ދުނިޔެ

ބައިޑަން ސަރުކާރަށް ޣައްޒާ ހަނގުރާމަ ހުއްޓުވޭނެ، އެކަމަކު ހުއްޓުވާކަށް ނޫޅޭ

ޔަހޫދީ ދައުލަތުން ފަލަސްތީންގެ ޣައްޒާއަށް ދެމުން ގެންދާ ހަމަލާތައް އެމެރިކާ ނޫން ބަޔަކަށް ނުހުއްޓުވޭނެ އެވެ. މިއީ ދުނިޔޭގެ ސިޔާސަތު އޮތް ގޮތް ދަންނަ ކޮންމެ މީހަކަށް ވެސް ގަބޫލުކުރަން ފަސޭހަ ކަމެކެވެ.

އެކަމަކުވެސް ހިތާމަ އަކީ އެމެރިކާއިން -- ޖޯ ބައިޑަންގެ ސަރުކާރުން ޣައްޒާ ހަނގުރާމަ ހުއްޓުވަން ނޫޅުމެވެ.

އޮކްޓޯބަރު ހަތެއްގައި ހަމާސްއިން ޒަޔަނިސްޓް އާބާދީތަކަށް އަރައިގަތުމާ ގުޅިގެން ފެށުނު ޣައްޒާ ހަނގުރާމައަށް ތިން މަސްދުވަސްވީ އެވެ. ހަމަލާތައް ހުއްޓާލައި މަޝްވަރާއަށް އެއްވެސް ދޮރެއް -- މޭޒެއް ނެތެވެ.

މެދުއިރުމަތީގައި، ފަލަސްތީންގެ ބިންތަކުގައި ޔަހޫދީ ދައުލަތެއް ދެމެހެއްޓުމަށް އެމެރިކާއާއި އިނގިރޭސިން ވެފައި އޮތް ވައުދު ދެމެހެއްޓުމަށް -- މި ދެ ގައުމުން ދަނީ ޔަހޫދީންނަށް ހަތިޔާރާއި ފައިސާ ދެމުންނެވެ.

ޣައްޒާ ހަނގުރާމާގައި ޔަހޫދީންގެ ހަމަލާތަކުގައި ފަލަސްތީނުން 22،500 މީހުން މަރުވެފައިވާއިރުވެސް ހަނގުރާމަ ހުއްޓުވުމުގެ ވިސްނުމެއް އެމެރިކާ ނުގެންގުޅެ އެވެ.

އެމެރިކާ އޮތީ ޔަހޫދީން ބޭނުން ގޮތެއް ޣައްޒާއަށް ހަދަން ދޫކޮށްލައިގެންނެވެ.

ޣައްޒާ ހަނގުރާމައިގެ ސަބަބުން ގެދޮރުގެއްލި ބަނޑަށް ޖެހިފައި ތިބި މީހުން އެތައް މިލިއަނަކަށް ވަނީ އަރާފާ އެވެ. ނަމަވެސް އެމެރިކާގެ ވެރިކަމުގައި ހުންނެވި ޖޯ ބައިޑަންއަށް މިއީ ކަންބޮޑުވެ ވަޑައިގަންނަވާ ވަރުގެ ކަމެއް ނޫނެވެ.

އެމެރިކާގެ ފޮރިން މިނިސްޓަރު އެންޓަނީ ބްލިންކެން މިހާރު އުޅުއްވަނީ ތުރުކީގަ އެވެ. އެއީ ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ ހަނގުރާމައާ ބެހޭ ގޮތުން ތުރުކީގެ ވެރިންނާ އެކު މަޝްވަރާކުރެއްވުމަށެވެ.

ޣައްޒާ ހަނގުރާމަ އަކީ އެމެރިކާއިން ކުރުވާ ހަނގުރާމައަކަށް ވާއިރު ތުރުކީގެ ވެރިންނާ އެކު ކުރާ މަޝްވަރާއަކުން ހަނގުރާމަ ހުއްޓޭނެ ގޮތެއް ނުވާނެ އެވެ.

ހަނގުރާމަ ހުއްޓެއް އޮތީ އެމެރިކާއިން ޒަޔަނިސްޓު ސަރުކާރަށް ޕްރެޝަރުކޮށް -- ހަނގުރާމަ މިހާރު ހުއްޓާލާށޭ ބުނި ދުވަހަކުންނެވެ.

ޣައްޒާއަށް ހަމާދިނުމުގައި އެމެރިކާއާ ޔަހޫދީ ދައުލަތުން ގެންގުޅެނީ އެއްވިސްނުމެކެވެ. އެ މީހުންގެ އޮތީ އެއް ބޭނުމެކެވެ. އެއީ ޣައްޒާއިން މީހުން ހުސްކޮށް އެ ސަހަރައްދު އިގުތިސާދީ މަރުކަޒަކަށް ބަދަލުކޮށްލުމެވެ.