައި ރަށްވެހިކަމުގެ ހިދުމަތްތައް ފޯރުކޮށްދެމުންދާ މުވައްޒަފުންނާއި، ރަށްވެހިކަމުގެ ހިދުމަތްތަކާއި ގުޅޭގޮތުން ތަރައްގީކޮށްފައިވާ ބިންތަކާއި އިމާރާތްތަކާއި އެކަމާ ގުޅޭ ވެހިކަލްތަކާއި ޓޫލުސްތަކާއި އަދި އިކުއިޕްމަންޓްސް މާލެ ސިޓީ ކައުންސިލާ ހިއްސާކުރުމަށްވެސް އެއްބަސްވެފައިވެ އެވެ. އަދި މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތަކަށް ބޭނުންވާނެ ވޯކް ސައިޓް، އޮފީސް ޖާގަ މިއަދުން ފެށިގެން 12 މަސް ދުވަހަށް އަގެއް ނެގުމަކާ ނުލައި އާބަންކޯ އިން ސިޓީ ކައުންސިލާ ހިއްސާކުރުމަށްވެސް އެއްބަސްވެފައިވެ އެވެ.

މާލެ ސިޓީ ކައުންސިލްގެ ދަށަށް ހުޅުމާލެ ބަދަލުކުރުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ފުރަތަމަ 100 ދުވަހުގެ ތެރޭގައި މިވައުދު ފުއްދުމަށް މެނިފެސްޓޯގައި ހިމަނާފައިވެ އެވެ.