ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާތަކަކީ ނަސްލު ނައްތާލަން ދެމުން ގެންދާ ހަމަލާތަކެއް ކަމަށް ބުނެ ދެކުނު އެފްރިކާއިން ވަނީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހަޅާފަ އެވެ.
ޣައްޒާގެ އާބާދީ ބޮޑު ބިން ހަނގުރާމައިގެ މައިދާނަކަށް ޒަޔަނިސްޓުން ހަދާފައިވާ ކަމަށް ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލައިގައި ބުނެފައި ވެއެވެ.
ދެކުނު އެފްރިކާ އިން ޔަހޫދީ ދައުލަތާ ދެކޮޅަށް އައިސީޖޭއަށް ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ހޮސްޕިޓަލް ތަކަށާއި ރެފިއުޖީ ކޭމްޕްތަކަށް އަދި މީހުން އެންމެ ގިނައިން އެއްވެ އުޅޭ މާކެޓްތައް ފަދަ ތަންތަނަށް ބޮމާއި ރޮކެޓުން ދިން ހަމަލާތަކަކީ ގަތުލުއާންމެއް ކަމަށެވެ.
ރިޕޯޓްތައްް ބުނާ ގޮތުން އައިސީޖޭ އިން މިހާރު ވަނީ މި މައްސަލަ އެޖެންޑާކޮށްފަ އެވެ. އައިސީޖޭ އިން މައްސަލަ ބަލަން ފަށައި ޔަހޫދީ ދައުލަތާ ދެކޮޅަށް ދައުވާ އުފުލައިފިނަމަ ހެކި ހެށަހެޅުމާއި ސަބަބުން ބަޔާކުރުން -- މައްސަލާގައި ޝާމިލުވާ ދެ ފަތަރާތަށްވެސް އޮންނާނެ އެވެ.
އައިސީޖޭގައި އޮތް މި މައްސަލަ ހިންދާލުމަށްޓަކައި ޒަޔަނިސްޓު ސަރުކާރުން މިހާރު ވަނީ ދަށުން ކުޅެން ފަށާފަ އެވެ. މިގޮތުން އެކި ބައްރުތަކުގައި ޔަހޫދީ ދައުލަތް ތަމްސީލުކުރާ އެމްބަސީތަކުން އެ އެމްބަސީއެއް ހުރި ގައުމަކަށް ޕްރެޝަރު ކުރަން ޔަހޫދީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ވަނީ އަންގާފަ އެވެ.
އެމްބަސީތަކުން ކުރަންޖެހޭ ކަމަކީ ޔަހޫދީ ދައުލަތާ ދެކޮޅަށް ވޯޓުދޭނެ ކަމަށް ބެލެވޭ ގައުމުތަކުގެ ވެރިންގެ ބޮލަށް ފިތައި ބިރުދެއްކުމެވެ. އަދި ކޮންމެ ހާލަތެއްގައި ނަމަވެސް ޔަހޫދީ ދައުލަތާ ދެކޮޅަށް ވޯޓު ދިނުން މަނާކުރުމަކީ އެ އެމްބަސީއަކުން ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ވަނީ އަންގާފަ އެވެ.
ޔަހޫދީ ދައުލަތާ ދެކޮޅަށް އދ އަށް ހުށަހަޅާ މައްސަލަތަކަށްވެސް ޒަޔަނިސްޓް ސަރުކާރުން ހަދަނީ މިގޮތަށެވެ.
އެމެރިކާ އާއި ބައިވެރިން ގާތު ކުސްތަޅައި އދ ގައި އޮންނަ މައްސަލަތައް އެޖެންޑާކުރުން މަނާކުރުމަށްވެސް ޔަހޫދީ ދައުލަތުން ކިތަންމެ ފަހަރަކު ވަނީ އެދިފަ އެވެ.
ޔަހޫދީ ދައުލަތާ ދެކޮޅު މައްސަލައެއް އދގައި ބަލާނަމަ ޔަހޫދީންނާ ދެކޮޅަށް ވޯޓުދޭ ގައުމުތަކުގެ ނަން ނޯޓުކުރުމާއި އަދި ބިރުދައްކައި އިންޒާރުދީގެން ވެސް ބައެއް ވޯޓުތައް ވަނީ ޔަހޫދީންނާ އެއްކޮޅަށް އަނބުރާލާފަ އެވެ.
އދގައި ވޯޓެއް ނަގާ ނަމަ ޔަހޫދީ ދައުލަތް ހިމާޔަތްކުރުމަކީ އެމެރިކާ އަށާއި އިނގިރޭސިންނަށް އޮތް ވާޖިބެކެވެ. އެއްގޮތަށް ނުވެއްޖެނަމަ ދެން އޮތް ގޮތަކަށް ޔަހޫދީންނަށް ބައިބޮޑުކުރުމަކީ އެމެރިކާ އިން އަބަދުވެސް ކުޅޭ ކުޅިވަރެކެވެ.
އެ ނޫން ގޮތެއްގައި ވީޓޯ ކޮށްގެން ނަަމަވެސް ޔަހޫދީ ދައުލަތް ހިމާޔަތްކުރުމަކީ އެމެރިކާއަށް ވާޖިބެއް ކަމަށް އެ ގައުމުން ދެކެ އެވެ.