އެމްއެންޑީއެފް

ރާއްޖެ ސަރަހައްދުގައި ބޭރުގެ އުޅަނދަކަށް ހަމަލާދީފައެއް ނުވޭ

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހަައްދާއި ކައިރިން ދަތުުރުކުރި އެއްވެސް އުޅަނދަކަށް ޑްރޯން ބޭނުންކޮށްގެން އެއްވެސް ހަމަލާއެއް ދީފައިވާ ކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައި މިވަނީ ޔަމަންގެ ހޫސީ ހަނގުރާމަވެރިން ޑްރޯނެއް ބޭނުންކޮށްގެން އިޒްރޭލަށް ތެޔޮ އުފުލި ޓޭންކަރަކަށް ރާއްޖެ ސަރަހައްދުން ހަމަލާދީފައިވާ ކަމަށް ބުނެ ރެއިން ފެށިގެން ސޯޝަލްމީޑިއާގައި ދައުރުކުރާ ހަބަރަކާ ގުޅިގެންނެވެ.

އެމްއެންޑީއެފް އިން މިރޭ ބުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ނުވަތަ ރާއްޖޭގެ ކަނޑުގެ ސަރަހައްދާ ކައިރި ހިސާބެއްގައި އެފަދަ ހާދިސާއެއް ހިނގިކަމަށް ފަތުރަމުންދާ ހަބަރަކީ ސައްހަ މައުލޫމާތެއްގެ މައްޗަށް ފަތުރާ ހަބަރެއް ނޫން ކަމަށެވެ،

"މިފަދަ ހާދިސާއެއް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ނުވަތަ ރާއްޖެއާ ކައިރިން ހިނގިކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތް. އަދި މިފަދަ މަޢުލޫމާތެއް ސަރަހައްދީ އިދާރާތަކަށްވެސް ލިބިފައިވާ ކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަން ފާހަގަކުރަން،" އެމްއެންޑީއެފް އިން ބުންޏެވެ.

ސިފައިންގެ އިން އިތުރަށް ބުނީ ފަތުރަމުންދާ ހަބަރަށް އިތުރަށް ބެލިބެލުމުން ފަތުރަމުންދާ ބަައެއް މައުލޫމާތާއި ފޮޓޯއަކީ މިީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޭރުން، ހިނގާފައިވާ ހާދިސާތަކާ ބެހޭ މައުލޫމާތާއި ފޮޓޯކަން ފާހަގަކުރެވޭ ކަމަށެވެ.