ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2024

ނިޔާޒު ކުރެންދޫ ދާއިރާއަށް ވާދަކުރައްވަނީ

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ކުރެންދޫ ދާއިރާއަށް ވާދަކުރެއްވުމަށް ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ނިންމަވައިފި އެވެ.

ސޯޝަލްމީޑިއާގައި ނިޔާޒު ކުރެއްވި ޕޯސްޓެއްގައި ވަނީ 18 ވަނަ ރައްޔިތުންގެ މަޖިލީހާއި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހަށް ކުރެންދޫ ދާއިރާގެ ރައްޔިތުން އަގުލަބިއްޔަތު ދިނީ އެމްޑީޕީގެ ކެންޑިޑޭޓަށްކަން ފާހަގަކުރައްވާފަ އެވެ.

ކުރެންދޫ ދާއިރާއަށް ވާދަކުރައްވާކަން ހާމަކުރައްވާ އަލީ ނިޔާޒް ވިދާޅުވީ 20 ވަނަ މަޖިލީހަށްވެސް އެ ދާއިރާއިން ހޮވާނީ އެމްޑީޕީގެ ކެންޑިޑޭޓެއް ކަމަށެވެ.

ނިޔާޒްއަކީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޮއްކޮ އެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރެންދޫ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި އިންތިހާބު ވެވަޑައިގެންނެވި އަބްދުލްޣަނީ އަބްދުލްޙަކީމް މިދިޔަ މަހު ވަނީ ވެރިކަންކުރާ ޕީއެންސީއާ ގުޅިވަޑައިގެންފަ އެވެ. 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ކުރެންދޫ ދާއިރާއަށް އިންތިހާބު ވެވަޑައިގެންނެވީ އެމްޑީޕީ ޓިކެޓްގައި ވާދަކުރެއްވި އަބްދުލްބާރީ އަބްދުﷲ އެވެ.