ޑރ. މުހައްމަދު މުއިއްޒު

ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަނީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މިދަތުރުފުޅު ކުރިއަށް ގެންދަވާނީ މިމަހުގެ 7 އިން 12 އަށެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޗައިނާއަށް ކުރައްވާ މިދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ރަސްމީ ދަތުރުފުޅެއްގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ތުރުކީ އަށެވެ. އޭގެފަހުން ތުރުކީ މަގުން ޔޫއޭއީ އަށް ވަޑައިގެން ކޮޕް 28 ސަމިޓްގައިވެސް ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަން ތައްޔާރުވަމުންދާއިރު އެމަނިކުފާނުގެ މިސަރުކާރު ވާނީ ޗައިނާއާ ވަރަށް ގާތްގުޅުމެއް އުފައްދާނެ ސަރުކާރަކަށް ކަމަށް ބުނެ ވާދަވެރި ސިޔާސީ ބޭފުޅުން މިހާރުވެސް ގެންދަވަނީ ވާހަކަދައްކަވަމުންނެވެ.