ޣާއްޒާއިން ފަލަސްތީންގެ މީހުން ބޭލުމާ މެދު އެމެރިކާއާއި ޔަހޫދީ ދައުލަތާ ދެމެދު ކޮންމެވެސް ވަރެއްގެ ޒުވާބެއް -- ފަރުދާގެ ފަހަތުގައިވަނީ ހިނގާފަ އެވެ. އެމެރިކާއިން ބުނަނީ އެކަން ކޮށްގެން ނުވާނެ ކަމަށެވެ. ޔަހޫދީންގެ ބުނުން އެމެރިކާއާ ފުށުއަރަ އެވެ.
ޒަޔަނިސްޓް ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓުގައި ހިމެނޭ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެންގަވީރު ވިދާޅުވި ގޮތުން އެމެރިކާ ބުނާހާ ގޮތެއް ހަދަން ޔަހޫދީ ދައުލަތަކީ އެމެރިކާގެ ދިދައަށް އިތުރުވާނެ ތަރިއެއް ނޫން ކަމަށެވެ.
އެމެރިކާ ދިދައިގައި 50 ތަރި ހިމެނެ އެވެ. އެއިން ކޮންމެ ތަރިއެއް ރަމްޒުކޮށްދެނީ ވަކި ސްޓޭޓެކެވެ. މިއިން ސްޓޭޓެއް ވަކި ސަރުކާރެއް ކަހަލަ ގޮތަކަށް ހިންގި ނަމަވެސް ކޮންޓްރޯލް ކުރަނީ މައި ސަރުކާރުންނެވެ. ރައީސަކީ އެ ވަގުތަކު އެމެރިކާގެ ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅެކެވެ.
ޒަޔަނިސްޓު އިތަމާރު ބެންގަވީރު އެ ވިދާޅުވާ ވިދާޅުވުމަކީ އެމެރިކާ ކުރާހާ އަމުރަކަށް ޔަހޫދީ ދައުލަތުން ތަބާވާން ނުޖެހޭނެ ކަމެވެ. އެމެރިކާ ކުރާހާ އަމުރަކަށް ތަބާވާ ޖެހޭނީ އެމެރިކާއަށް ނިސްބަތްވާ ސްޓޭޓްތަކުން ކަމެވެ.
ޔަހޫދީ ދައުލަތަކީ އެމެރިކާގެ ސްޓޭޓެއް ނޫން ކަމަށް ބެންގަވީރު ވިދާޅުވި އެވެ. އަދި އެއީ ދުވަހަކު ވެސް ވާނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އިރުމަތީ ޣައްޒާ މުޅިން ހުސްކުރުމަށްޓަކައި އެ ސަރަހައްދުން މީހުން ބޭލުމަކީ ކޮންމެހެންވެސް ކުރަން ޖެހޭ ކަމެއް ކަމަށް ޒަޔަނިސްޓް ކެބިނެޓުން ދެކެ އެވެ. ޒަޔަނިސްޓުންގެ މި ވިސްނުމަކީ އެމެރިކާ ވަރަށް ކަންބޮޑުވާ ކަމެކެވެ.
ފަލަސްތީން މީހުން ގައުމުން ބޭރުކޮށް ބައިތިއްބަން އެއްބަސްވާނެ ގައުމެއް އެފްރިކާ އިން ލިބޭތޯވެސް ޔަހޫދީ ދައުލަތުން އެބަ ބަލަ އެވެ. ޔަހޫދީ އޮފިޝަލުން މީގެ ދުވަސްތަކެއް ކުރިން ވަނީ އެފްރިކާގެ ގައުމެއް ކަމަށްވާ ކޮންގޯއާވެސް މަޝްވަރާކޮށްފަ އެވެ.
އެފްރިކާ ނޫން ނަމަވެސް ފަލަސްތީން މީހުން ރެފިއުޖީން ގޮތުގައި ބައިތިއްބާނެ އެހެން ގައުމެއް ހޯދުމަކީވެސް ޔަހޫދީން ވިސްނާ ވިސްނުމެކެވެ.
ބެންގަވީރު ވިދާޅުވި ގޮތުގައި ފަލަސްތީން މީހުންނަށް ދުވާލު އަލިވިލެނީ ޔަހޫދީން ނައްތާލަން އެދިއެދި ތިއްބަ އެވެ. ޔަހޫދީއަކު އަތުޖެހިއްޖެނަމަ މަރާލުން، އަނިޔާކުރުން، މަގުހިންގުން އަދި ދިރިހުއްޓާ ނޮޅާލުމަކީ ފަލަސްތީން މީހުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޣައްޒާއިން މީހުން ބޭރުކުރުމަކީ އެމެރިކާ ދެކޭ ގޮތުގައި އެއްގޮތަކަށްވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. އެ މީހުންގެ އަމިއްލަ ވަޒަނުން ބޭރުކުރުމަށް އެމެރިކާ އެއްވެސް ތާއީދެއް ނޯންނާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.