ޒަޔަނިސްޓުން ޣައްޒާއަށް އެއްގަމު މަގުން އަރައިގަނެ، އުތުރު ޣައްޒާ އިން މީހުން ހުސްކޮށް ފިހާރަތަކާއި އާންމުންގެ ގެދޮރަށް ވަދެ، ލޫޓުވައި ރަނާއި ފައިސާ އިން ވައްކަންކޮށްފި އެވެ.
ޣައްޒާ މީޑިއާ އޮފީހުން ބުނާ ގޮތުން ރަނާއި އާސާރީ ތަކެތި ހިމެނޭ ގޮތުން އަގުކޮށްފިނަމަ ޔަހޫދީން ވަގަށް ނެތި ތަކެތި 25 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ އެވެ.
މި މައުލޫމާތު ހޯދި ގޮތް ކިޔައިދެމުން މީޑިއާ އޮފީހުން ބުނީ މައުލޫމާތު ހޯދީ މީހުންގެ ޝަކުވާ އާއި ވައްކަމުގެ ރިޕޯޓްތައް ބަލައި ކުރި ދިރާސާތަކުން ކަމަށެވެ.
އާންމުންގެ އެތައް ބައެއްގެ އަތުގައި ހުރި ފައިސާއާ ރަނާއި ރިހި އަދި އާއިލާގައި ހުރި އަގުބޮޑު ތަކެތި -- ބިރުދައްކައިގެން އެ މީހުންގެ އަތުން އަތުލާފައިވާ ކަމަށް ބުނާ ރިޕޯޓްތައް ލިބިފައި ހުރި ކަމަށް މީޑިއާ އޮފީހުން ބުނެ އެވެ.
ޔަހޫދީން އެންމެ ގިނައިން ވައްކަންކޮށްފައިވަނީ އުތުރު ޣައްޒާއިން ކަމަށްވެސް މީޑިއާ އޮފީހުން ބުނެ އެވެ.
އދ އާއި ދުނިޔޭގެ އެހީ ފޯރުކޮށްދޭ އެހެން ޖަމާއަތްތަކުން ޣައްޒާއަށް ދީފައި ހުރި އެހީތައްވެސް ޔަހޫދީން ވަަގަށް ނަގާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޣައްޒާގައި ބަނޑަށް ޖެހިފައި ތިބި މީހުންނަށް ކާންދިނުމަށް އުރުދުން ފަދަ އަރަބި ގައުމުތަކުން ވައިގެ ތެރެއިން ބިމަށް ވައްޓާލާފައި ހުރި ޕެކޭޖުތައްވެސް ޔަހޫދީން ވަގަށް ނަގާ ކަމުގެ ރިޕޯޓްތަކެއް މީގެ ކުރިން ފެތުރިގެން ދިޔަ އެވެ.
ޣައްޒާގެ އާންމުނަށް އެހީދޭ ޖަމިއްޔާތަކުން ދީފައި ހުރި ފައިސާ އާއި ފިނި މޫސުމަށް ހާއްސަ ފޭރާން ފަދަ ތަކެތިވެސް ޔަހޫދީން ވަނީ ގެންގޮސްފަ އެވެ.
މީޑިއާ އޮފީހުން ބުނާ ގޮތުން މިސްކިތްތަކާއި ސްކޫލްތަކުގައި ބަހައްޓާފައި ހުރި ފަންޑު ފޮށިތައްވެސް ވަނީ ވަގަށް ނަގާފަ އެވެ.
އޮކްޓޯބަރު ހަތަކުން ފެށިގެން ހުއްޓުމެއް ނެތި ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން ފަލަސްތީންގެ އެތައް ބަޔަކު ވަނީ ގެދޮރު ދޫކޮށް ގޮސްފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޣައްޒާ މިހާރު އޮތީ މީހުން ދިރިއުޅެން ކަމުދާ ވަރަށް ވުރެ ދެރަހާލުގަ އެވެ.
ޔަހޫދީ ޖެޓުތަކުން ޣައްޒާއަށް އެޅި ބަޑިބޭހުގެ ސަބަބުން، ޣައްޒާގެ ދަނޑުވެރިކަމަށާއި މާބަނޑު މީހުންނަށް ގެއްލުންވާނެ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ. އަދި އުފަންވާ ކުދިންގެ ކިބައިގައި އުނިކަން ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ.